ޔޫއެފާ ނޭޝަންސް ލީގު: ޔޫކްރޭން ބަލިކޮށް ސްކޮޓްލޭންޑް އެއްވަނައަށް

ލިންޑަން ޑައިކްސް ގޯލު ޖެހުމަށްފަހު އުފާ ފާޅުކުރަނީ --- ފޮޓޯ/ ނޭޝަންސް ލީގު

ޔޫއެފާ ނޭޝަންސް ލީގުގައި ސްކޮޓްލޭންޑުން ޔޫކްރޭންގެ މައްޗަށް ކުރި ހޯދައި ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ސްކޮޓްލޭންޑުގެ ހެމްބާޑަން ޕާކުގައި ޔޫކްރޭން އާ ދެކޮޅަށް ކުޅުނު އެ މެޗު ސްކޮޓްލޭންޑުން ކާމިޔާބުކުރީ 3-0ގެ ނަތީޖާއަކުންނެވެ.

އެ މެޗުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނު ނަމަވެސް ސްކޮޓްލޭންޑުން ވަނީ ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް އުފައްދާފައެވެ.

އެހެންނަމަވެސް މެޗުގައި ފެނުނު ތިން ގޯލު ވެސް ފެނިފައިވަނީ ދެވަނަ ހާފުގައެވެ. އެގޮތުން މެޗުގެ 70 ވަނަ މިނެޓުގައި ޖޯން މެކްގިން ވަނީ ސްކޮޓްލޭންޑަށް ލީޑު ނަގައިދީފައެވެ.

އޭގެ 10 މިނެޓު ފަހުން، މެޗުގެ 80 ވަނަ މިނެޓުގައި ސްކޮޓްލޭންޑުން ވަނީ އެ ޓީމުގެ ދެ ވަނަ ގޯލު ޖަހައިފައެވެ. އެ ގޯލަކީ ރަޔާން ފްރޭސާ ނަގައިދިން ކޯނަރަކުން ބަދަލު ކުޅުންތެރިއެއް ގޮތުގައި ކުޅެން ނިކުތް ލިންޑަން ޑައިކްސް ޖެހި ގޯލެކެވެ.

މެޗުގެ 87 ވަނަ މިނެޓުގައި ޑައިކްސް ވަނީ އަނެއްކާ ގޯލެއް ޖަހައި މެޗުގެ ނަތީޖާގެ ފަރަގު ފުޅާކޮށްފައެވެ. އެ ގޯލަކީ ވެސް ފްރޭސާ ނަގައިދިން ކޯނަރަކުން ޑައިކްސް ޖެހި ގޯލެކެވެ.

އެ ނަތީޖާއާއެކު މޮޅުވެ ސްކޮޓްލޭންޑު ވަނީ ނޭޝަންސް ލީގުގެ ބީގެ ގްރޫޕް އެކެއްގެ އެއްވަނައަށް ޖެހިލައިފައެވެ. ސްކޮޓްލޭންޑަށް އެއްވަނަ ލިބެނީ ކުޅުނު ހަތަރު މެޗުން ލިބުނު ނުވަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި ޔޫކްރޭން އޮތީ ހަތް ޕޮއިންޓާއެކުއެވެ.

comment ކޮމެންޓް