ށ. އަތޮޅު ސްކޫލުތަކަށް ޚާއްސަކޮށް ކުރިއަށް ގެންދާ "ވިޔަވަތި ގުރުއާން މުބާރާތް" ފަށައިފި

ށަވިޔަނި އަތޮޅުގެ ސްކޫލުތަކަށް ޚާއްސަކޮށް އެއަތޮޅު ކައުންސިލުން ކުރިއަށްގެންދާ ވިޔަވަތި ގުރުއާން މުބާރާތުގެ ތެރެއިން -- ސަން ޕޮޓޯ/ މުހައްމަދު އަފްރާހް

ށ. އަތޮޅުގެ ސްކޫލުތަކަށް ޚާއްސަކޮށް އެ އަތޮޅު ކައުންސިލުން ކުރިއަށްގެންދާ "ވިޔަވަތި ގުރުއާން މުބާރާތް" މިއަދު ފަށައިފިއެވެ.

މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހާ ހަމައަށް ކުރިއަށްގެންދާ ގުރުއާން މުބާރާތާ ގުޅޭގޮތުން "ސަން" އަށް މައުލޫމާތު ދެއްވަމުން އެ އަތޮޅު ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރު މުޙައްމަދު ހަސަން ވިދާޅުވީ މި ގުރުއާން މުބާރާތް ކުރިއަށް ގެންދަނީ ށ. އަތޮޅުގެ 14 ސްކޫލަށް ހުޅުވާލައިގެން ކަމަށެވެ. އަދި މި މުބާރާތުގައި ބައިވެރިވީ އެ އަތޮޅުގެ 10 ސްކޫލަކުން 85 ދަރިވަރުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ށަވިޔަނި އަތޮޅުގެ ސްކޫލުތަކަށް ޚާއްސަކޮށް އެއަތޮޅު ކައުންސިލުން ކުރިއަށްގެންދާ ވިޔަވަތި ގުރުއާން މުބާރާތުގެ ތެރެއިން -- ސަން ޕޮޓޯ/ މުހައްމަދު އަފްރާހް

އޭނާ ވިދާޅުވީ މި މުބާރާތުގެ އެންމެ ބޮޑު މަގުސަދަކީ އަންނަ އަހަރުގެ ގައުމީ މުބާރާތުގައި ކިޔަވާނެ ކުދިން ހޮވުން ކަމަށެވެ. އެގޮތުން މުބާރާތުގެ އުމުރުފުރާތަށް ވެސް ހުންނާނީ ގައުމީ މުބާރާތުގެ އުމުރުފުރާތަކާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"އޭގެ އިތުރުން ކުދިންގެ ހިތްތަކުގައި ދީނީ ލޯބި އިތުރުކޮށް ދީނީ ކަންކަމަށް ހިތް ޖެއްސުވުމަށް އަތޮޅުތެރޭގައި ގުރުއާން ކުރިއެރުވުމަށް ކުރިއަށް ގެންދާ މުބާރާތެއް މިއީ،" އޭނާ ވިދާޅުވިއެވެ.

ފުނަދޫގައި ކުރިއަށްގެންދާ މި މުބާރާތުގެ މެއިން ސްޕޮންސަރަކީ އެސްޓީއޯއެވެ. ކޯ ސްޕޮންސަރަކީ ފެނަކައެވެ. މި މުބާރާތުން އެއްވަނައަށް ދާ ސްކޫލަކަށް ކަނޑައެޅިފައިވާ އިނާމަކީ 10،000 ރުފިޔާއެވެ. އަދި ދެވަނައަށް ދާ ސްކޫލަށް 7،000 ރުފިޔާ އަދި ތިން ވަނައަށް ދާ ސްކޫލަށް 5،000 ރުފިޔާގެ ފައިސާގެ އިނާމު ކަނޑައަޅާފައިވެއެވެ.

comment ކޮމެންޓް