ތިލަފުށީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި، ހަފުތާއެއް ވަންދެން ދުން އެރުން އެކަށީގެންވޭ: ވެމްކޯ

ތިލަފުށީގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފުން ހަރަކާތްތެރި ވަނީ -- ފޮޓޯ/ އެމްއެންޑީއެފް

ތިލަފުށީގެ ސަރަހައްދެއްގައި މިއަދު އަލިފާން ރޯވެ، އެ ސަރަހައްދުން ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހު ބޯކޮށް ދުންއަރާ އަލިފާން ފެނުން އެކަށީގެންވާކަމަށް ވެމްކޯއިން ބުނެފިއެވެ.

ވެމްކޯއިން ނެރުނު ބަޔާނެއްގައި ބުނީ މިއަދު ތިލަފުށީގައި ރޯވީ ވަގުތީގޮތުން ކުނި ބަހައްޓާ ސަރަހައްދުގައި ކަމަށެވެ.

"ތިލަފުއްޓަށް ގެނެވޭ ކުނީގެ އަދަދު އިތުރު ވެފައިވުމާއި ކުނި މެނޭޖުކުރުމަށް ކުރެވޭ މަސައްކަތް އިތުރުވެފައިވާތީ ވަގުތީގޮތުން ކުނި ބަހައްޓަމުން އަންނަނީ ތިލަފުށީގެ ކުނިފުންޏާއި ކީވޯލްއާ ދެމެދުގަ،" އެ ބަޔާނުގައި ވެއެވެ.

އެ އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ވެމްކޯގެ މުވައްޒަފުންނާއި އެމްއެންޑީއެފްއިން ހަރަކާތްތެރިވެ، އަލިފާންގަނޑު ނިންވާލެވިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

"ނަމަވެސް އެ ސަރަހައްދުން ދުން އަރަމުންދާކަން ފާހަގަކުރަން. އަދި ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހު އެ ސަރަހައްދުން އަލިފާން ފެނި ބޯކޮށް ދުން އެރުމީ އެކަށީގެންވާ ކަމެއް،" ވެމްކޯގެ ބަޔާނުގައިވެއެވެ.

އެ ހާދިސާއާ ގުޅިގެން ވެމްކޯއިން ވަނީ، ތިލަފުއްޓަށް ކުނި ގެންދާ އުޅަނދުތަކުން ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތައް ކުނި ގެންދިއުމަށް އެދިފައެވެ. އަދި އެތަނުގައި އަލިފާނުގެ ހާދިސާއެއް ހިނގާފާނެ އެއްވެސް ކަމެއް ނުކުރުމަށް ވެމްކޯއިން އިލްތިމާސް ކޮށްފައިވެއެވެ.

އެ ކުންފުނިން ބުނީ ތިލަފުށިން ދުން އެރުން ހުއްޓުވާ، ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ރައްކަތެރިކަމާއެކު ކުނި މެނޭޖުކުރުމުގެ މަސައްކަތް ވެމްކޯއާއި އެންވަޔަރަމަންޓް މިނިސްޓްރީން ކުރަމުންދާނެ ކަމަށެވެ.

ތިލަފުށީގައި ކުނި އަންދާ އިރު ދުން އެރުމުގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ކުނި އެންދުން ހުއްޓާލައި ކުނި މެނޭޖު ކުރުން ޒަމާނީ ކުރުމުގެ މަސައްކަތްތަކެއް މި ސަރުކާރުން ވަނީ ފަށާފައެވެ. އެގޮތުން މާލޭ ސަރަހައްދުގައި ކުނިން ހަކަތަ އުފައްދާ މަޝްރޫއެއް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަނީ އިފްތިތާހުކޮށްފައެވެ.

އެ މަޝްރޫއު 2024ގެ ނިޔަލަށް އެއްކޮށް ތަންފީޒު ވެގެންދާއިރު، ކުނީގެ ހާއްޔެއްގެގޮތުގައި މިހާރު ފެންނަން އޮތް ތިލަފުށީގެ މުޅި މަލަމަތި އެއްކޮށް ބަދަލުވެ، ތިމާވެއްޓާ ރައްޓެހި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކުނި މެނޭޖްކުރުމުގެ ކަންކަމަށް އެދެވޭ ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފައެވެ.

comment ކޮމެންޓް