ވިނަރެސް ފްލެޓް ގަންނަން 1413 މީހުން ހުށަހަޅައިފި

ވިނަރެސް ފުލެޓެއްގެ އެތެރެ، މި މަޝްރޫއުގައި ދެ ވައްތަރެއްގެ އެޕާޓްމަންޓްތައް ހިމެނޭ -- ސަންފޮޓޯ/ ނާއިލް ހުސައިން

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ވިނަރެސް ފްލެޓްތައް ގަންނަން ހުޅުވާލި މުއްދަތު މިދިޔަ ބުރާސްފަތި ދުވަހު ހަމަވިއިރު 1،413 މީހުން ކުރިމަތިލި ކަމަށް، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު ބުނެފިއެވެ.

އެޗްޑީސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ކުރިމަތިލި ފަރާތްތަކުން ޝަރުތު ހަމަވޭތޯ ކަނޑައަޅާނީ ޕްލޭނިން މިނިސްޓްރީން ކަމަށެވެ.

ވިނަރެސްގައި 10 ޓަވަރު ހިމެނޭއިރު ޖުމުލަ 1،344 އެޕާޓްމެންޓް ހިމެނެއެވެ. އެ އެޕާޓްމަންޓްތަކުގެ އަގު އުޅެނީ 2.5 މިލިއަނާއި ތިން މިލިއަނާ ދެމެދުގައެވެ. ނުވަސަތޭކަ ދެ އަކަފޫޓާއި 883 އަކަފޫޓް ހިމެނޭ މި އެޕާޓްމަންޓްތަކުގައި ތިން ކޮޓަރި އަދި ތިން ފާހާނާގެ އިތުރުން ބެލްކަނި ހުރެއެވެ.

އެޗްޑީސީން ބުނީ ވިނަރެސް ފުލެޓަށް ކުރިމަތިލާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތަށް ބެލުމަށްފަހު ސްކޯ ތަރުތީބުން ލިސްޓް ކުރެވޭނެ ކަމަށެވެ. އެއަށްފަހު އެޗްޑީސީއިން ލިސްޓް އޯޑަރަށް ޔުނިޓު ހިޔާރުކުރުމަށް ހުޅުވާލާނެ ކަމަށް ބުންޏެވެ. އަދި އެއަށްފަހު އެޗްޑީސީއިން ފައިނޭންޝިއަލް އެލިޖިބިލިޓީގެ އިވެލުއޭޝަންގެ މަސައްކަތް ކުރިއަށް ގެންގޮސް އެލިޖިބަލްވާ ފަރާތްތަކަށް ޔުނިޓް ހަވާލުކުރެވޭނެ ކަމަށް ބުންޏެވެ. އަދި ފައިނޭންޝިއަލް އެލިޖިބިލިޓީއިން ޝަރުތު ހަމަ ނުވާ ފަރާތްތަކުގެ ޔުނިޓްތައް ކެންސަލްކޮށް، ވެއިޓްލިސްޓްގައިވާ ފަރާތްތަކަށް ފުރުސަތު ދެވިގެންދާނެ ކަމަށް ވެސް ބުންޏެވެ.

އެ ފުލެޓުތަކުގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ދަނީ ކުރެވެމުންނެވެ. އަދި އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވިނަރެސް ފުލެޓު އާންމުންނާއި ހަވާލުކުރެވިގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

comment ކޮމެންޓް