ހަޔަސިންތް ފަހު ބައި

"އިންސާނާއަށް ލިބޭނެ އެންމެ މަތިވެރި ނިއުމަތަކީ ތަގުވާވެރި އަޅެއްގެ ގޮތުގައި ހުރެ ތިމާ ހެއްދެވި ފަރާތުގެ ހަޟުރަތަށް އެނބުރި ދެވުމެވެ. ﷲގެ ލޯބިން ފުރިފައިވާ ހިތެއް ހަލާކުކޮށްލެވޭނެ އެއްވެސް އިންސާނެއް މި ދުނިޔެއަކު ނުވާނެއެވެ. ﷲއަށްޓަކާ ލޯބިވާން ދަސްކުރުމުން ހުރިހާ ހިތާމަތަކުން ސަލާމަތްވެ ހިތަށް ހަމަޖެހުން ގެނުވާނެއެވެ."

***

ފިނި މޫސުމް ފެށުމާއެކު ގަނޑުވާފަދަ ފިނިކަމެއް ފަޒާގައި ވިއެވެ. ބައެއް ހިސާބުތަކަށް ސްނޯވެހެން ފެށިއެވެ. އެހާ ބޯކޮށް ނޫނަސް ސްނޯ ފައިބަން ފެށުމުން މަގުތަކުގައިވި ހިރަފުސް އޮބި ތާޒާވިއެވެ. އެތައް އަހަރެއްވާންދެން ފިނި ގައުމެއްގައި އުޅެ ފިނި މޫސުމަށް ފަރިތަވެފައި ތިބުމުން ނާކިއާމެންނަށް އުދަގޫ ތަޖުރިބާއަކަށް ނުވިއެވެ. ތަރުކާރީއާއި ގޮވާން ކަނޑާ ގުދަންކޮށްފައި ހުރީ ފިނި މޫސުމްގައި ފަސޭހަވާނެތީއެވެ. ނާކިއާމެން އުޅޭ ގެއަކީ އިހުގެ ގޮތަށް ހަދާފައިވާ ގެއެއް ނަމަވެސް ސާފުތާހިރުކަމުގެ ދެވަނައެއްނެތެވެ. މަޑު ބޯ ދޫލަތައް ތަޅުންމަތި ޒީނަތްތެރިކޮށްފައިވާއިރު އާސާރީ ފާޑު ޖަހާ އަލަމާރިތައް ފާރުކައިރީ އަތުރާފައެވެ.

ނާކިއާ އާއި އަލްވާ ކެއްކުމުގެ މަސައްކަތުގައި އަވަދިނެތި އުޅުނިއިރު ހަވާދުގެ ބާވަތްތަކާ އެހެން ރަހަތައް މުޅި ގޭތެރޭގައި ވަސް ހިފާލައިފިއެވެ. އަލްވާ ކަންބަޅީގެ މަސްތައް ފުށްގަނޑުގެ ތެރެއަށް ލާ ނިމުމުން ޒައިތޫނި ތެލުގައި ތެލުލަން ނާކިއާއާއި ހަވާލުކުރިއެވެ. ލޮލަށް ނުފެނުން ބަހަނާއަކަށް ހަދާފައި މަސައްކަތްތަކުން އެކަހެރިވެގެން ހުންނަން އޭނަގެ ޟަމީރު ތަނެއްނުދެއެވެ. އަދި މިއަދަކީ ވަކިން ޚާއްސަ ދުވަހެއްކަމުން އަލްވާ ހުރީ ފޯރި ހިފާފައެވެ. އޭނަގެ މައިންބަފައިންނާއި މިހާރު އެހާ ކުޑަ ނޫން އެލީސާވެސް ޔަމަނަށް މިއަދު އަންނަނީއެވެ. އެމީހުން ކޮންމެ އަހަރަކު އެއްފަހަރު އަލްވާއަށް ޒިޔާރަތްކުރިޔަސް އާއިލާއާއެކު ހޭދަކުރަން ލިބޭ ވަގުތު މަދުކަމުގައި އަލްވާދެކެއެވެ.

"ނާކިއާ. އަވަށްޓެރި އަންހެން ކަނބަލަކު ބުނި އެއްޗެއް އެނގޭތަ؟ އޭނަގެ ދަރިފުޅު ނާކިއާއާއި ކައިވެނި ކުރަން ބޭނުމޭ......އޭނަގެ ނަމަކީ އިހުސާން އަހަންނަށް ހީވާގޮތުން..."އަލްވާ ކުއްލިއަކަށް ކަމެއް ހަނދާންވިކަހަލަ ގޮތަކަށް ބުނެލިއެވެ.

ނާކިއާ ބުމަ އަރުވައިލިއެވެ. އަދި މޫނުމައްޗަށް ވެރިވި ހިނިތުންވުން ދޭކަހޮށްދެނީ އޭނަ ރުހޭ ކުއްޖެއްގެ ނަންކަމެވެ. "އިހުސާން އުސައިމީން؟"

"މިސްރުގައި އަހަރެމެން ސްކޫލަށް އެކީ ދިޔައިން. އޭނަގެ އާއިލާވެސް އަހަރެމެންނާއެކު މިސްރަށް އޭރު ބަދަލުވެގެން އުޅުނީ. އޭނަ ވަރަށް ލަދުރަކިވާނެ..."

"އޭނައަކީ މިހާރު އުތުރު ޔަމަންގައި އެންމެން ދަންނަ އިލްމުވެރިއެއް..." އަލްވާ ހިތްވަރު ދިނެވެ. "ގޭގައި މިހެން އުޅޭއިރު އެހީތެރިވާން ފިރިހެނަކު ހުރުން ރަގަޅެއްނޫންރަ؟ އަހަރެން މާކެންއަށް އެނބުރި ދިޔައީމަ ނާކިއާ އެކަނި ދިރިއުޅޭނީ ކިހިނެއްތަ؟" ޔަމަންގެ ދިރިއުޅުމާއި އަލްވާ ކިތަންމެ ގަޔާވިޔަސް ނެދަރލޭންޑްސްއާއި ގުޅިފައިވާ ތަދުކުރުވާފަދަ ހަނދާންތަކުން ދުރުވެ އެކަމަށް ޝިފާއެއް ލިބުމުން އެނބުރިދާން އޭނަގެ ހިތް ބޭނުމެވެ. ހިތުގެ ކުޑަ ކުޑަ ތަންކޮޅަކުން ނަމަވެސް އެދެނީ މާކެންއަށް އެނބުރިގޮސް އިންތިޒާރުކުރުމަށެވެ. ކޮންމެވެސް ދުވަހަކުން އޭނަ ހޯދަން ނަވޫދު އެބުރި އަންނާނެކަމުގެ އުއްމީދުގައެވެ. އެކަމަކު އެވާހަކަ އޭނަ އެހެން މީހަކާއި ހިއްސާއެއް ނުކުރެއެވެ.

ނާކިއާވެސް އެކަމާއިެމެދު ވިސްނައިލިއެވެ. އަލްވާގެ ވާހަކައިގާ ދޮގެއް ނުވެއެވެ. ސަޔާރާއާއިހެން އެކަނިމާ އެކަނި ދިރިއުޅުން ވޭތުކުރުމަކީ ފަސޭހަކަމެއް ނޫނެވެ. ދެ އަންހެންކުދިންނަށް ވުމުން ފިރިހެނެއްގެ އެހީތެރިކަންވެސް ބޭނުމެވެ.

