އެންމެން ގުޅިގެން ނޫނީ ނަފްސާނީ މައްސަލަތައް ހައްލެއް ނުވާނެ: މެޑަމް

މީޑިއާ ސެންސިޓައިޒޭޝަން ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތުގައި މެޑަމް ފަޒްނާ -- ފޮޓޯ/ ހެލްތު މިނިސްޓްރީ

އެންމެން ގުޅިގެން ނޫނީ ދިވެހީންނަށް ދިމާވެފައިވާ ނަފްސާނީ މައްސަލަތައް ހައްލު ނުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިއަދު ވިދާޅުވެއްޖެއެވެ.

ބަނޑޮސް އައިލެންޑް ރިޒޯޓުގައި މިއަދު ބޭއްވި މީޑިއާ ސެންސިޓައިޒޭޝަން ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަޒްނާ ވިދާޅުވީ މީޑިއާ އާއި މުޖުތަމައުއަކީ އެއްބައެއް ކަމަށެވެ. އެގޮތުން ނަފްސާނީ މައްސަލަތައް ހައްލުކުރުމުގައި މީޑިއާއާއި މުޖުތަމައު ގުޅިގެން މަސައްކަތް ކުރާނަމަ އެކަމުން އެދެވިގެންވާ ބަދަލެއް ފެންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން މީޑިއާއިން ނަފްސާނީ މައްސަލަތަކާމެދު މީހުން ދެކޭގޮތް ބަދަލުކޮށް އެކަމަށް މީހުން ހޭލުންތެރި ކުރުމަށް ކުރެވިދާނެ ކަންކަން ފަޒްނާ ވަނީ ހިއްސާކުރައްވާފައެވެ.

ނަފްސާނީ ބަލިތަކަށް ހޭލުންތެރި ކުރުމުގެ ގޮތުން މިއަދު ބޭއްވި ވޯކްޝޮޕްގައި މެޑަމް ފަޒްނާ އާއި ޑރ. އާރިފް މުޙައްމަދުގެ އިތުރުން ބައިވެރިން މަޝްވަރާ ކުރައްވަނީ-- ފޮޓޯ: ހެލްތް މިނިސްޓްރީ

އޭނާ ވިދާޅުވީ އޮންލައިން ނޫސްތަކުގައި ވެސް ކޮންމެ ހަފުތާއަކު އެއް ދުވަހު ނަމަވެސް ނަފްސާނީ ބައްޔާ ގުޅޭ ލިޔުންތައް ޝާއިއު ކުރެވިދާނެ ކަމަށެވެ.

"މެންޓަލް ހީލިން ތަހައްމަލް ކުރާ މީހުން ބަލަހައްޓާ މީހުން، ކެއާ ޓޭކާސް، އެމީހުނަށްވެސް އެބަ ޖެހޭ އަޅުގަނޑުމެން ކޮންމެވެސް ކަހަލަ ކަންތައްތަކެއް ކުރިއަށް ގެންދަން އެކަމުގައި ވެސް މީޑިއާގެ ދައުރު އަދާކުރެވިދާނެ،" މެޑަމް ވިދާޅުވިއެވެ.

މީގެއިތުރުން ޕްރެސް ކޮންފަރެންސް ތަކުގައި ވެސް ނޫސްވެރިން ނަފްސާނީ މައްސަލަތަކާ ގުޅޭ ސުވާލާއި އިޖުތިމާއީ މައްސަލަތަކާ ގުޅޭ ސުވާލު ކުރާވަރު މަދުކަން ފާހަގަވާކަމަށް މެޑަމް ވިދާޅުވިއެވެ.

"އަޅުގަނޑު ވަރަށް ބޮޑަށް އެދެން ތިބޭފުޅުން ޕްރެސް ކޮންފަރެންސް ތަކުގަ ސުވާލު ކުރާއިރު މެންޓަލް ހެލްތް ނުވަތަ ސޯޝަލް އިޝޫސްއާ ގުޅޭގޮތުން ތަންކޮޅެއް ބޮޑަށް ސުވާލުުކުރަން،" ފަޒްނާ ވިދާޅުވިއެވެ.

ޕްރެސް ކޮންފަރެންސް ތަކުގައި ނަފްސާނީ މައްސަލަތަކާ ގުޅޭގޮތުން ކުރެވިދާނެ ސުވާލުތައް މެޑަމް ހިއްސާކުރެއްވިއެވެ. އެގޮތުން މެންޓަލް ހެލްތް އެކްޓް ގޮސްފައިވާ ހިސާބާއި އޭގެ ޑްރާފްޓްގެ އެންމެ ފަހުގެ މައުލޫމާތު ހޯދިދާނެކަމަށް މެޑަމް ވިދާޅުވިއެވެ.

"ނުވަތަ އިންނާނެ އެޗްޕީއޭގަ މެންޓަލްހެލްތް ޕްރޮގްރާމް ދެއްތޯ ކިޔަނީ އެޔާ ބެހޭގޮތުން ވެސް ތިބޭފުޅުންނަށް ސުވާލުކުރެވޭނެ،" މެޑަމް ވިދާޅުވިއެވެ.

އެހެންކަމުން މިފަދަ ކަންކަމުގައި މީޑިއާގެ ރޯލު އެންމެ ރަނގަޅުގޮތުގައި އަދާކުރުމަށް މެޑަމް ގޮވާލެއްވިއެވެ. އަދި މިފަދަ މައްސަލަތަކުގައި ސަރުކާރު ޖަވާބުދާރީކުރުމުގެ މަސައްކަތް މީޑިއާތަކުން ކުރުމަށް ވެސް މެޑަމް ގޮވާލެއްވިއެވެ.

ނޫސްވެރިންނަށް އަމާޒުކޮށްގެން މިއަދު ކުރިއަށް ގެންދިޔަ ވޯކްޝޮޕްގައި ނަފްސާނީ މައްސަލަތަކާއި އެފަދަ މައްސަލަތައް ނޫސްތަކުން ގެނެސް ދޭނެ ގޮތާ ބެހޭގޮތުން ގިނަ މައުލޫމާތުތަކެއް ދިނެވެ. އަދި އަމިއްލައަށް މަރުވުމުގެ މައްސަލަތައް ރިޕޯޓް ކުރުމާ ގުޅޭގޮތުން، ވޯލްޑް ހެލްޓް އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) ގެ ފަރާތުން ޕްރެޒެންޓޭޝަންތަކެއް ހުށަހެޅުން ވެސް އޮތެވެ.

comment ކޮމެންޓް