ބާސެލޯނާގެ މިދިޔަ އަހަރުގެ ފައިދާ 98 މިލިއަން ޔޫރޯގައި

ބާސެލޯނާގެ ޑިރެކްޓަރުންގެ ބޯޑު --- ފޮޓޯ/ ބާސާ

ސްޕެއިންގެ ކްލަބް ބާސެލޯނާއަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި 98 މިލިއަން ޔޫރޯ ލިބިފައިވާކަމަށް އެ ކުލަބުން ހާމަކޮށްފިއެވެ.

ބާސެލޯނާއިން ނެރެފައިވާ މާލީހިސާބުތަކުގެ އުސްއަލިތަކަށް ބަލާއިރު، މިދިޔަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި 1.017 ބިލިއަން ޔޫރޯ ލިބިފައިވެއެވެ. މިއީ ކޮވިޑަށްފަހު ބާސެލޯނާއަށް ފައިދާވި ފުރަތަމަ ފަހަރެވެ.

މާލީހިސާބުތަކާ ބެހޭގޮތުން ބާސެލޯނާއިން ބުނީ، ހިނގަމުންދާ މާލީ އަހަރު ނިމޭއިރު ބާސެލޯނާގެ ފައިދާ 271 މިލިއަން ޔޫރޯއަށް އިތުރުވާނޭކަމަށް ލަފާކުރެވޭކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި ލިބޭނޭކަމަށް އަންދާޒާކުރާ ޖުމްލަ އާމްދަނީގެ އަދަދު 1.255 ބިލިއަން ޔޫރޯއަށް އަރާނޭކަމަށް ވެސް ބާސެލޯނާއިން ލަފާކުރެއެވެ.

މިދިޔަ އަހަރު ބާސެލޯނާގެ ފައިދާ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ނިމިގެންދިޔަ ސީޒަނުގެ ޑޮމެސްޓިކް ޓީވީރައިޓްސް ސިކްސްތު ސްޓްރީޓަށް ވިއްކާލުމެވެ. މިއީ 200 މިލިއަން ޔޫރޯގެ އެއްބަސްވުމެކެވެ.

މިދިޔަ ސީޒަނުގައި އާމްދަނީ ހޯދުމަށް އެޅި ފިޔަވަޅުތަކަށް ބަލާއިރު، ލަލީގާ ޓީވީ ރައިޓްސް ސިކްސްތް ސްޓްރީޓަށް ވިއްކާލުމާއި އެ ކްލަބުގެ ސްޓޫޑިއޯ ވިއްކާލުން ހިމެނެއެވެ. ޓީވީ ރައިޓްސް ވިއްކާލައިގެން 300 މިލިއަން ޔޫރޯ އެ ކްލަބަށް ލިބުނެވެ. ބާސެލޯނާ ސްޓޫޑިއޯ ވިއްކާލައިގެން 200 މިލިއަން ޔޫރޯ ލިބުނެވެ.

ކޮވިޑަށްފަހު ފުރަތަމަ ފަހަރަށް ނިމިގެންދިޔަ އަހަރު ބާސެލޯނާއަށް ފައިދާވެފައިވާއިރު، އެ ކްލަބުން ވަނީ މިފަހަރުގެ ހޫނު މޫސުމުގައި ކުޅުންތެރިން ގަތުމަށް 150 މިލިއަނަށްވުރެ ގިނަ ޔޫރޯ ޚަރަދުކޮށްފައެވެ. ބާސެލޯނާއިން ކުރި މި ޚަރަދާއެކު އެކްލަބުން މިފަހަރުގެ ސީޒަނުގައި އަންނަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ.

comment ކޮމެންޓް