"މިހުރިހާ ދުވަހު ނާކިއާގެ ނަން ލިޔުއްވާފައިވަނީ އިހުސާންއާއެކު ކަމަށް ވެދާނެ..." ބާބޯސާގެ މަތީ ފަށަލަ ޒީނަތްތެރިކުރަން އަލްވާ ޕިސްޓާޗިއޯއާއި ކެޝޫ ކޮށަމުން ދުޔައެވެ. ނާކިއާ ހިނިތުންވެލީ ވަށްކޮށް ހަދާފައިވާ ކުޑަދޮރުން ހުދު އެންމެ ވިލާކޮޅެއްވެސް ނެތް އުދަރެހާއި ދިމާލަށް ބަލައިލަމުންނެވެ.

އޭނައަށް ގަބޫލުކުރެވުނުގޮތުން ހަޔާތުގެ ދަތުރުގައި އޭނަ މަޑުކުރުވާފައިވަނީ ހިތުގައި ސުފިޔާންއަށްޓަކައިވާ ލޯބިންނެވެ. އޭނަ ދާދި އަވަހަށް ގަތުލުކުރާނެއެވެ. ސުފިޔާންއާއި ގުޅިފައިވި ކަންތަކުގެ ގޯސްކަމުގެ ސަބަބަުން ކޯޓުން ނިންމިގޮތެވެ. އެކަމާއި މެދު ވިސްނަިއލާ ކޮންމެ ފަހަރަކު އޭނަގެ ހިތުގައި ރިއްސައިލައެވެ. ސުފިޔާންގެ ނިމުން އޮތީ ހަމަ އެގޮތުގައިހެއްޔެވެ؟ އޭނަ ކޮށްފައިވާ ފާފަތަކަށް ތައުބާވިހެއްޔެވެ؟ އެކި ޚިޔާލުތައް ސިކުނޑިއަށް އައިސް ގޮސްވެއެވެ.

ނާކިއާގެ ނަޒަރުގައި އަޅައިގަތީ އުދަރެހާއި ދިމާލުން އުދުހެމުން ދިޔަ ކަޅު ދޫންޏެެކެވެ. އެ ސިފަވީވެސް ސުފިޔާންގެ ގޮތުގައެވެ. އެކަނިމާއެކަނި ދުނިޔެއަށް ގެއްލިފައި، އޭނަގެ އެތެރެވެސް މުޅިން ކަޅުވެފައެވެ. ރަގަޅަށް ވިސްނައިލުމުން ދޫނީގެ ފިޔަގަނޑު ކަޅުވިޔަސް އެސޮރުގެ ގައިގާވަނީ ހުދުކުލަކަން އެނގުނެވެ. ލޯމަތިން ގެއްލެންދެން އެ އަށް ބަލަައްޓައިގެން އިނދެވުނެވެ. ފަހަރެއްގައި ސުފިޔާންފަދަ މީހެއްގެ ހިތުގައިވެސް ރަގަޅު ސިފައެއް އަށަގެންފައިވެދާނެއެވެ. އެހިތުގައި އަލިކަމެއްވެސް ވެދާނެއެވެ.

އަބަދުވެސް އުއްމީދުގެ ދާވަނީގައި ހިފަހައްޓަންޖެހޭނެއެވެ. ސަބަބަކީ ދިރިދުނިޔޭގައި ހުރިހާ ހިނދަކު އުއްމީދު އޮންނާނެތީއެވެ. ﷲއަކީ އަލްޣައްފާރްއެވެ. އެފަރާތުން އިންސާނުން ކުރާ ހުރިހާ ފާފައަކާއި ނުކިޔަމަންތެރިކަމެއް ދެނެވޮޑިގެންވެއެވެ. އެކަމަކުވެސް އެފަރާތުން ފާފަފުއްސަވާ ތައުބާ ގަބޫލުކުރައްވައެވެ. އެފަރާތަށް އިޚުލާސްތެރިކަމާއެކު ކުރިމަތިލާ އަޅުތަކުންނަށެވެ. އަޅުތަކުން ގެ ފާފަތަކާއި ކުށްތަކަށް މާފުދެއްވާ ފަރާތަކީ އެއީއެވެ. ފާފަފުއްސެވުމުގެ ކޮޅެއްނެތެވެ. އެއީ ރަހުމާންވަންތަ ރަހީމްވަންތައެވެ. ނާކިއާގެ ހިތަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބުނެވެ.

ކެއްކުން ނިމިގެން ނާކިއާ ކްލިނިކަށް ދިޔުމުން އަލްވާ ގަސްތުކުރީ ސަޔާރާ ބަލާ މަދަރުސާއަށް ދިޔުމަށެވެ. އޭނަ ބުރުގާ އަޅައިގެން ބޭރަށް ދާން މިސްރާބުޖެހިއެވެ. އަސާ ޖަހާފައި އަވަށުގެ މަގުމަތިން ފަރިތަކަމާއެކު ހިގައިލެވެއެވެ. މަގުމަތި ހިތުދަސްވެ ހިނގަންވީ ދިމާލާއި ގަލާއި ހިލަތައް ހުރިތަން ދެނެގަނެވި މަގުމަތީގައި ހުންނަ އަޑިގުޑަންތަންތަނުގައި އަޅައިނުގަނެ ހިނގައިލެވޭވަރަށް އޭނަ ފަރިތައެވެ.

ސަޔާރާ އޭނަގެ މުދައްރިސްއާއެކު ދޮރުމަތީގައި އިންތިޒާރުގައި ހުއްޓާ އަލްވާ ފެނުމާއެކު އެ ދެލޯ ވިދައިގަތެވެ. ފިޔާތޮށިކުލައިގެ ޚިމާރެއްގެ ތެރޭ އެ ދޮން ދޮން މޫނު ފެންނައިރު ލޯބިކަމާއި މައުސޫމްކަމުން ހިތްފުރޭވަރުވެއެވެ. އުމުރުން ފަސް އަހަރުގައި އަރަބި އިނގިރޭސި އަދި ޑަޗް ބަހުން ވާހަކަދައްކަން އެކުއްޖާދަނެއެވެ. ނާކިއާވަނީ ގަވާއިދުން ސަޔާރާ ލައްވާ ގުރުއާން ކިޔެވުން އާދައަކަށް ހަދާފައެވެ. އެހާ ޅައުމުރުގައި ގުރުއާނުގެ ހަތަރުބައިކުޅަ އެއްބައި ދަސްކޮށްފިއެވެ.

