ބޮޑު ޖައްރާފާއާއެކު، އެމްޓީސީސީއަށް ސަރަހައްދީ ފެންވަރުގެ ޑްރެޖިން ފްލީޓެއް

ފަޅު ފުންކުރުމާއި، ބިންހިއްކުމުގެ މަޝްރޫއުތަކަކީ ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން އެންމެ ޑިމާންޑު ބޮޑު މަޝްރޫއުތަކެވެ. ޖަޒީރާ ރަށްތަކެއްގެ މައްޗަށް އުފެދިފައިވާ ރާއްޖޭގައި މިފަދަ މަޝްރޫއުތައް ހިމެނެނީ ރަށްރަށުގެ ތަރައްގީއަށް އެންމެ ބޭނުންތެރި، އަސާސީ މަޝްރޫއުތަކުގެ ތެރެއިންނެވެ.

ދާދި ފަހަކާ ޖެހެންދެން މިފަދަ މަޝްރޫއުތައް އެކަށީގެންވާ ސްޕީޑުގައި ކުރިއަށް ގެންދިއުމަށް ގިނަ ދަތިތަކެއް ހުއްޓެވެ. ސަރުކާރުގެ ކޮންސްޓްރަކްޝަން ކުންފުނި، އެމްޓީސީސީން 1995ވަނަ އަހަރު ފަޅު ފުން ކުރުމުގެ މަސައްކަތް ކުރަން ފެށިއިރު، އެ މަސައްކަތުގައި ބޭނުންކުރަނީ މަދު އެކްސަކަވޭޓަރުތަކެއް އެކަންޏެވެ. އޭގެ މަދު އަހަރުތަކެއް ފަހުން، އެ މަސައްކަތުގައި ބޭނުންކުރުމަށް ކަޓާ ސަކްޝަން ދެ ޑްރެޖަރު ގެނެވުނެވެ. މި ޑްރެޖަރުތައް ވީ އޭރާ އަޅާ ބަލާއިރު، ލިބުނު ވަރަށް ބޮޑު ކުރިއެރުމަކަށެވެ.

އަހަރުތައް ފާއިތުވެ، ރާއްޖޭގެ ތަރައްގީގެ ދުވެލި އެތައް ތަނެއް ހަރުވެ، ބޮޑެތި މަޝްރޫއުތައް ފެށުމުގެ ބޭނުން އިތުރު ވާން ފެށިއެވެ. އޭރު، ބިން ހިއްކުމުގެ ގިނަ މަޝްރޫއުތައް ހިންގަމުން ދިޔައީ ބޭރުގެ ކުންފުނި ތަކާ ހަވާލުކޮށްގެންނެވެ. ބިމުގެ ދަތިކަން ރާއްޖޭގެ ގިނަ ރަށްރަށަށް އޭރު ދިމާވެފައިވީ ނަމަވެސް، ބިން ހިއްކުމުގެ މަޝްރޫއުތައް ފެށެމުން ދިޔައީ ލަސް ސްޕީޑެއްގައެެވެ.

އެކަން ބަދަލުވީ 2017ވަނަ އަހަރު އެމްޓީސީސީން ގެނައި، ދިގުމިނުގައި 92.95 މީޓަރު އަދި ފުޅާ މިނުގައި 16.25 މީޓަރު ހުންނަ، ކަނޑުގެ 50 މީޓަރު އަޑިން ވެލި ނެގުމުގެ ގާބިލުކަން ލިބިފައިވާ އައިއެޗްސީގެ އީޒީ ޑްރެޖް ސީރީޒްގެ ހޮޕާ ސަކްޝަން ޑްރެޖަރު، މަހާ ޖައްރާފާއެކުއެވެ. ސަރުކާރުން އޭރު ތަރައްގީ ކުރަމުން ދިޔަ އެއާޕޯޓުތަކަށާއި، އެހެނިހެން ބޭނުންތަކަށް ހިއްކަމުން ދިޔަ ބިންތަކުގެ އިތުރުން، އަމިއްލަ ބައެއް ޕްރޮޖެކްޓްތަކާއެކު، މަހާ ޖައްރާފު ވީ ވަރަށް "ބިޒީ" އުޅަނދަކަށެވެ.

މި ތިން ޑްރެޖަރުގެ ފްލީޓާއެކު އެމްޓީސީސީން ވަނީ މިދިޔަ ހަތަރު އަހަރު ދުވަސް ތެރޭ 300އަށް ވުރެ ގިނަ ހެކްޓަރުގެ ބިން ހިއްކާފައެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވި ގޮތުގައި، އެއާއެކު ވެސް ރާއްޖޭގެ ރައްޔިތުން ތަރައްގީއަށް އެދެމުން ދިޔަ ހަލުވިމިނުގައި ޚިދުމަތް ފޯރުކޮށްދެވެމުން ގޮސްފައެއް ނުވެއެވެ.

"ޑްރެޖާ އެއްޗެއްސަކީ ހަމަ ޚިދުމަތް ދެމުން ދާއިރު، މަސައްކަތް ކުރަމުންދާއިރު ހަލާކުވާނެ އެއްޗެހި. ރިޕެއާއަށް [މަސައްކަތް] ހުއްޓާލަން ޖެހޭނީ. އެހެންވުމާ ގުޅިގެން ބައެއް ޕްރޮޖެކްޓުތައް މަޑުޖެހެމުން ދަނީ،" އާޒިމް ވިދާޅުވިއެވެ.

މި ސަބަބާ ހުރެ، އެމްޓީސީސީން އޭރު އެއްފަހަރާ އެންމެ ގިނައިން ހިންގެނީ ފަންސަވީހަކަށް މަޝްރޫއެވެ. މިހާރު ވެސް، މަހާ ޖައްރާފާއާއި، ކުރިން ބޭނުން ކުރަމުން އައި ދެ ޑްރެޖަރު މަރާމާތުކުރަމުން އަންނަކަން އާޒިމް ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑުމެން އަމާޒު ހިފީ [ކުރިއަށް ވުރެ] ދެގުނަ އިތުރަށް މަސައްކަތް ކުރަން. އެކަމަކު މިއަދު އޭގެ ދެ އަހަރު ބައި ފަހުން 110 ޕްރޮޖެކްޓުގައި އަޅުގަނޑުމެން މިހާރުވެސް މިތިބީ،" އޭނާ ވިދާޅުވިއެވެ.

އާޒިމް ވިދާޅުވި ގޮތުގައި އެމްޓީސީސީގެ އިކުއިޕްމަންޓް ގިނަ ކުރުމަށް ނިންމެވީ އެހެންވެއެވެ. އެގޮތުން، އެ ކުންފުނީގެ ޑްރެޖިން ފްލީޓް އިތުރަށް ތަރައްގީ ކުރުމަށް އެންމެ ފަހުން ގެނައީ އައިއެޗްސީގެ ބީވާ ސީރީޒްގެ އެންމެ ފަހުގެ ކަޓާ ޑްރެޖަރު، ބޮޑު ޖައްރާފާއާއި، ޖައްރާފާ ހަތަރެއްގެ އިތުރުން ނަގިލި ތިނެއްގެ ނަމުން ނަންދެވިފައިވާ ސަޕޯޓް ވެސަލްއެކެވެ.

ބޮޑު ޖައްރާފާއަކީ ދުވާލަކު 12000 ކިއުބިކް މީޓަރުގެ ވެލި ނެގުމުގެ ގާބިލުކަން ލިބިފައިވާ އުޅަނދެކެވެ. އަދި މި އުޅަނދުން ވެލި ނަގަނީ ކަނޑުގެ 18 މީޓަރު އަޑިންނެވެ. ޖައްރާފާ ހަތަރެއް ވެލި ނަގަނީ ކަނޑުގެ 12 މީޓަރު އަޑިންނެވެ.

މިއާއެކު، އެމްޓީސީސީގެ ޑްރެޖިން ފްލީޓް މިހާރު ހިމެނެނީ މި ސަރަހައްދުގައި ވެސް އޮތް އެންމެ ވަރުގަދަ ފްލީޓުތަކުގެ ތެރެއިންނެވެ. ރާއްޖޭގެ ރައްޔިތުންނަށް ލިބޭ ޔަގީން ކަމަކީ ގައުމު އެދޭ ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިއަށް ދާނެކަމެވެ.

comment ކޮމެންޓް