އެހެން ގައުމުތަކުން ގިނަ ބަޔަކު އެމެރިކާއަށް ހިޖުރަކޮށްގެން މެނުވީ މުސްތަގްބަލުގައި އެމެރިކާއަށް ޗައިނާއާ ވާދަ ނުކުރެވޭނެ: ރިޕޯޓް

ވޮޝިންޓަން (21 ސެޕްޓެމްބަރު 2022): ދުނިޔޭގެ ގައުމުތަކުން ގިނަ އަދަދެއްގެ ބަޔަކު އެމެރިކާއަށް ހިޖުރަކޮށްގެން މެނުވީ މުސްތަގްބަލުގައި އެމެރިކާއަށް ޗައިނާއާ ވާދަނުކުރެވޭނެ ކަމަށް އެމެރިކާގެ ނޫހެއް ކަމަށްވާ "ނެޝަނަލް އިންޓްރަސްޓް"އިން ބުނެފިއެވެ.

އެ ނޫހުގައި ޝާއިޢުކޮށްފައިވާ ރިޕޯޓެއް ބުނާގޮތުން ޗައިނާގެ ވޯކްފޯސް (މަސައްކަތު އާބާދީ) އަކީ އެމެރިކާގެ ވޯކްފޯސް އަށްވުރެ ހަތަރު ގުނަ ބޮޑު ވޯކްފޯސްއެކެވެ. އެހެންކަމުން މަސައްކަތު އުމުރުގެ ތައުލީމާއި ތަޖުރިބާހުރި ގިނަ ބަޔަކު ދުނިޔޭގެ ގައުމުތަކުން އެމެރިކާއަށް ހިޖުރަކޮށް އެމެރިކާގެ ރަށްވެރިކަން އެމީހުންނަށް ދީގެން މެނުވީ މުސްތަގްބަލްގައި އެމެރިކާއަށް ސިނާއީ ގޮތުންނާއި އިގްތިސާދީ ގޮތުންނާއި އަސްކަރީ ގޮތުންވެސް ޗައިނާއާ ވާދައެއް ނުކުރެވޭނެއެވެ.

އެމެރިކާގެ އާބާދީއަކީ ގާތްގަނޑަކަށް 334 މިލިޔަން މީހުން ކަމަށްވާއިރު ޗައިނާގެ އާބާދީއަކީ 1.4 ބިލިޔަން މީހުންނެވެ. މި ހަގީގަތަށް ބަލާއިރު އެމެރިކާގެ އާބާދީއަށްވުރެ ޗައިނާގެ އާބާދީ ހަތަރު ގުނަ ބޮޑެވެ. މިއާއެކު ޗައިނާގެ މަސައްކަތު އާބާދީ (18 އަހަރާއި 65 އަހަރާ ދެމެދު އުމުރުގެ އާބާދީ) ވެސް އެމެރިކާގެ މަސައްކަތު އާބާދީއަށްވުރެ ހަތަރު ގުނަ ބޮޑެވެ.

މި ރިޕޯޓް ބުނާގޮތުން ޗައިނާ މިހާރު ވަނީ ޖިޑިޓަލް ޓެކްނޮލޮޖީއާއި އާޓިފިޝަލް އިންޓެލިޖެންސާއި ދިރިއުޅުމަށް ބޭނުންކުރާ އާންމު ސިނާއަތްތަކުގެ ހުރިހާ ދާއިރާތަކެއްގައިވެސް އެމެރިކާގެ މައްޗަށް ކުރި ހޯދާފައެވެ. މީގެ އިތުރުން ސައެންޓިފިކް ރީސާޗްތަކުގެ ފެންވަރާއި އަދަދަށް ބަލާއިރު 2020 ވަނަ އަހަރުގެ ފަހުން ޗައިނާވަނީ އެމެރިކާގެ މައްޗަށް ކުރިހޯދާފައެވެ.

ނަމަވެސް އަސްކަރީ ސިނާއަތާއި ނިއުކްލިޔާ ޓެކްނޮލޮޖީއާއި ފަޒާގެ ޓެކްނޮލޮޖީގައި އެމެރިކާ އަދިވެސް އޮތީ ޗައިނާއަށްވުރެ ކުރީގައެވެ. މީގެއިތުރުން ދުނިޔޭގައި އެމެރިކާގެ ބާރާއި ނުފޫޒު ޗައިނާގެ ބާރާއި ނުފޫޒަށްވުރެ މާ ބޮޑަށްވެސް ވަރުގަދައެވެ. އަދި ބައިނަލްއަގްވާމީ މާލީ ދާއިރާއާއި ބޭންކިން ދާއިރާއަކީ އެމެރިކާގެ ފުރިހަމަ ބާރާއި ކޮންޓްރޯލްގެ ދަށުގައިވާ ދާއިރާތަކެވެ.