"ޔާ އުޚުތީ. އުޑު މުޅިން ހުދުކުލައިގަ އޮތީ. އެހެންވީމަ ގެއަށް ދިޔުމުގެ ކުރިން ހިނގައިލަން ދެވޭނެތަ؟" އެެ ކުޑަ އަތްތިލައާއި އަލްވާގެ އަތްތިލަ މަހައިލަމުން އަލްވާގެ މޫނަށް ނަޒަރު ހުއްޓައިލީ ނިކަން ލޯބިންނެވެ. އަލްވާގެ ލޮލުގެ ފެނުން ގެއްލިފައިވާތީ ފެންނަ ކޮންމެ ތަނެއް އަލްވާއަށް ތަފްސީލުކޮށް ކިޔައިދޭން ސަޔާރާ ލޯބިކުރެއެވެ. ބައެއް ރޭތަކުގައި ސަޔާރާ ހިތުގެ ޚިޔާލުތައް ނާކިއާއާއި ހިއްސާކޮށްލަނީ އިތުބާރުކޮށްފައެވެ. އަލްވާގެ ލޮލަށް ނުފެންނާތީ އޭނަ ދެރަވާކަމަށާއި އަބަދަށް ކަޅުކަން ފެންނާތީ ސުވާލުކުރެއެވެ. ދުވަހަކުވެސް ކުލަތައް ފެންނާނެތޯ އަހައެވެ. ނާކިއާ ބުނަނީ ލޮލަށް ނުފެނުނު ކަމުގައިވިޔަސް ކާނާ އަދި ބޯ ހިޔާވަހިކަމާއި ލޯބިވާ މީހުން ތިބުމުން އަލްވާގެ ދުނިޔެ ކުލަތަކުން ފުރިފައިވާ ކަމުގައެވެ.

"އާމިނާ އޭނަގެ ރަތްކުލައިގެ ބައިސްކަލަށް އަރައިގެން އެ ދައްކާލަން ދުއްވަނީ. އަޅުގަނޑަށް ހަޔެއް ފުރުނީމަ ބައިސްކަލެއް ލިބޭނެތަ؟"މަގުމަތިން ފެންނަ ކޮންމެ ކަމަކަށް ސަޔާރާގެ ކޮންމެވެސް ކަހަލަ ފާޑެއްކިޔާތީ އަލްވާއަށް މަޖާވެއެވެ.

"އަނެއްކާވެސް ސްނޯ ވެހެން އެފެށީ.. އަލްވާއަށް އެނގޭތަ؟ ސްނޯއަކީ ވިލާތަކުގެ ކުދި ކުދި އެތިކޮޅު..." ސަޔާރާ ތޫލިކޮށް ހަޅޭއްލަވައިގަންނަމުން އަތްތިލަ ދިއްކޮށްލިއެވެ. އަތުގައި ބީއްސައިލި ސްނޯކޮޅެއް ވިރުނެވެ. އަލްވާ ހޭންފެށިއެވެ.

"އަސްލުވެސް ވިލާކޮޅުތައް؟"

"ލައްބަ. ހަމަ އެގޮތަށް ހީވަނީ. އެހާ ހުދުވެފައި އެހާ ކުދި...." ސްނޯ ހުންނަގޮތް ސިފަކޮށްދޭން ސަޔާރާއަށް ވެވުނުވަރަކުން މަސައްކަތްކުރިއެވެ. އޭރުން އަލްވާގެ ޚިޔާލަށް ސްނޯ ގެންނަން ފަސޭހަވާނެއެވެ. ލޮލުގެ ފެނުން ގެއްލުމުގެ ކުރިން އަލްވާއަށް ފިނިމޫސުމް ތަޖުރިބާ ކުރެވިފައިވާކަމެއް ސަޔާރާއަކަށް ނޭގެއެވެ.

"އަވަހަށް ކޮއްކޮ ގެއަށް ގެންދަންވީ. މި ފިންޏަށް ހެދުން އަޅައިގެނެއްނޫން ތިހިރީ..."އަލްވާ ބުނެލިއެވެ. "ގެއަށް މެހުމާނުން އަންނަ ގަޑިވެސް ކައިރިވަނީ. ވަރަށް މަޖާވާނެ. އަނެއްކާ އެލީސާ ފެންނާނެ އިންޝާﷲ..."

"އޯ.....އައި ސިމްޕްލީ ކެނޮޓް ވެއިޓް..." ސަޔާރާގެ މޫނު ނުފެނުނަސް އެންމެ ބޮޑުކޮށް ހެވިފައި ހުރިކަން އެ އަޑުން އަލްވާ ދެނެގަތެވެ.

ގެއަށް ވަދެވުމާއެކު ސަޔާރާ މިސްރާބުޖެހީ ބަދިގޭގައި ހުންނަ މޭޒާއި ދިމާލަށެވެ.

"ސަޔާރާ ބަނޑުހައިވެއްޖެ. އަޅުގަނޑަށް މި ފޮނި އެއްޗެހިން އެތިކޮޅެއް ލިބިދާނެތޯ؟ ސަޔާރާ ވަަރސް އަދަބުވެރިކަމާއެކު ވާހަކަދައްކާގޮތުން އެންމެނަށް މަޖާވެގެން ހެވުނެވެ. ބޮޑުމީހެއް ފަދައިން ވާހަކަހުއްޓަސް އަޑު އެހާ ޅައެވެ.

"ހޫމް ލިބިދާނެ. އެކަމަކު ކެއުމުގެ ކުރިން މާ ގިނައިން ފޮނި އެއްޗެހި ކާކަށް ނުވާނެ އިނގޭ..." އަލްވާގެ ޖަވާބުން ސަޔާރާ ހިތްހަމަޖެހުނެވެ.

މެންދުރު ނަމާދުގެ ފަހު ސުންނަތް ކުރިފަހުން އަލްވާގެ ސިކުނޑީގައި ނުރައްކަލުގެ ރަގަބީލުޖެހުނެވެ. ގޭތެރޭ ހާދަ ހިމޭނެވެ. ސަޔާރާގެ އެއްވެސް އަޑެއްބަޑެއްނީވެއެވެ. އަލްވާ ސަޔާރާގެ ނަމުން ގޮވަމުން ދަނިކޮށް މަޑުމަޑުން އެއްޗެކޭ ބުނެލިހެން ހީވެގެން އަތް ކާއްތަމުން ދަނިކޮށް ސަޔާރާގެ ގައިގާ އަތް ޖައްސައިލެވުނެވެ. އަމީރާމެންގެ އިންތިޒާރުގައި ހުރެ ވަރުބަލިވެގެން މަދަރުސާއިން ދީފައި ހުރި އަރަބި ފިލާވަޅުތައް ހަދަނިކޮށް ނިދުނީއެވެ. ސަޔާރާގެ މަޑުމަޑު ނޭވާގެ އަޑު އިވުމުން އަލްވާ ހިނިތުންވެލިއެވެ. ސަޔާރާގެ ގައިމަތީގައި ރަޖާ އަޅާލަދީފައި ނިންދަވަން ބޭއްވިއެވެ. އަލްވާ މަޑުުމަޑު ސޯފާއަކަށް އަރާ ދެފައިވަށްކޮށްލައިގެން އިނީ ފައިތިލައަށް ހޫނުކޮށްލުމަށެވެ. އަދި ރޭޑިއޯ އަޑުއަހަން ފެށިއެވެ.

"ކުއްލި ޚަބަރުގެ ތަފްސީލް. މީގެ ފަސްއަހަރުކުރިން ޑޮކްޓަރ އުސްމާންގެ ގަތުލުގެ ތުހުމަތުގައި ޖަލަށް ލެވުނު މިސްޓަރ ނަވޫދު ޖަލުން ދޫކޮށް ފުލުހުންވަނީ އޭނަގެ ފަރާތުން މާފަށް އެދިފައެވެ. މިސްޓަރ ނަވޫދުގެ ޝަރީއަތަށް އެހީވީ ޝަހްނާޒް އާދަމް ޕްރެސް ކޮންފެރެސްގައި ދިން ބަސްދީ ގަތުމެވެ. އެކަމަކު މިސްޓަރ ނަވޫދު ފުލުހުންނާއި އަމިއްލައަށް ހަވާލުވެގަތް ސަބަބު ވަނީ ނޭގުމުގެ ތެރޭގައެވެ. އަދި ހީވާގޮތުން އަބަދަށްޓަކާ......."

