ރާނީގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ފަހު ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ދެކަނބަލުން --- ފޮޓޯ/ ރައީސް އޮފީސް

އިނގިރޭސިވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ދެކަނބަލުން އެނބުރި ރާއްޖެ ވަޑައިގެންފިއެވެ.

ރައީސްގެ ދެ ކަނބަލުންގެ އެ ދަތުރުފުޅަކީ އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ދެ ވަނަ އަވަހާރަވުމާ ގުޅިގެން އިނގިރޭސިވިލާތުގެ ރަސްގެފާނު، ޗާސްލް ތިން ވަނައާ ބައްދަލުކުރައްވައި ރަސްގެފާނާއި ޝާހީ އާއިލާއަށް ތައުޒިޔާ ދެންނެވުމަށާއި އެ އާއިލާގެ ހިތާމައިގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅެކެވެ.

ރާނީގެ ޖަނާޒާގައި ބައިވެރިވުމަށް ރައީސް ޞާލިޙުގެ ދެކަނބަލުން އިނގިރޭސިވިލާތަށް ފުރާވަޑައިގަތީ މިދިޔަ ހުކުރުދުވަހުއެވެ.

އެ ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުން ވަނީ އިނގިރޭސި ސަރުކާރުގެ ޑިޕާޓްމެންޓެއް ކަމަށްވާ ފޮރިން އެންޑް ކޮމަންވެލްތު އޮފިސް ހުންނަ ލެންކަސްޓާ ހައުސްގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި ލިޔުއްވާފައެވެ.

ތައުޒިޔާގެ ދަފްތަރުގައި ރައީސް ލިޔުއްވި މެސެޖުގައި ރާނީ އެލިޒަބަތު ދެވަނަ އަވަހާރަވުމާ ގުޅިގެން މުޅި ދުނިޔެ ހިތާމަ ފާޅުކުރަމުންދާއިރު، އެކަމަނާގެ ގައުމުގައި، އެކަމަނާގެ އެންމެ ގާތްބޭފުޅުންނާއެކު، އެންމެ ފަހުގެ އިހްތިރާމް އަދާކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވުމަކީ، އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޝަރަފެއްކަމަށް ވިދާޅުވެފައިވެއެވެ.

ތަޢުޒިޔާގެ ދަފްތަރުގައި ފަޒްނާ، ލިޔުއްވާފައިވާ މެސެޖުގައި، އިނގިރޭސި ރާނީ އެލިޒަބަތު ދެވަނަ އަވަހާރަވުމަކީ، އެކަމަނާއަށާއި މުޅި ދުނިޔޭގެ އެތައް ބަޔަކަށް ފުން ހިތާމައެއް ގެނުވި ކަމެއްކަން ފާހަގަކުރައްވާފައިވެއެވެ.

ރާނީގެ ޖަނާޒާ ބާއްވާފައިވަނީ ވެސްޓްމިންސްޓާ އެބީގައި މިދިޔަ ހޯމަ ދުވަހު އިނގިރޭސިވިލާތުގެ ގަޑިން ހެނދުނު 11 ޖެހިއިރުއެވެ.

އެ ޖަނާޒާގައި އިނގިރޭސި ޝާހީ އާއިލާގެ މެމްބަރުންނާއި އިނގިރޭސި ދައުލަތުގެ އެންމެ އިސްވެރިންނާއި ކޮމަންވެލްތުގެ ގައުމުތައް ހިމެނޭ ގޮތަށް ގިނަ ގައުމުތަކެއްގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. އަދި އާންމު ރައްޔިތުންގެ ގިނަބަޔަކު ވެސް އެ ޖަނާޒާގައި ބައިވެރިވިއެވެ.

އެ ޖަނާޒާއަށް ފަހު އިނގިރޭސި ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ފޮރިން، ކޮމަންވެލްތު އެންޑް ޑެވެލޮޕްމެންޓް އެފެއާޒް ޖޭމްސް ކްލީވާލީ ދެއްވި ފަރިއްކޮޅެއްގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގަތް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރާނީ އެލިޒަބަތު ދެ ވަނަ އަވަހާރަވީ މި މަހުގެ އަށް ވަނަ ދުވަހުގައެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 96އަހަރެވެ.

ރާނީ އެލިޒަބަތު ދެވަނައަކީ މިހާތަނަށް އެންމެ ގިނަ ދުވަހު އިނގިރޭސި ތަޚުތުގައި އިންނެވި ބޭފުޅާއެވެ. އެގޮތުން އެކަމަނާ ވަނީ މެދުނުކެނޑި 70 އަހަރަށްވުރެ ގިނަ ދުވަހު ރަނިކަން ކުރައްވާފައެވެ.

އެކަމަނާ އަވަހާރަވުމުގެ ހިތާމައިގައި ތިން ދުވަސް ވަންދެން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކޮށްފައި ބެހެއްޓިއެވެ.

comment ކޮމެންޓް