މިއީ އަހަރެންގެ ހަޔާތުގެ އެންމެ އަނދިރި ދުވަސްތައް: ޝަކީރާ

ޝަކީރާ: ކައިވެނި ރޫޅުމުން މި ދުވަސްވަރަކީ ހަޔާތުގެ އެންމެ އަނދިރި ދުވަސްތައް ކަމަށް އޭނާ ބުނި --

މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާ އާއި ސްޕެނިޝް ފުޓްބޯޅަ ކުޅުންތެރިޔާ ޖެރާޑް ޕީކޭގެ ކައިވެނި ރޫޅުނު ފަހުން އައި ދުވަސްތަކާ ގުޅޭގޮތުން ފުރަތަމަ ފަހަރަށް ޝަކީރާ ވާހަކަދައްކައިފިއެވެ.

'އެލް މެގަޒިން'ގެ ކަވާ ސްޓޯރީއަށް ދިން އިންޓަވިއުގައި ޝަކީރާ ބުނީ، މި ދުވަސްވަރަކީ އޭނާގެ ހަޔާތުގެ އެންމެ އަނދިރި އެންމެ އުނދަގޫ ދުވަސްތައް ކަމަށާއި އެކަމަށް އެހީވެދެނީ މިއުޒިކް ކަމަށެވެ. މި ހުރިހާ ދުވަސްވީ އިރު އެއްވެސް ބަޔަކަށް އިންޓަވިއުއެއް ނުދީ ހުރި އިރު އެކަމާ ގުޅޭގޮތުން ވާހަކަދެއްކުމަކީ އަދިވެސް ވަރަށް އުނދަގޫ ކަމެއް ކަމަށް ޝަކީރާ ބުންޏެވެ.

"އަހަރުމެން ދެމީހުންގެ ވަކިވުމަކީ އާދައިގެ ވަކިވުމެއް ނޫން. އަހަންނަށްވެސް ވަރަށް އުނދަގޫ އަދި ދަރިންނަށްވެސް މިކަމުން ވަރަށް އުނދަގޫތަކާ ކުރިމަތިލާން ޖެހޭ،" ޝަކީރާ ބުންޏެވެ.

ޝަކީރާ އިތުރަށް ބުނީ އޭނާގެ ގޭ ކައިރީގައި ފޮޓޯ ނަގާ މީހުން 24 ގަޑިއިރު ތިބޭ ކަމަށާއި އެމީހުން ކިބައިން ފިލަން ދާނެ ވަކި އެހެން ތަނެއް ނޯންނަކަމަށެވެ. އެހެން އާއިލާތައް ގޮތަށް ބޭރަށް ނިކުމެލާ ޕާކަށް ގޮސް އައިސްކްރީމެއް ބޯލުން ފަދަ ކަންކަން ނުވާތީ މި ދުވަސްތައް ހޭދަކުރަން ޖެހެނީ އުނދަގުލުގައި ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ކައިވެނި ރޫޅުމުގެ އެއްވެސް ނޭދެވޭ އަސަރެއް ދަރިންނަށް ނުކުރާނެ ގޮތަކަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ޝަކީރާ ބުންޏެވެ.

"އިންޓަނެޓާއި ސްކޫލުން ނުވަތަ ރައްޓެހިން ކައިރިން އެމީހުންނަށް އިވޭ އެއްޗެހިން އެމީހުންނަށް އަސަރު ކުރޭ. މި ހުރިހާ ކަމަކީވެސް ބިރުވެރި ހުވަފެނެއް ހެން ބައެއް ފަހަރު ހީވޭ. އެކަމަކު މިއީ ހަމަ އަސްލު،" ޝަކީރާ ބުންޏެވެ.

ޝަކީރާ އާއި ޕީކޭ ކައިވެނިކޮށްގެން އުޅޭތާ 12 އަހަރުވެފައިވާއިރު އެ ދެ ތަރިން ވަކިވިކަން އެނގުނީ މިއަހަރުގެ ޖޫންގައެވެ. އަދި މިކަން ވީ ދެ ތަރިންގެވެސް ފޭނުންނަށް ލިބުނު ޝޮކަކަށެވެ. ހަބަރުތައް ބުނާގޮތުން ޕީކޭ ވަނީ 23 އަހަރުގެ އަންހެނަކާ ލޯބީގެ ގޮތުން ގުޅިފައެވެ. އެހެންނަމަވެސް، އެކަން އޭނާ ޔަގީންކޮށް ނުދެއެވެ.

ޝަކީރާ އާއި ޕީކޭއަށް އެކުގައި ދެ ކުދިން ލިބިފައިވާއިރު ދެ ކުދިންވެސް މިހާރު ދިރިއުޅެނީ ޝަކީރާއާއެކުއެވެ.

comment ކޮމެންޓް