އަލްވާގެ އަތުގައި ހުރި ސައިތަށި އަތުން ދޫވެ ފަޔަށް ވެރުނެވެ. ތުރުތުރުލާ އަތަކުން އޭނަ އަވަހަށް އެތަށި ތިރީގައި ބެހެއްޓިއިރު ހިތް ތެޅޭ އަޑު އޭނައަށް ރީއްޗަށް އިވުނެވެ.

***

"ލައިލް. މި ރޭޓުން ދަންޏާ ދުވަހެއްގެ ކޮޅުންވެސް އަހަރެމެންނަށް އެއާޕޯޓަށް ނުފޯރާނެ..." ނަމްރާ ޝަކުވާކުރިއެވެ. "އެންމެ ރަގަޅުވާނީ ލައިލް ތިކަން ހުއްޓާލާފައި ތި ދުއްވަން އަހަންނާއި ހަވާލުކުރިއްޔާ.."

"ކަމޯން ނަމްރާ. ޓްރަސްޓްމީ. ވީހާވެސް މަޑުމަޑުން ގޮނޑި ދުއްވުން މިދުވަސްކޮޅު ވަކިން އިތުރަށް މުހިއްމުވާ ސަބަބަކީ ބިކޯޒް ޔޫ އާ......."

"ތި ލަފުޒު ބާރަށް ނުކިޔާތި..." ނަމްރާގެ މޫނު ރަތްވެގެން ދިޔައީ ލަދުންނެވެ.

"މިލިއަން ވަނަ ފަހަރަށް މިބުނަނީ "ޕްރެގްނެންޓް" މި ލަފުޒަކީ ލަދުގަންނަންޖެހޭފަދަ އެއްޗެއްނޫން. ނަމްރާ ލެންގުއޭޖް ދަސްކުރީ ކޮންތަނަކުން؟" ލައިލް ހީގަތެވެ. "ތީ ހަމަ ކުޑަކުއްޖެއް އަދިވެސް.."

ދެމަފިރިންް ވައިގެ ބަދަރަށް ދިޔަ މަގުމަތީގައި އެގޮތަށް އަރައިރުންވަމުން ދިޔަސް ހައްދުން ބޭރެއްނުވެއެވެ. ނަވޫދުގެ ކުޑަ ގެއިން ނަމްރާ ފެނުނު ފުރަތަމަ ފަހަރުވެސް ލައިލްގެ ހިތް ނަމްރާއަށް ދެވުނެވެ. އެކަމަކު އޭރު ހިތުގެ ޖަޒުބާތުތައް ހާމަކުރަން ފަސްޖެހުނީ ނަމްރާފަދަ ކުއްޖަކު އެކަން ބަލައިގަންނާނެ ގޮތެއް ނެގޭތީއެވެ. ނުކުޅެދުންތެރިކަމާއިމެދު މާ ބޮޑު އެއްޗެއް ނޭގުމާއެކު ނުހިނގޭ ކުއްޖަކާއި ރުހެން އޭރު އޭނަ ބިރުގަތެވެ.

ނަވޫދު ލައިލް ގާތު ނަމްރާއާއި ކައިވެނިކުރަން އެދުމުން ލައިލްވެސް ނަމްރާގެ ހިތް އަތުލަން މަސައްކަތްފެށިއެވެ. ކޯރުން ހޮވި ބޮލިތައް ހިފައިގެން އޭނަ ދިޔައެވެ. ނަމްރާއަށް ދުވަހަކު ފެތުމުގެ ނަސީބެއް ނުލިބޭނެތީ ކަނޑާއި ކޯރުން އެއްޗެހި ހޮވައިގެން ގެނެސްދިނީ ނަމްރާ ރުހޭނެހެން ހީވެއެވެ. އެގޮތަށްގޮސް ނަމްރާގެ ހިތުގައި ލައިލްއާއިމެދު ޝައުގުވެރިކަން އިތުރުވެ އޭނައާއި ރުހެވުނެވެ. ނަވޫދު ލައިލްއަށް އިތުބާރުކުރިއެވެ. ކޮއްކޮއާއި ރަގަޅަށް އަޅައިލާނެ މީހެއްކަމުގެ ޔަގީންކަން އޮތީމައެވެ.

އެދެމީހުންގެ ކައިވެންޏަށް ފަސްއަހަރުވީއިރު ނަމްރާ މިހާރު އިނީ ފުރަތަމަ ދަރިފުޅަށް ބަލިވެއެވެ.

ނަވޫދު ލައިލްއާއި ނަމްރާ ކައިވެނި ކުރަން އުޅުނު ސަބަބު ހާމަވީ ދުވަސްކޮޅަކުންނެވެ. އުސްމާނުގެ މަރުގެ ތުހުމަތުގައި ޖަލަށް ދިޔައިރު ކޮއްކޮ ދުނިޔެއަށް ގިނަކޮށްލާފައި ދާކަށް ބޭނުމެއްނުވިއެވެ. ނަމްރާއަށް އެކަން އެނގުމުން އެތައް ދުވަހެއްވާންދެން ހިފެހެއްޓުމެއްނެތި ލޮލުން ކަރުނަ އޮހުނީ އޭނަގެ ބޭބެއަށްޓަކައެވެ. އަމިއްލަ އެދުމުގެ ކަންފުޅެއްވެސް ނެތް ބޭބެއަށްޓަކައެވެ. ޑޮކްޓަރ އުސްމާނު މަރައިލެވުނު ހަތިޔާރުން އެހެންމީހެއްގެ ލޭގެ އަސަރު ފެނުނުކަމަށް ފުލުހުން ބުންޏެވެ. އެކަމަކު ނަވޫދު ފިޔަވާ އިތުރު މީހަކު އެތަނަށް ދިޔަކަމެއް އެމީހުންނަށްވެސް އެނގިފައެއްނެތެވެ. ނަވޫދު އަމިއްލައަށް ކުށަށް އިއުތިރާފްވިއިރު ފުލުހުން ދިޔައީ އެކަން ތަހުގީގުކުރަމުންނެވެ. އެމީހުންވެސް އެކަން ހުއްޓާލާފައި ފަސޭހައަކަށް ނަވޫދު ހައްޔަރުކުރީއެވެ. އެތަނަށް އަލްވާ ދިޔަކަން އެނގޭ މަދު މީހުންގެ ތެރޭ ނަމްރާ ހިމެނުނެވެ.

ނަވޫދު ހަގީގަތުގައި އަލްވާއަށްޓަކާ ގުރުބާންވީއެވެ. އޭރު ނަމްރާއަކަށް އެކަމެއް ނޭގެއެވެ. އަދި އަލްވާއަށްޓަކާ ނަވޫދު އަޅާލާ މިންވަރު ސާފެއްނުވެއެވެ. ބޭޭބެގެ އެ ހިތްހެޔޮކަމުގެ ސަބަބުން ނަމްރާ ދުޢާކުރިއެވެ. ދުވަހެއްގެ ކޮޅުންވެސް އެ ހިތް ބަދަލުނުވުމަށް އެދިއެވެ. ޖަލުގައި ކިތަންމެެ ހާލެއްގައި އުޅުނަސް އެފަދަ ގޮތެއްނުވުމަށް އެދެވުނެވެ.

