މި ސީޒަންގައި ފައިދާގެ ގޮތުގައި 274 މިލިއަން ޔޫރޯ ލިބޭނެ ކަމަށް ބާސާއިން އަންދާޒާކޮށްފި

ބާސެލޯނާގެ ސަޕޯޓަރުން

މި ސީޒަންގައި ސްޕެއިންގެ ގަދަ ބާރު ބާސެލޯނާއަށް ފައިދާގެ ގޮތުގައި 274 މިލިއަން ޔޫރޯ ލިބޭނެކަމަށް އެ ކުލަބުން އަންދާޒާކޮށްފިއެވެ.

ބާސާއިން ބުނިގޮތުގައި ނިމިދިޔަ ސީޒަންގައި އެ ޓީމަށް ފައިދާގެ ގޮތުގައި ލިބިފައި ވަނީ 98 މިލިއަން ޔޫރޯއެވެ. ނަމަވެސް އެ އަދަދު މި ސީޒަން ނިމޭއިރު ތިން ގުނަ ވާނެކަމަށް އެ ކުލަބުން ލަފާކުރެއެވެ.

އެ ކްލަބުން ހޯމަ ދުވަހު ބުނީ އެ ކްލަބުގެ ޑިރެކްޓަރުންގެ ބޯޑުން 1.017 ބިލިއަން ޔޫރޯގެ ޓާންއޯވާއަކާއެކު މާލީ އަހަރު ނިންމާލައިފައިވާއިރު މި ސީޒަނަށް 1.255 ބިލިއަން ޔޫރޯގެ އޮޕަރޭޓިން އިންކަމް ބަޖެޓެއް ފާސްކޮށްފައިވާ ކަމަށެވެ.

ކޮވިޑްގެ ސަބަބުން ބާސެލޯނާއަށް ކުރިމަތިވި މާލީ ދަތިތަކުން އަރައިގަތުމަށާއި ލަލީގާގެ ފައިނޭންޝަލް ފެއާ ޕްލޭ ގަވައިދާ އެއްގޮތަށް އަމަލުކުރުމުގެ ގޮތުން އެ ކުލަބުގެ ޓީވީ ރައިޓްސްގެ 25 ޕަސެންޓު، 25 އަހަރަށް، 500 މިލިއަން ޔޫރޯއަށްވުރެ ބޮޑު އަގަކަށް އެމެރިކާގެ އިންވެސްޓްމަންޓް ފާމެއް ކަމަށްވާ ސިކްސްތު ސްޓްރީޓަށް ވަނީ ވިއްކާލައިފައެވެ.

މީގެ އިތުރުން އެ ކުލަބުގެ 49 ޕަސެންޓު ހިއްސާ ވިއްކާލައި، ސްޓްރީމިން ކުންފުނި ސްޕޮޓިފައިއާ އެކު ދިގު މުއްދަތުގެ ސްޕޮންސާޝިޕް އެއްބޮސްވުމެއްގައި ސޮއިކޮށް އިތުރު 200 މިލިއަން ޔޫރޯ ވަނީ އެ ޓީމުން ހޯދައިފައެވެ.

އެކަމުގެ ސަބަބުން އިނދަޖެހިފައިވާ ބާސެލޯނާ ކުޑަކޮށް ހިންދެމިލައި މި ސީޒަނަށް ކުޅުންތެރިން ގަތުމަށް ފައިސާ ވަނީ ލިބިފައެވެ. އެ ފައިސާއިން 150 މިލިއަން ވަނީ މި ސީޒަނަށް އާ ކުޅުންތެރިން ގަތުމަށް ހަރަދުކޮށްފައެވެ.

ކޮވިޑްގެ ސަބަބުން ބާސެލޯނާގެ ވިޔަފާރިތައް ހުއްޓި އެ ޓީމުގެ ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަ ނުދެވޭ ހާލަތަށް އެ ޓީމު ވެއްޓުނެވެ. ކުޅުންތެރިންނަށް މުސާރަ ދިނުމަށް ގިނަ ސީނިއާ ކުޅުންތެރިންގެ މުސާރަ ބޮޑުތަނުން ކުޑަކުރުމަށް ޓީމަށް މަޖުބޫރުވިއެވެ.

އެއް ބިލިއަން ޑޮލަރުގެ ދަރަނި އޮތް ބާސެލޯނާގެ ހަރަދުތައް ކުޑަކުރުމަށް ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލުމަށް މަޖުބޫރުވެ، އެ ކުލަބުގެ އޭރުގެ ކެޕްޓަން އަދި ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ލިއޮނަލް މެސީ ޓީމުން ދޫކޮށްލިއެވެ.

އެމެރިކާގެ މަޝްހޫރު ވިޔަފާރި ނޫސްކަމަށްވާ ފޯބްސްގެ ދިރާސާތައް ދައްކާގޮތުން ދުނިޔޭގެ އެންމެ އަގުބޮޑު ކުލަބުކަމަށްވާ ރެއާލް މެޑްރިޑުގެ ފަހަތުން ދެވަނައަށް އެންމެ އަގުބޮޑު ކުލަބަކީ ވާދަވެރި ބާސެލޯނާއެވެ.

ރެއާލްގެ އަގު 5.1 ބިިލިއަން ޑޮލަރަށް އާރާއި ބާސާގެ އަގަކީ 5 ބިލިއަން ޑޮލަރެވެ.

comment ކޮމެންޓް