ޓެރަރިޒަމްގެ ދައުވާ އުފުލައިގެން އިމްރާން ޚާން "ބައްދަން" ޕާކިސްތާން ސަރުކާރުން ކުރިި މަސައްކަތް ނާކާމިޔާބު ވެއްޖެ

އިމްރާންޚާން

އިސްލާމް އާބާދު (20 ސެޕްޓެމްބަރު): ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ މައްޗަށް ޓެރަރިޒަމްގެ ތުހުމަތުކޮށް ޕާކިސްތާނުގެ ސަރުކާރުން އުފުލާފައިވާ ދައުވާ އެގޮތަށް ކުރިއަށް ނުގެންދެވޭނެކަމަށް އިސްލާމްއާބާދު ހައިކޯޓުން ނިންމައިފިއެވެ.

މި ދައުވާއާބެހޭ އަޑު އެހުމަކަށްފަހު އިސްލާމްއާބާދު ހައިކޯޓުން އެގައުމުގެ ސަރުކާރަށް އިއްޔެ އަންގާފައިވަނީ އިމްރާން ޚާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރެވޭނެ އެއްވެސް ޖާގައެއްނެތް ކަމަށާއި އިމްރާން ޚާންގެ މައްޗަށް ދައުވާކުރަން ހުށަހަޅާފައިވާ މައްސަލަ ކޯޓުގައި ކުރިއަށް ގެންދެވޭނީ އެ ދައުވާގައި ހިމެނޭ ޓެރަރިޒަމްގެ ބައި އުނިކުރުމަށްފަހު އަލުން ހުށަހެޅުމުން ކަމުގައެވެ.

ޕާކިސްތާން ސަރުކާރުން އިމްރާން ޚާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލީ ޕާކިސްތާން ރައްޔިތުންގެ މެދުގައި އޭނާގެ މަގްބޫލުކަން އިތުރުވަމުންދާތީ ކުރިއަށް އޮތް އާންމު އިންތިޚާބު ކާމިޔާބު ކޮށްގެން އަލުން ބޮޑުވަޒީރުކަމަށް ވަޑައިގަތުމުގެ ފުރުސަތު އިމްރާން ޚާނަށް ބޮޑުކަން ޕާކިސްތާނުގައި ވެރިކަންކުރާ ކޯލިޝަންގެ ލީޑަރުންނަށް އިހްސާސް ކުރެއްވޭތީ އެކަމަށް ހުރަސްއެޅުމުގެ ގޮތުންކަމަށް އިމްރާންޚާންގެ ތަހްރީކޭ އިންސާފު ޕާޓީން ތުހުމަތު ކުރެއެވެ.

މިއަހަރުގެ ކުރީކޮޅު އިމްރާންޚާން ބޮޑުވަޒީރުކަމުން ދުރުކުރީ ޕާކިސްތާނުގެ އެންމެ ބޮޑު ދެ ޕާޓީ ކަމަށްވާ ޕާކިސްތާން ޕީޕަލްސް ޕާޓީ އާއި މުސްލިމް ލީގް ނަވާޒު ޕާޓީ ގުޅިގެންނެވެ. މި ދެ ޕާޓީއަކީ ވާދަވެރި ސިޔާސީ ދެހަތުރުންކަމަށް ވިޔަސް އިމްރާންޚާންގެ ސަރުކާރު ވައްޓާލުމަށްޓަކައި އެ ދެ ޕާޓީ ވަނީ ވަގުތީ ގޮތުން ގުޅިގެން ކޯލިޝަނެއް އުފައްދާފައެވެ.

އިމްރާން ޚާންގެ ސަރުކާރު ޕާލަމެންޓްގެ ތެރެއިން ވަައްޓާލެވުނީ އިމްރާން ޚާންގެ ޕާޓީގެ ޕާލަމެންޓް ބައެއް މެންބަރުންވެސް އެ ދެޕާޓީގެ ކޯލިޝަނަށް ތާއީދުކުރުމުގެ ސަބަބުންނެވެ. ޕާކިސްތާނުގެ ބޮޑު ދެ ޕާޓީން އިމްރާން ޚާންގެ ޕާޓީގެ ބައެއް މެންބަރުންގެ ތާއީދު ހޯދީ އެ ބޭފުޅުންނަށް ފައިސާގެ ރިޝްވަތު ދީގެންކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ. ނަމަވެސް މިކަން ސާބިތު ކުރެވޭނެ ގޮތެއް ނެތެވެ.

ޕާކިސްތާން ސަރުކާރު ސިއްސާލި ބޮޑު އެއްވުމުގެ ބައިވެރިންނާ މުޚާތަބު ކުރައްވައި އިމްރާންޚާން ވާހަކަ ދައްކަވަނީ

ޕާކިސްތާނުގެ ބޮޑު ދެޕާޓީ ކަމަށްވާ ޕާކިސްތާން ޕީޕަލްސް ޕާޓީ އާއި މުސްލިމް ލީގް ނަވާޒު ޕާޓީގެ ލީޑަރުންނަކީ ކޮރަޕްޓް ލީޑަރުންގެ ގޮތުގައި ޕާކިސްތާނުގައި ވަރަށް މަޝްހޫރު ބައެކެވެ. އެދެޕާޓީން މިހާތަނަށް އުފެއްދި ސަރުކާރުތަކަކީވެސް ކޮރަޕްޝަނުން ފުރިގެންވާ ސަރުކާރުތަކެކެވެ.

މުސްލިމް ލީގް ނަވާޒު ޕާޓީގެ އިސް ލީޑަރު ނަވާޒް ޝަރީފު މިހާރުވެސް ހުންނެވީ ކޮރަޕްޝަނުގެ މައްސަލައެއްގައި ޖަލަށްލާން ހުކުމްކޮށްފައެވެ. އޭނާ ވަގުތީގޮތުން ޖަލުން ދޫކޮށްލާފައިވަނީ ސިއްހީ ހާލުކޮޅު ބޮޑުކަމުން ފަރުވާއަށެވެ. ޕާކިސްތާން ޕީޕަލްސް ޕާޓީގެ އިސް ލީޑަރު އާސިފް ޒަރުދާރީއަކީ ކޮރަޕްޓް ބޭފުޅެއް ގޮތަށް 'މިސްޓަ ޓެންޕަސެންޓް'ގެ ގޮތުގައި މުޅި ޕާކިސްތާނުގައި މަޝްހޫރުވެފައިވާ ބޭފުޅެކެވެ. އަދި ކޮރަޕްޝަންގެ ކުށް ސާބިތުވެގެން ދިގު މުއްދަތުގެ ޖަލު ހުކުމެއްވެސް ތަންފީޒު ކުރައްވާފައިވާ ބޭފުޅެކެވެ.

މުސްލިމް ލީގް ނަވާޒު ޕާޓީއަށް ނިސްބަތްވާ މިހާރުގެ ބޮޑުވަޒީރު ޝަހެބާޒް ޝަރީފްގެ މައްޗަށްވެސް ވަނީ ކޮރަޕްޝަނުގެ ދައުވާ އުފުލާފައެވެ. އޭނާ ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވީވެސް ކޯޓުގެ ހުއްދައެއް ހޯދައިގެންނެވެ. މިހާރު އެދައުވާ ކުރިޔަށް ނުގެންދަނީ ބޮޑުވަޒީރުކަމުގައި ހުންނަވާއިރު ލިބިދޭ ގާނޫނީ ރައްކާތެރިކަމުގެ ސަބަބުންނެވެ. ބޮޑުވަޒީރުކަން ގެއްލޭއިރަށް ކޯޓަށް ދާން ޖެހިވަޑައިގަންނަވާނެއެވެ.

މިއާ ޚިލާފަށް ކޮރަޕްޝަނުގެ އެއްވެސް ތުހުމަތެއް އިމްރާން ޚާންގެ މައްޗަށްވެސް އޭނާގެ ޕާޓީން އުފެއްދި ސަރުކާރުގެ މައްޗަށްވެސް ކުރެވިފައެއް ނުވެއެވެ. އިމްރާން ޚާން ދެކެ ޕާކިސްތާން އާންމުންގެ ގިނަ ބަޔަކު ލޯބިވަނީ މިސަބަބަށްޓަކައެވެ.

އިމްރާން ޚާން މަޝްހޫރުވެފައި ވަނީ ވެސް ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރައްވާ ލީޑަރެއްގެ ގޮތުގައެވެ. އިމްރާން ޚާންގެ ވެރިކަން ވެއްޓުނު ފަހުން އޭނާ އިސްކޮށް ހުންނަވައިގެން ވަނީ ޕާކިސްތާނުގެ ހަޔާތުގައި ވެސް ބޭއްވި ރައްޔިތުންގެ އެންމެ ބޮޑު އެއްވުން އޭނާގެ ޒައާމަތުގައި ޕާކިސްތާން ސަރުކާރާ ދެކޮޅަށް ބާއްވާފައެވެ. މިއެއްވުމުން އިމްރާން ޚާނަށް އާންމުންގެ ތާއީދު އޮތްމިންވަރުވަނީ ސަރުކާރަށް ހާމަވެފައެވެ.

ޕާކިސްތާނުގެ ސަރުކާރުން އިމްރާން ޚާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލީ މިދިޔަ ޖޫންމަހު އޭނާގެ ޒައާމަތުގައި އިސްލާމްއާބާދުގައި ސަރުކާރާ ދެކޮޅަށް ބޭއްވި ބޮޑު އެއްވުމުގެ ބައިވެރިންނާ މުޚާތަބު ކުރައްވައި ޢިމްރާން ޚާން ދެއްކެވި ވާހަކަފުޅުގައި އިސްލާމްއާބާދުގެ ޑިސްޓްރިކް ކޯޓް އީސްޓްގެ އެޑިޝަނަލް ސެޝަންސް ޖަޖް ޒޭބާ ޗައުދަރީއާއި، އިސްލާމްއާބާދުގެ ފުލުހުންގެ ބައެއް އޮފިސަރުންނަށް ބިރުދައްކައި އިންޒާރު ދޭ ފަދަ ގޮތަކަށް ވާހަކަ ދައްކަވާފައިވާތީ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

ސަރުކާރާ ދެކޮޅަށް އެއްވި ބޮޑު އެއްވުމުގެ ބައިވެރިންނާ މުޚާތަބު ކުރައްވައި އިމްރާން ޚާން ވިދާޅުވީ އޭނާގެ ޕާޓީކަމަށްވާ ޕާކިސްތާން ތަހްރީކޭ އިންސާފުގެ އިސްބޭފުޅެއް ކަމަށްވާ ޝެހެބާޒް ގިލް ހައްޔަރުކުރުގައި ފަނޑިޔާރު ޒޭބާ ޗައުދަރީއާއި، އިސްލާމްއާބާދުގެ ފުލުހުން އިސް ބައެއް އޮފިސަރުން އަމަލުކުރައްވާފައިވަނީ ސިޔާސީ ވިސްނުމެއްގެ ދަށުންކަމަށާ އެހެންކަމުން އޭނާއަށް ވެރިކަން ލިބިއްޖެނަމަ އެބޭފުޅުންނާ ދެކޮޅަށް ފިޔަވަޅުއަޅާނެ ކަމުގައެވެ.

ޕާކިސްތާން ސަރުކާރުން އިމްރާން ޚާންގެ މިބަސްފުޅު މާނަކޮށްފައިވަނީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައެވެ. މިމައްސަލާގައި އިމްރާންޚާންގެ މައްޗަށް އުފުލާފައިވަނީވެސް ޓެރަރިޒަމްގެ ދައުވާއެވެ. މިކަމުގެ ބޭނުމަކީ ކުރިޔަށް އޮތް އިންތިޚާބުގައި އިމްރާން ޚާނަށް ބައިވެރި ނުވެވޭނެ ގޮތްހެދުންކަމަށްވަނީ ބެލެވިފައެވެ.

ނަމަވެސް އިމްރާން ޚާންގެ މައްޗަށް ޓެރަރިޒަމްގެ ތުހުމަތުކޮށް ޕާކިސްތާނުގެ ސަރުކާރުން އުފުލާފައިވާ ދައުވާ އެގޮތަށް ކުރިޔަށް ނުގެންދެވޭނެކަމަށާއި ދައުވާ ކުރިއަށް ގެންދެވޭނީ އެދައުވާގައި ހިމެނޭ ޓެރަރިޒަމްގެ ބައި އުނިކުރުމަށްފަހު އަލުން ހުށަހެޅުމުން ކަމަށް އިސްލާމްއާބާދު ހައިކޯޓުން ނިންމި ނިންމުމާ ގުޅިގެން، އިމްރާން ޚާން އިންތިޚާބުން މަހުރޫމް ކުރުމުގެ ފުރުސަތު ސަރުކާރަށް މިވަނީ ގެއްލިފައެވެ.

comment ކޮމެންޓް