"އަލްވާގެ ދިރިއުޅުމުގައި ލިބޭނެ އެންމެ ބޮޑު ސަޕްރައިޒް ލިބޭނެ...." ނަމްރާއަށް ބުނެވުނެވެ. އަމީރާއާއި ހާމިދު ފެނުމުން އަތް ހޫރައިގެންފަ ނަމްރާ ހިނިތުންވެލިއެވެ. އެމީހުންނާއެކު އަލްވާގެ ކޮއްކޮޮ އެލީސާވެސް އެއާޕޯޓުގައި ތިއްބެވެ.

**

"އަލްވާ. މާ އަވަހަށް ރޯން ފެށީީތަ؟" ނާކިއާ ބުމަ އަރުވައިލީ އަލްވާގެ ލޮލުން އޮހެން ފެށި ކަރުނަތިކިތައް ފެނިފައެވެ. އަލްވާގެ މައިންބަފައިންނާއި ކޮއްކޮ ބަލާ ވައިގެ ބަދަރުގައި އިންތިޒާރުގައި ތިބިއިރު ދުވަހަކުވެސް ނުވާވަރަށް މިއަދު އަލްވާ ޖަޒުބާތީވެއްޖެއެވެ. އަދި އަލްވާގެ މޫނުމަތިން މޮޅިވެރިކަމުގެ މިންވަރެއް ފެނުނުހެން ހީވިއެވެ. އެއީ ކީއްވެކަމެއް ދެނެގަންނަން ނާކިއާ ނުކުޅެދުނެވެ. މިއީ އުފާވެރި ވަގުތަކަށްވުމުން އުފަލުގެ ބަދަލުގައި މޮޅިވެރިވާންވީ ސަބަބެއް ނާކިއާއަށް ވިސްނައި ނުގަނެވުނީއެވެ.

"ކޮބާ މައްސަލައަކީ؟ކަމެއް ގޯސްވީތަ؟" ނާކިއާ ކަންބޮޑުވިއެވެ. އަލްވާ ބޯ ހޫރާލާފައި އަވަހަށް ކަރުނަ ފޮހެލިއެވެ. އެއީ ނުކުރާ ކުށެއްގެ ތުހުމަތުގައި ނަވޫދު ޖަލަށް ލީކަން އެނގުނު ފަހުން ކޮންޓްރޯލް ނުކުރެވިގެން އުޅޭ ކަރުނައެވެ. އެކަން ކުރި މީހަކީ އަލްވާއެވެ. ނޭގުމުގެ ތެރޭ އަލްވާގެ އަތުން އުސްމާން މަރުވެގެން ދިޔުމުން ނަވޫދު އެކަމުގެ ޒިންމާ ނެގީއެވެ. އެއީ އަމިއްލަ ނަފުސްގެ ދިފާއުގައެވެ. އެކަމަކުވެސް އަލްވާއަށް ކުރެވުނު ނުބައި އިހުސާސްތައް ދުވަހަކު މިހާ ބޮޑެއްނުވެއެވެ. އަދި އޭގެ އިތުރުން އޭނަ އެމީހަކުދެކެ އެންމެ ލޯބިވާ އިންސާނާ އެކަން ބޮލުގައި އެޅުވީއެވެ. ކައިވެނީގެ ހުށަހެޅުމަށްވެސް ނަވޫދު އިންކާރު ކުރި ސަބަބަކީ އެއީހެއްޔެވެ؟

"މަންމީ ބަލާލަބަލަ....އެންމެން މިއަންނަނީ....." ސަޔާރާ އުފަލުން ހަޅޭއްލަވައިގަތެވެ. އެކުޑަ ކުޑަ ފައިތިލައިން ނާކިއާގެ ދިގު ހެދުމަށް އެރެވި އަރިއަޅައިނުލީވެސް ކިރިޔާއެވެ.

އަލްވާ ހުރީ އެހެން ދިމާލަކަށް މާ ދުރަށް ނަޒަރު ހުއްޓައިލިގޮތަށް ގެއްލިފައެވެ. ކުއްލިއަކަށް ނާކިއާ އަލްވާގެ އަތުގެ މުލައްދަނޑިއަށް ބާރުކޮށްލިއެވެ. އަދި އަޑުގައިވި ޖޯޝާއެކު ވައިއަޑަކުން ކިޔައިލިއެވެ. "އަލްވާ. ނަވޫދު.....އޭނަވެސް އެބަހުރި. ނަމްރާއާއި ފިރިމީހާވެސް..."

އަލްވާގެ ލޯ ބޭގަރާރުކަމާއެކު މަސައްކަތްކުރީ ނަވޫދު ދުށުމަށެވެ. ތިމާގެ ލޮލަށް ނުފެންނަކަން ހިނދުކޮޅަކަށް ހަނދާން ނައްތައިލެވި ނަވޫދުގެ މޫނު ހޯދަން އަލްވާ މަސައްކަތްކުރިއެވެ.

"އަލްވާ....." އަމީރާ އައިގޮތަށް ދަރިފުޅު ގެނެސް މޭގައި ޖައްސައިލިއެވެ. ލޮލުން އަންނަމުން ދިޔައީ އުފާވެރިކަމުގެ ކަރުނައެވެ. އަދި އަލްވާގެ މޫނުގައި ދެއަތުން ހިފަހައްޓައިލަމުން ކުލުނުން ފުރިފައިވާ ނަޒަރަކުން ބަލައިލިއެވެ. "ނަވޫދުވެސް އައި. އޭނައައީ ދަރިފުޅަށްޓަކާ. ވަރަށް ދުވަސްކޮށްފައިދޯ...."

ނަވޫދު ސަލާމް ގޮވައިލުމުން އޭނަ ހުރިކަން އަލްވާއަށް ޔަގީންވިއެވެ. ހަގީގަތުގައިވެސް ނަވޫދު އައީއެވެ.

"ހެލޯ އަލްވާ...." ނަވޫދުގެ އަޑު އިވުމުން އަލްވާ ހިނިތުންވެލިއެވެ. އެއީ ނަވޫދު އުމުރު ދުވަހަށް ޚަޒާނާ ކުރަން ބޭނުންވިފަދަ އަގުހުރި ހިނިތުންވުމެކެވެ. އެތައް ޒަމާނެއްވިއެވެ. އެކަމަކު މިހާރު ދެމީހުން ދިމާވީއެވެ. ނަވޫދުއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީވެސް އަލްވާ ކައިވެނި ނުކޮށް ހުރިކަން އެނގުމުންނެވެ. ކަޅު ޚިމާރުގެ ސަބަބުން އަލްވާގެ މޫނުން ފެންނަން ހުރީވެސް ކުޑަ ތަންކޮޅެކެވެ. އަލްވާގެ ސިފައަށް އިތުރު އެއްވެސް ބަދަލެއްނާދެއެވެ. ތަފާތުއައީ ލޮލަށެވެ. އެކަމަކު އަދިވެސް އެއީ ހަމަ އަލްވާއެވެ.