އަނެއްކޮޅުން އެމެރިކާގެ ފައިސާކަމަށްވާ ޑޮލަރަކީ ދުނިޔޭގެ މާލީ އަދި އިގްތިސާދީ މުއާމަލާތްތަކުގައި ބޭނުންކުރާ ފައިސާވެސް މެއެވެ. މިކަމުގެ ސަބަބުން ކައިރި މުސްތަގްބަލެއްގައި މިދާއިރާތަކުގައި އެމެރިކާގެ މައްޗަށް ކުރިހޯދުމަކީ ޗައިނާއަށް ފަސޭހަ ކަމެއްނޫނެވެ.

ނަމަވެސް މިރިޕޯޓް ބުނާގޮތުން ޗައިނާއާ އަޅާބަލާއިރު އެމެރިކާގެ އުފެއްދުންތެރިކަން އަހަރުން އަހަރަށް ދަނީ ދަށަށެވެ. އެމެރިކާއާއި ޗައިނާގެ ވިޔަފާރީގެ ބެލެންސަށް ބަލާއިރު ޗައިނާ އުޅެނީ މާ ބޮޑަށް ވެސް ކުރީގައެވެ. ޗައިނާއިން އަހަރެއްގެ މައްޗަށް 450 ބިލިޔަން ޑޮލަރުގެ މުދާ އެމެރިކާއަށް އެކްސްޕޯޓް ކުރާއިރު އެމެރިކާއިން ޗައިނާއަށް އެކްސްޕޯޓް ކުރެވެނީ އަހަރެއްގެ މައްޗަށް އެންމެ 156 ބިލިޔަން ޑޮލަރުގެ މުދަލެވެ. މިއީ ޗައިނާ އުފައްދާ ވަރާ ގާތަށްވެސް އެމެރިކާއަށް ތަކެތި ނުއުފެއްދޭކަން ހާމަވާކަމެކެވެ.

އެމެރިކާގެ ގައުމީ އާމްދަނީގެ ގާތްގަނޑަކަށް ތިރީސް އިންސައްތައަކީ ދުނިޔޭގެ ގައުމުތަކުން ހިންގާ ވިޔަފާރީގެ މުއާމަލާތްތަކުގައި ޑޮލަރު ބޭނުންކުރާތީ މަސައްކަތެއް ނުކޮށް އެމެރިކާއަށް ލިބޭ އާމްދަނީއެވެ. އެހެންކަމުން ދުނިޔޭގައި ހިނގާ ޖިއޮޕޮލިޓިކަލް ވާދަވެރިކަމާއެކު އެމެރިކާ ޑޮލަރުގެ ބާރު ކުޑަވަމުންދާ ވަރަކަށް އެމެރިކާގެ އިގްތިސާދު ދަށަށް ގޮސް ގައުމީ އާމްދަނީ ކުޑަވެ އެމެރިކާގެ އިގްތިސާދު ދަށަށްދާނެއެވެ.

ތަފާސް ހިސާބުތަކަށް ބަލާނަމަ އެމެރިކާ ޑޮލަރު ބޭނުންކޮށްގެން ދުނިޔޭގައި ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 40 މިލިޔަން ޓްރާންސެކްޝަންގެ މުއާމަލާތްތައް ހިނގައެވެ. މިއިން ކޮންމެ ޓްރާންސެކްޝަނަކުން އެމެރިކާގެ އިގްތިސާދަށް ފީގެ ގޮތުގައި އެތައް ޑޮލަރެއް ވަންނާނެއެވެ. މިއީ އެމެރިކާގެ އާމްދަނީގެ ބޮޑުބައެވެ.

ޑޮލަރުގެ މުއާމަލާތްތައް ކައިރި މުސްތަގްބަލެއްގައި މާބޮޑަށް ކުޑަނުވިނަމަވެސް ޑޮލަރާއި ނުލައި ހިންގާ ވިޔަފާރީގެ މުއާމަލާތްތައް ދުނިޔޭގައި އިތުރުވަމުން ދަނީ އެމެރިކާ ކަންބޮޑުވާ މިންވަރަށެވެ. އެހެންކަމުން މިއީ ދުރު މުސްތަގްބަލަށް ބަލާއިރު އެމެރިކާ ސަހަރޯވާންޖެހޭ ވަރުގެ ކަމެއްކަމަށް މިރިޕޯޓް ބުނެއެވެ.

ޑޮލަރުގެ މުއާމަލާތްތައް ހީނަރުވި ވަރަކަށް އެމެރިކާގެ މާލީ ބާރުވެސް ކުޑަވެ ގައުމުތަކަށް އަދަބުދީ ބިރުދައްކައި ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ގާބިލްކަން އެމެރިކާގެ ކިބާގައި ކުޑަވެގެންދާނެކަމަށްވެސް މި ރިޕޯޓް ބުނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް