ގަައިނަކޮލޮޖިސްޓެއްގެ ގޮތުގައި އަޔުޝްމާންގެ އާ ފިލްމުގެ ޓްރެއިލާ ރިލީޒްކޮށްފި

އަޔުޝްމާން ކުރާނާ އަކީ ބޮލީވުޑްގައި މި ފަހުން ގިނަ ބައެއްގެ ލޯބި ހޯދި ތަރިއެކެވެ. ތަފާތު އެކި ކެރެކްޓާތައް ކުޅެގެން އަޔުޝްމާންއަށް ވަނީ ވޭތުވެދިޔަ ފަސް ވަރަކަށް އަހަރު ބޮޑު ކާމިޔާބެއް ލިބިފައެވެ.

އަޔުޝްމާންގެ އެންމެ އަވަހަށް ރިލިޒްކުރާ ފިލްމު، 'ޑޮކްޓަރޖީ' ގެ ޓްރެއިލާ އިއްޔެ ދައްކާލައިފިއެވެ. ކުރު ޓްރެއިލާ ފެށެނީ، އަންހެން ޕޭޝަންޓެއްގެ ޗެކްއަޕް ހެދުމުގައި ގައިނަކޮލޮޖިސްޓެއްގެ ގޮތުގައި އަޔުޝްމާން އުޅޭ މަންޒަރުންނެވެ. ޓްރެއިލާ އިން ފެންނަ ގޮތުގައި އޭނާ އަކީ ގައިނަކޮލޮޖީ އިން ސްޕެޝަލައިޒްވާ މެޑިކަލް ސްޓޫޑަންޓެކެވެ. އަދި އޭނާއަށް އެ ދާއިރާ ކަމުނުގޮސް އެހެން ބަޔަކަށް ބަދަލު ކުރަންވެސް އެދެއެވެ. މި ޓްރެއިލާގައި އޭނާ ގައިނަކޮލޮޖީ ޕްރެކްޓިސް ކުރުމުގައި ދިމާވާ ދަތިތައް ހެއްވާ މަޖާ ގޮތަކަށް ދައްކުވައިދެއެވެ.

'ޑޮކްޓަރޖީ' ފިލްމުގައި އަޔުޝްމާން އާއެކު، ޑރ. ފާތިމާ ސިއްދީގީގެ ރޯލުން ރާކުލް ޕްރީތު ސިންގް ފެންނާނެއެވެ. އަދި، ޑރ. ނަންދިނީ ސްރީވަސްތަވްގެ ރޯލުން ޝެފާލީ ޝާހް އާއި އަޔުޝްމާންގެ މަންމަގެ ގޮތުގައި ޝީބާ ޗަދާ ފެނެއެވެ. ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ އަންނަ މަހު 14ގައެވެ.

މި އަހަރުގެ މިހާތަނަށް ބޮލީވުޑް ސިނަމާއަށް ކޮމެޑީ ފިލްމުތައް ގެނެސްދީފައިވަނީ މަދުންކަމުން، މި ފިލްމު ވާނީ ކޮމެޑީ ޖޯންރާ އަށް ލޯބިކުރާ ފަރާތްތަކަށް ކަމުދާނެ ފިލްމަކަށެވެ.

އަނޫބުޓީ ކަޝްޔަޕް ޑައިރެކްޓުކުރާ މި ފިލްމު ޕްރޮޑިއުސްކޮށްފައިވަނީ ވިނީތު ޖެއިން އާއި އުސްމާން ޝައުކަތުއެވެ.

comment ކޮމެންޓް