ނަވޫދުއަށް އަލްވާގެ ލޮލުން އޮހިގަތް ކަރުނަ ފެނުމުން އޭނައަށް ދިމާވި ކަންތައް އަލްވާއަށް އެނގުނީކަން ކޮންމެވެސް ވަރަކަށް ވިސްނައިގަނެވުނެވެ. އަލްވާގެ ހުރިހާ ހިތާމައެއް ފިލުވަދޭން އޭނަ ބޭނުންވިއެވެ. އެދެމީހުން އެކީގައި ވުމުން ހުރިހާކަމެއް ރަގަޅުވާނެކަމުގައި ބުނަން ބޭނުންވިއެވެ. އެކަމަކު އެވަގުތު އެހެން ބުނެވޭކަށް ނެތެވެ. އެދެމީހުންގެ ކައިވެނި ކުރެވެންޖެހޭނެއެވެ. އެހެންވީމަ އަދި ފުދޭވަރަކަށް ގިނަ ގަޑިތަކަކަށް އޭނަ އިންތިޒާރުކުރަން ޖެހޭނެއެވެ. އޭނަ އަލްވާއަށް އަންގަން ބޭނުންވާ ހުރިހާ އެއްޗެއް ބުނެވެން އޮތީ އޭގެ ފަހުންނެވެ.

ނަވޫދު ޖަލުގައިވި ފަސް އަހަރުތެރޭގައި ނަމްރާވެސް ޝަރީއާއިން ޑިގްރީ ހެދިއެވެ. އަދި ޝަހްނާޒް އާދަމްގެ ޕްރެސް ކޮންފެރެންސަށްފަހު ޝަރީއަތުގެ އެންމެ ފަހު ދުވަހު ނަވޫދުގެ ކޮޅަށް ވާހަކަދެއްކި ވަކީލަކީވެސް ނަމްރާއެވެ. ނަވޫދުގެ އެއްވެސް ކުށެއްނެތްކަމަށް ނިންމާ މިނިވަންވީއެވެ. އަދި ގަތުލުކުރެވުނު މީހާގެ ނުބައިކަމުން ކޯޓުން ނިންމީ ގާތިލު އަމިއްލަ ނަފުސްގެ ދިފާއުގައި ހަތިޔާރު އުފުލީކަމުގައެވެ. ޝަހްނާޒްގެ އެދުމުގެ މަތިން އެ ކޭސް ނިންމައިލީއެވެ.

ނަމްރާ ހިނިތުންވެލީ އޭނަގެ ބޭބެ ނަވޫދުގެ މޫނުން ފެނުނު އުފާވެރިކަމުގެ ކުލަވަރުންނެވެ. ހަގީގީ އުފާވެރިކަމެއް އެމޫނުން ފެނުނީ އެތައް އަހަރެއްގެ ފަހުންނެވެ. އެއްވެސް ދެއްކުންތެރިކަމެއްނެތް އިޚުލާސްތެރި ހިނިތުންވުން ލޮލާއި ހަމަޔަށް ފޯރިއެވެ. އޭނަ އެގޮތަށް ހީނުލާތާ ޒަމާންތަކެއް ވެއްޖެކަން ނަވޫދުއަށް ރޭކާލިހެއްޔެވެ؟

....................

ނޯވޭގެ ޝަހަރެކެވެ. އިރާކޮޅު ފަޅުވެފައިވާ މަގެއްގައި ފިރިހެނަކު އެކަނިމާއެކަނި ހިނގަމުން ދިޔައެވެ. ހުރިހާ ދިމާލެއްގައި ވިދަނީ ސްނޯއެވެ. ސްނޯއިން ނުފޮރުވޭ އެންމެ ތަންކޮޅެއްވެސް ނުފެނެއެވެ. ހުހަށް ހުރި ގޮފިތަކާއި ކުދިގެތަކާއި ފިހާރަތަކުގެ މަތީގައިވެސް ސްނޯއެވެ. މަގުމަތީގައިވާ ބައްތިތަކުގެ އޮރެންޖް އަލީގައި ސްނޯގެ އެތިކޮޅުތައް ނަށަމުން ދިޔައެވެ. މަޑުވައިރޯޅިތައް ކޯރިއޯގްރާފްކުރާ ބެލޭ ނެށުމެއް ފަދައިންނެވެ.ބަގީޗާގައިވާ ސްނޯގެ މައްޗަށް އޮރެންޖް އަލި އެޅިފައިވާއިރު ފެންނަނީ ހުވަފެނީ އަދި އަޖައިބެއްފަދަ ރީތި މަންޒަރެއްފަދައިންނެވެ. ސުފިޔާން ފުންނޭވާއެއް ދޫކޮށްލުމުން އެނޭވާއިން ނުކުތް ދުންކޮޅުތައް ދުންފިނިން ކަޅުވެފައިވާ ރޭގަނޑުގެ އުދަރެހާއި އެކުވިއެވެ.

ދިހައަހަރުވާންދެން ޖަލުގައި ހޭދަކުރުމަށްފަހު އޭނަ މިނިވަން ކުރެވުނީ އެއްވެސް ގަތުލެއްގެ ފަހަތުގައި އޭނަ ވިކަމުގެ ހެއްކެއް ނުފެނުމުންނެވެ. އުމުރުން ސާޅީސް ހަތަރު އަހަރުގައި އޭނަ މިނިވަން ވުމުން ނޯވޭ އިން ގެއެއްގަނެގެން ބަދަލުވީ ހިތްތިރިކޮށް އުޅެން ބޭނުންވެގެންނެވެ. ހުރިހާ މުއްސަދިކަމަކާއިއެކު މި ވަގުތީ ދުނިޔެ ފަހާ ދުވުން ހުއްޓައިލީއެވެ. އަމިއްލަ ލައިބްރަރީއެއް ހުޅުވައިގެން އިސްލާމީ ފޮތްތަކާއި ހަދީސް ފޮތްތައް އަދި ތަފާތު އިލްމުވެރިންގެ ފޮތްތަކުން ހަރުތައް ފަޅުފިލުވައިލިއެވެ. ސުފިޔާން ބޭނުންވީ ދީނަށް ޚިދުމަތްކޮށް ދީން ފަތުރަން މަސައްކަތްކުރުމަށެވެ. އަދ އެ ކުޑަ ޝަހަރަށް ފައިދާ ހުރިކަމެއް ކޮށްދިނުމަށެވެ.

ކުތުބުޚާނާގެ ފުރަތަމަ ހަރުގައިވީ އަލްވާ ލިޔުނު ފޮތުގެ ކޮޮޕީތަކެވެ. "އަނދިރިކަމުން އަލިކަމަށް" އެނަމުގައި އަލްވާ ލިޔުނު ފޮތުގައި އޭނަގެ ހަޔާތާއި ބެހޭގޮތުން ތަފްސީލުކޮށް ލިޔެފައިވިއެވެ. އެ ދިރިއުޅުމުގައި އިސްލާމީ ތައުލީމާއި ތަރުބިއްޔަތު އެހީވިގޮތެވެ. މުޅި ދުނިޔެ އަނދިރިވީއިރުވެސް އޭނަގެ އީމާންކަމާއި ޔަގީންކަން ﷲގެ ރަހުމަތާއިމެދު އޮތުމުން މޮޔަނުވެ ހުރެވުނުކަމެވެ. އަލްވާ، އެކުއްޖަކު މަރައިލަން އޭނަ މަސައްކަތްކުރި ކުއްޖާ މިވީ އޭނައަށް މަގު ދައްކާ އުޅުން ބަދަލުކުރަން އެހީތެރިވެދިން ކުއްޖަކަށެވެ. ސުފިޔާން ގުރުއާން ތަފްސީރު އަދި ހަދީސްގެ އިލްމު އުގެނުނެވެ. އަދި ހުސް ވަގުތުތަކުގައި އޭނަވެސް އަދަދެއްނެތް ވަރަށް އިސްލާމީ ފޮތްތައް ލިޔުނެވެ.

އިރުއޮއްސުމުން ކުތުބުޚާނާ ބަންދުކޮށްފައި މަޣުރިބު ނަމާދުކޮށްގެން ގެއާއިދިމާލަށް ހިނގައިގަތެވެ. އޭނަ ލައިގެން ހުރި ބޯ ޖެކެޓާއެކު ކަނދުރާގައި އޮޅާފައިވާ ސްކާފުން މޫނުގެ ބޮޑުބައި ފޮރުވިައިވާއިރު ފިނީގެ އުދަގޫތައް ކުޑަކޮށްދިނެވެ. އުދުހެމުން ދިޔަ ސްނޯގެ އެތިކޮޅުތައް އޭނަގެ ތުނބުޅިއާއި މޫނުން ފެންނަން ހުރިތަނުގައި ބީހެމުން ދިޔައެވެ. އެއުމުރުގައިވެސް އިސްތަށިގަނޑުގެ ރަތްކަން ވިދައެވެ. އަދި އެ އަޅި ދެލޮލުން މިހާރު ފެންނަނީ ބުއްދިވެރިކަމެވެ. މަޑު ސްނޯގެ ތެރެއަށް ގެނބެމުން ދިޔަ ބޫޓުގެ ސަބަބުން ހިނގަން ކޮންމެވެސް ވަރަކަށް އުދަގޫވިޔަސް ކުރިއަށް ދިޔައެވެ. އޭނަގެ މުށުތެރޭގައި އޮތީ ދަރިފުޅުގެ ސިޓީއެކެވެ.

ސުފިޔާން ޖަލުން ދޫކުރިފަހުން ނާކިއާ ސުފިޔާންއަށް ސިޓީ ފޮނުވާފައި ބުނީ ވެވޭވަރުގެ ކަމަކަށް ވަންޏާ ސަޔާރާއަށް ސިޓީއެއް ފޮނުވުމަށެވެ. އެހެން ކުދިން މަންމައާއި ބައްޕައާއެކު އުޅޭތަން ފެނުމުން އުދަގޫވެ ދެރަވެފައި ހުރެ ބޮޑުވި ސަޔާރާއަށް އެންމެ ރަގަޅުގޮތަކީ އެއީކަމުގައި ނާކިއާ ދެކުނެވެ. ނާކިއާގެ އެ ސިޓީގެ ސަބަބުން ސުފިޔާންގެ ދުނިޔެ އިތުރަށް އަލިވިއެވެ. އެދުވަހަށްފަހު ސުފިޔާން އޭނަގެ ދަރިފުޅަށް ސިޓީ އެއްނުލިޔާ އެންމެ ދުވަހެއްވެސް ނުދެއެވެ.

ސުފިޔާން ނާކިއާއާއި ސަޔާރާއަށް އަބަދުވެސް ޚަރަދުކުރިއެވެ. ނާކިއާވެސް އަޅާނުލީ ދަރިފުޅުގެ ބައްޕައަށް ކޮށްދެވެން އޮތް ހަމައެކަނި ކަންތަކުން މަހުރޫމް ނުކުރަންވެގެންނެވެ. އަދި ސަޔާރާއަށްޓަކާ ހުރި ކުލުނާއި އިޚުލާސްތެރިކަން ސުފިޔާންގެ އަމަލުން ދައްކާތީ އެއީ ކުރީގެ ސުފިޔާން ނޫންކަމަށް އިހުސާސްވީއެވެ. ސަޔާރާއަށް ސިޓީ ލިޔަން އެދެވުނު ސަބަބަކީވެސް އެއީއެވެ. އޭނަގެ ބައްޕަ ދުނިޔޭގައި ހުރިކަން ސަޔާރާއަށްވެސް އެނގެން ޖެހޭނެއެވެ. އަދި އޭނަދެކެ ބައްޕަ އިންތިހާއަށް ލޯބިވާކަންވެސް އެނގެން ޖެހޭނެއެވެ.

ވަކި ހިސާބަކުން ސުފިޔާންއަށް ފިނީގެ އަސަރު މާބޮޑަށް ކުރިއެވެ. ނޫނީ އެ ސިޓީގައިވި އިބާރާތްތަކުން މާ ބޮޑަށް އަސަރުކުރީއެވެ. ސުފިޔާން ކަކޫމައްޗަށް ސްނޯގަނޑުގެ ތެރެއަށް ތިރިވިއިރު އަމިއްލައަށްވެސް އިހުސާސްވީ ރޮވޭކަމެވެ. ސަޔާރާގެ ސިޓީގައިވި ވާހަކަތައް އޭނަ ރޮއްވާލީހެއްޔެވެ؟ ސުފިޔާން ސަޔާރާއަށް ފޮނުވި ސިޓީގައި އެދުނީ ސަޔާރާ ބޭނުން އެއްޗެއް ބުނުމަށެވެ. އެކަން ކޮށްދޭނެކަމުގައެވެ. އަދި މިހާރު ފުރާވަރުގެ ކުއްޖެއްކަމަށްވާ ސަޔާރާ އެ ސިޓީގައި އޭނާގެ އަމިއްލަ ހިތް ބަންޑުންކޮށްލާފައިވިއެވެ.

ސަޔާރާ ލިޔެފައިވީ އޭނައަށް އިހުސާސްވަނީ މަންމަ ނާކިއާގެ ހަޔާތުން އެއްޗެއް މަދުކަމުގައެވެ. އަދ ވަރަށް ގިނަ ވަގުތު ކުޑަދޮރުން ބޭރަށް ބަލަން ހުރެ މަޑުމަޑުން ދުޢާކުރާކަމަށާއި ސަޔާރާއަށް ގަބޫލުކުރެވެނީ ސުފިޔާންއަށް ކަމުގައެވެ. އަދި މަންމަ އެގޮތަށް ހުންނަ ފަހަރުތަކުގައި ސަޔާރާ މަންމަގެ ގާތަށް ދިޔައްޔާ އަހާނީ ބައްޕަގެ ސިޓީއެއް ލިބުނުތޯކަމުގައެވެ. މަންމަ ބޭރަށް ބަލަން ހުރެ ވިސްނަނީ ސުފިޔާންއާއިމެދު ކަން އެގުނީ އެހެންވެއެވެ.

