ސޯނަމް އާއި އާނަންދުގެ ދަރިއަށް ނަން ދީފި

ސޯނަމް އާއި އާނަންދު --

ބޮލީވުޑް ތަރި ސޯނަމް ކަޕޫރު އާއި އާނަންދު އަހޫޖާއަށް ލިބުނު ފިރިހެން ދަރިއަށް ނަމެއް ދީ އިއުލާންކޮށްފިއެވެ.

ސޯނަމް ކަޕޫރު އާއި ވިޔަފާރިވެރިޔާ އާނަންދު އަހޫޖާއަށް ދަރިއެއް ލިބުނުތާ މަސް ދުވަސްވެއްޖެއެވެ. ގިނަ ދުވަސްތަކަކަށްފަހު، އެ ދެމަފިރިންނަށް ލިބުނު ދަރިއަށް ކިޔާ ނަން ހާމަ ކުރުމުގެ ގޮތުން ސޯނަމް އޭނާގެ 33.5 މިލިއަން ފޮލޯވަރުން ތިބޭ އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ފޮޓޯއެއް ހިއްސާކޮށް ބުނީ، އޭނާގެ ދަރިފުޅަށް ކިޔާފައިވަނީ 'ވަޔޫ' ކަމަށެވެ.

ވަޔޫއަކީ ހިންދޫ ނަމަކަށް ވާއިރު، މި ނަމަކީ ހިތްވަރުގަދަ ފަދަ މާނައެއް އޮންނަ ނަމެއް ކަމަށްވެސް ސޯނަމް ވަނީ އޭނާގެ އިންސްޓަގްރާމަށް ދޫކޮށްލި ދިގު ޕޯސްޓުގައި ބުނެފައެވެ. ދަރިފުޅުގެ މޫނު ފެންނަ ގޮތަށް ފޮޓޯއެއް ހިއްސާ ނުކުރި ނަމަވެސް، އެ ދެމަފިރިން ވަނީ ކުއްޖާއާ އެކު އެތައް ފޮޓޯއެއް މީގެ ކުރިންވެސް ހިއްސާކޮށްފައެވެ.

ނަން ހާމަ ކުރުމަށް ދޫކޮށްލި ފޮޓޯގައި އެ އާއިލާގެ ހުރިހާ މެންބަރުން ވެސް ތިބި ގަދަ ރީނދޫ ކުލައިގެ ސަގާފީ ހެދުމުގައެވެ. އެ ހެދުންތައް ޑިޒައިންކޮށްފައިވަނީ އަނާމިކާ ކަންނާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ފޮޓޯގެ އިތުރުން، ސޯނަމްގެ ފިރިމީހާ އާނަންދުވެސް ވަނީ ބައެއް ފޮޓޯތައް އޭނާގެ އެކައުންޓުންވެސް ހިއްސާކޮށްފައެވެ.

ފިލްމީ އާއިލާ އަކުން ބޮލީވުޑަށް ނިކުތް އަނިލް ކަޕޫރުގެ ދަރި ސޯނަމް ބަލިވެ އިންކަން އިއުލާންކުރީ މި އަހަރުގެ މާޗު މަހުގައެވެ. އަދި އޮގަސްޓު 20ގައި ފިރިހެން ކުއްޖަކު ލިބިފައިވާކަން އޭނާގެ ފޮލޯވަރުންނަށް އެންގިއެވެ. ވިހެއުމާއެކު ސޯނަމް ބުނީ، އެއީ އަދި ފެށުން ކަމަށާއި އެހެންނަމަވެސް އެދެމަފިރިންގެ ދިރިއުޅުންވެސް ދެން ބަދަލުވީކަން އެނގޭ ކަމަށެވެ.

ދެހާސް ނަވާރަ ވަނަ އަހަރު 'ދަ ޒޯޔާ ފެކްޓާ' އިން ސިނަމާއަށް ނިކުތް ސޯނަމް އާނަންދުއާ ކައިވެނި ކުރީ 2018 ވަނަ އަހަރުއެވެ. މި ދެ ތަރިންނަކީ ބޮލީވުޑްގައި ގިނަބައެއްގެ ލޯބި ހޯދާފައިވާ ދެ ތަރިންނެވެ.

comment ކޮމެންޓް