ސަޔާރާ އެންމެ ކަމެއްވެސް ދުނިޔެއިން ބޭނުންވާނަމަ އެއީ އޭނަގެ މަންމައާއި ބައްޕަ އަލުން ގުޅުމެވެ. ކައިވެނިކޮށް އެކީގައި ވުމެވެ. ތައުބާވެއްޖެ މީހެއްގެ ފާފަ ﷲ ފުއްސަވާހިނދު އެހެން އެކަކަށްވެސް ސުފިޔާންގެ މާޒީއާއިހެދި އޭނަ ހުއްޓުވޭނެހެއްޔެވެ؟ ސަޔާރާ ލިޔުނީ ބައްޕައަކީ ރަގަޅު އިންސާނެއްކަން އޭނަ ގަބޫލުކުރާކަމުގައެވެ. ދެމީހުން ސިޓީ ބަދަލުކުރާން ފެށިފަހުން ފުރަތަމަ ފަހަރަށް ސަޔާރާ ބުނީ ބައްޕަ ދެކެން ބޭނުންވާކަމުގައެވެ.

އެވަގުތު ކަރުނުން ފުރެމުން ދިޔަ ލޮލުން ސުފިޔާންއަށް ފެނުނީ ނޫކުލައިގެ އެންމެ މަލެކެވެ. މުޅިން ހުދުކަމުގެ ތެރެއިން ފެނުނު ހަމައެކަނި ކުލައެވެ. އެސްނޯތެރެއިން އެ މާ ފޮޅުމަށް ކުރި މަސައްކަތެއް ސުފިޔާންއަކަށްވެސް ނޭގެއެވެ. އޭނަ މަޑުމަޑުން އެ މަލުގައި ފިރުމައިލިއެވެ. އަދި އޭގެ ފިޔަތަކުގައި ހަރުލާފައިވާ ސްނޯކޮޅުތައް ފޮހެލައިފިއެވެ. އެއީ ހަޔަސިންތް މަލެކެވެ.

ގަނޑުވަމުން ދިޔަ ސަރަހައްދެއްގައ އެންމެ މަލެއް އެގޮތަށް ފޮޅުނީއެވެ. ﷲ ސުބުހާނަހޫވަތައާލާ ގެ ކުޅަދުންވަންތަކަމުން ކާނާ ފެން ވައި އަދި އިރުގެ އަލީގެ ސަބަބުން އޮށަކުން ގަސް ފަޅުއްވައެވެ. ހަމައެފަދައިން ކަނޑުގެ އަލި ނުވަންނަ ހިސާބު ފުންމިނުގައިވާ ކުދި ސޫފިތަކަށްވެސް އެފަރާތުން ރިޒުގުދެއްވައެވެ. ކުދި ސޫފިތަކާއި ނިރުތަކާއި ދޫނިތަކަށްވެސް ރިޒުގު ދެއްވާ ފަރާތަކީ އިންސާނުން ހަމައެކަނި ބަރޯސާ ވާންޖެހޭ ފަރާތް ކަމަށް ނުވާންވީ ކީއްވެހެއްޔެވެ؟ ހަގީގަތަކީ ހުރިހާ އެންމެނަށް ރިޒުގުދެއްވާ ގެންގުޅުއްވަނީ ހެއްދެވި ފަރާތެވެ. ގުނާއަދަދުނުކުރެވޭފަދަ ވަސީލަތްތަކުން ރިޒުގުދެއްވައެވެ. ﷲއީ އައްރައްޒާގްއެވެ.

އެނބުރެމުން ހޫރެމުންދާ ފުރިހަމަ ސްނޯގެ އެތިކޮޅުތައް އޭނަގެ މޫނުގައި ބޮސްދެމުން ދިޔައެވެ. ސުފިޔާން ތެދުވުނެވެ.

އައްޒުމަރު ސޫރަތުގެ ފަންސާސް ތިންވަނަ އާޔަތުގައި މާތް ﷲ ވަހީކުރައްވާފައިވަނީ ކަލޭގެފާނު ވިދާޅުވާށެވެ. އެއުރެންގެ އަމިއްލަ ނަފުސްތަކުގެ މައްޗަށް ފާފައިން އިސްރާފުކޮށްފައިވާ ތިމަން ރަސްކަލާނގެ އަޅުތަކުންނޭވެ. ތިޔަބައިމީހުން ﷲގެ ރަހުމަތުން އުއްމީދު ކަނޑައިނުލާށެވެ. ހަމަކަށަވަރުން ﷲއީ އެންމެހާ ފާފަތައް ފުއްސަވާ ރަސްކަލާނގެއެވެ.ހަމަކަށަވަރުން އެކަލާނގެއީ ގިނަގިގައިން ފާފަފުއްސަވާ ރަހުމަތް ވަންތަ ރަސްކަލާނގެއެވެ."

އަދި އައްޝަރަހް ސޫރަތުގެ ފަސްވަނަ އާޔަތުގައި މާތްﷲ ވަހީކުރެއްވިއެވެ. "ފަހެ ހަމަކަށަވަރުން އުދަގޫކަމާއެކު ފަސޭހަަކަން ވެއެވެ."

ގުރުއާން ކިޔަވާ އެންމެނަށްވެސް މި އާޔަތުން އެނގެނީ ދިރިއުޅުމުގައި ދިމާވާ ކޮންމެ އުދަގޫތަކަށްފަހު ﷲ ގެ ފަރާތުން ފަސޭހަ ދުވަސްތައް އަންނާނެކަމެވެ. ދެއްވާ އަދި ގެންދަވާފަރާތަކީ ﷲ ކަން ދެނެގެން އަދި އެންމެ ރަގަޅު އެއްޗެއް ދެއްވާނެކަން ވިސްނޭނެއެވެ. އަދިހުރިހާ އެއްޗެއް ގެއްލި ދިޔަހެން ހީވާއިރުވެސް އުއްމީދު އާވުމަށް މިއާޔަތުން އެހީލިބޭނެއެވެ.

ގުރުއާންގެ އާޔަތްތަކުން ހިތްވަރާއި އަމިއްލަ ނަފުސަށް އޮތް އިތުބާރު ބޮޑުވެ އޭނަ ކުރިއަށް ފިޔަވަޅު އަޅަމުން ދިޔައެވެ. ފިނި މޫސުމް އަނދިރިވެފައި ފިނިވިޔަސް ރީތިކަންވެސް ވެއެވެ. ގަހުގައި އެންމެ ފަތެއްނެތި ހާމައަށްވިޔަސް އެއިން ބަހާރުގެ އުއްމީދު ގެނެސްދެއެވެ. އެ ފެނުނުއެންމެ ހަޔަސިންތްފަދައިން އަނދިރި މާޒީގެ ތެރެއިން އޭނައަށްވެސް ނިކުމެވިދާނެއެވެ. ﷲ އޭނައާއެކު ވާކަމަށް ގަބޫލުުކުރެވޭހިނދު މާޔޫސްވެ އޭނަ އުއްމީދު ގެއްލުވައިލަންވީ ކީއްވެހެއްޔެވެ؟

ސަޔާރާގެ ސިޓީ އަތުތެރޭގައިވެ ލޮލުން އުފާވެރިކަމުގެ ކަރުނަ އައުމާއެކު ފިނި މަގުތަކުން ހިނގަމުން ދިޔައީ އަންނަން އޮތް އަހަރުތަކުގައި އޭނައާއެކު އަބަދުވެސް ބައިވެރިޔަކު ހުންނާނެކަން އެވަގުތުކޮޅު ރޭކާނުލާ ހުރެއެވެ.

ނިމުނީ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު