60 އަހަރުވަންދެން ރޭވި ރޭވުމާ އެއްގޮތަށް ރާނީ އެލިޒަބަތު 2 ގެ ޖަނާޒާ ބާއްވައި އެކަމަނާ ފަސްދާނުލައިފި

ރާނީ އެލިޒަބަތު 2 ތާއަބަދަށް މިދުނިޔެއާ އަލްވަދާއު ކިޔައިފި

މިމަހުގެ އަށް ވަނަ ދުވަހު އަވަހާރަވި އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު 2 ގެ ޖަނާޒާ ވެސްޓްމިނިސްޓަރު އަބޭގައި ބޭއްވުމަށްފަހު ލަންޑަންގައި ހުންނަ ޝާހީ ކިއްލާއެއް ކަމަށްވާ ވިންޑްސާ ކާސަލްގެ ގޯތިތެރޭގައި ހުންނަ ސެންޓް ޖޯޖް ފައްޅީގައި އޮންނަ ބިމެއްގައި އިއްޔެ އެކަމަނާ ފަސްދާނުލައިފިއެވެ.

ރާނީ އެލިޒަބަތު 2 އަކީ އިނގިރޭސިވިލާތުގައާއި އިނގިރޭސި ރަސްކަމުގެ ތާޖަށް ނިސްބަތްވާ ގައުމުތަކުގެ އެންމެ އިސްވެރިއެއްގެ ގޮތުން 70 އަހަރު ވަންދެން ވަރަށް ބޮޑު އިއްޒަތަކާއެކު ރަނިކަން ކުރެއްވި ބޭކަނބަލެކެވެ. އެލިޒަބަތު 2 އަވަހާރަވީ ސްކޮޓްލެންޑްގެ ބެލްމޯރަލް ގަނޑުވަރުގައި އެކަމަނާ އުޅުއްވަނިކޮށް ހާލުކޮޅު ދެރަވުމަށްފަހު މި ސެޕްޓެމްބަރުމަހުގެ އަށެއްވީ ބުރާސްފަތި ދުވަހުގައެވެ.

އަވަހާރަވީ އުމުރުން 96 އަހަރުގައި މުސްކުޅި ބަލީގައެވެ. އަވަހާރަވަމުން އެލިޒަބަތު 2 ގެ ހަށިކޮޅު ހަތަރު ދުވަސް ވަންދެން ބޭއްވީ ބެލްމޯރަލް ގަނޑުވަރުގައާއި ސްކޮޓްލެންޑްގެ ފައްޅިއެއްގައެވެ. އެކަމަނާގެ ހަށިކޮޅު ލަންޑަނަށް ގެންގޮސްފައި ވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ. އެއަށްފަހު އިއްޔެގެ ގާތްގަނޑަކަށް މެންދުރާ ހަމައަށް އެކަމަނާގެ ހަށިކޮޅު (ސަންދޯކުގައި އަޅާފައި) ބާއްވާފައި އޮތީ އިނގިރޭސި ވިލާތުގެ ޕާލަމެންޓްކަމަށްވާ ވެސްޓްމިނިސްޓާ އިމާރާތުގެ ހޯލްގައެވެ.

ރާނީ އެލިޒަބަތުގެ ޖަނާޒާ ކުރިޔަށްދަނީ

މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން އިއްޔެގެ މެންދުރާ ގާތްވަންދެން އިނގިރޭސިވިލާތުގެ އާންމުންނާއި ޝާހީ އާއިލާގެ މެންބަރުންނާއި އެގައުމުގެ ސިޔާސީ ބޭފުޅުންނާ އަދި ދުނިޔޭގެ ބައެއް ގައުމުތަކުގެ މަންދޫބުންނާއި ލީޑަރުން ގެންދެވީ އެލިޒަބަތު 2 އަށް އިހުތިރާމް އަދާކުރުމަށްޓަކައި އެކަމަނާގެ ސަންދޯކަށް އެންމެފަހުގެ ވަދާއުގެ ނަޒަރު ހިންގަމުންނެވެ.

މިމުއްދަތުގައި އެލިޒަބަތުގެ ހަށިކޮޅަށް އަލްވަދާއު ކިޔުމަށްޓަކައި ވެސްޓް މިނިސްޓަރު ހޯލަށް އެތައް ހާސް ބަޔަކު ޒިޔާރަތް ކޮށްފައިވެއެވެ. އެލިޒަބަތުގެ ހަށިކޮޅު (ސަންދޯކާއެކު) އޮތީ އިނގިރޭސިވިލާތުގެ ސިފައިންގެ ލަޝްކަރުތަކުގެ އެންމެ ފުރިހަމަ ހިމާޔަތުގައެވެ.

އެލިޒަބަތު 2 ގެ ޖަނާޒާއަށާއި އަދި އެކަމަނާގެ ހަށިކޮޅު ބިމުގައި ވަޅުލުމަށް ޓަކައި ސަންދޯން އެންމެ ފުރަތަމަ ގެންދިޔައީ ވެސްޓްމިންސްޓާ ހޯލުން ވެސްޓްމިންސްޓާ އަބޭއަށެވެ. ވެސްޓްމިންސްޓާ އަބޭއަކީ އިނގިރޭސިވިލާތުގައި އޮންނަ ނަސާރާ އެންޖެލިކަން މަޒުހަބުގެ މައި ފައްޅިއެވެ.

އިނގިރޭސިވިލާތަކީ ނަމުން ސެކިއުލާ ގައުމެއް ނަމަވެސް އިނގިރޭސި ރާނީއަކީ ނުވަތަ ރަސްގެފާނަކީ ޗާޗް އޮފް އިންގްލެންޑް ނުވަތަ އެންޖެލިކަން ފައްޅީގެ އެންމެ އިސް ފާދިރީއެވެ. މީގެއިތުރުން އިނގިރޭސި ސިފައިންގެ ލަޝްކަރުތަކުގެ އެންމެ އިސް ކޮމާންޑަރަކީވެސް ރާނީ ނުވަތަ ރަސްގެފާނެވެ.

ރާނީ އެލިޒަބަތު 2 ގެ ޖަނާޒާ ކުރިޔަށް ގެންދިޔަ ސަރަހައްދުތައް

ވެސްޓްމިންސްޓަރ ހޯލުން ވެސްޓްމިންސްޓާ އަބޭއަށް އެލިޒަބަތުގެ ސަންދޯއް ގެންދިޔައީ އިނގިރޭސި ކަނޑުގެ ސިފައިންގެ ޚާއްސަ އަދި ތާރީޚީ ގާޑިޔަލެއްގެ މަތީގައެވެ. މި ގާޑިޔަލަކީ އެލިޒަބަތުގެ މުނިމަމާފުޅުކަމަށްވާ ކުއީން ވިކްޓޯރިޔާއާއި، ކިންގް އެޑްވާޑް ހަތް ވަނައާއި، ކިންގް ޖޯޖް ފަސް ވަނައާއި، އެލިޒަބަތުގެ ބައްޕާފުޅު ކިންގް ޖޯޖް ހަ ވައިނައިގެ އިތުރުން އިނގިރޭސިވިލާތުގެ މަޝްހޫރު ބޮޑުވަޒީރެއް ކަމަށްވާ ވިންސްޓަން ޗާޗިލްގެ ހަށިކޮޅު ވެސް އުފުލި ތާރީޚީ ގާޑިޔާ ކަމަށްވެއެވެ.

ގާޑިޔާ ދަމާފައި ގެންދިޔައީ ވަނީ ވާތަކެއްގެ އެހީގައި އިނގިރޭސި ކަނޑުގެ ސިފައިންގެ ބައެކެވެ. މިގާޑިއާ ދެމުމުގައި ކަނޑުގެ ސިފައިންގެ 142 މީހުން ބައިވެރިވިކަމަށްވެއެވެ. އެލިޒަބަތުގެ ސަންދޯއް މިގާޑިއަލުގައި ގެންދިޔައިރު މަގުގެ ދެ ފަރާތުގައި ސަންދޯކުގެ ހިމާޔަތުގައި އިނގިރޭސި ލަޝްކަރުތަކުގެ ސިފައިން ތިއްބެވެ.

އެލިޒަބަތުގެ ސަންދޯއް ގެންދާ މަންޒަރު ބެލުމަށްޓަކައި މަގުގެ ދެފަރާތުގައި އިނގިރޭސިވިލާތުގެ އާންމު ރައްޔިތުން ތިއްބެވެ. ސަންދޯއް ގެންދިޔައީ ހިމޭން މިޔުޒިކަކާ އެކުގައެވެ. ސަންދޯއް ވެސްޓްމިންސްޓާ އަބޭއަށް ގެންދިޔައީ އިނގިރޭސިވިލާތުގެ މިހާރުގެ ރަސްގެފާނު އަދި އެލިޒަބަތުގެ ދޮށީ ދަރިކަލުން ކިންގް ޗާލްސް ތިން ވަނަ އާއި، އެލިޒަބަތުގެ އެހެން ދަރިންވެސް ސަންދޯކުގެ ފަހަތުން ތިއްބަވައިގެންނެވެ.

ވެސްޓްމިންސްޓާ އަބޭއަށް އެލިޒަބަތުގެ ސަންދޯއް ގެންދިޔައިރު އެތަނުގެ މަގުތަކަށާއި ވެސްޓްމިނިސްޓަރު ސަރަހައްދަށް އެތަކެއް ހާސް ބަޔަކު އޮތީ އެއްވެފައެވެ. އެއީ އެލިޒަބަތަށް އެންމެ ފަހުގެ ވަދާއު އަދާކުރުމަށް ކަމަށްވެއެވެ. އެލިޒަބަތު ދެ ވަނަ ފަސްދާނުލީ ލަންޑަންގެ މެދެއްހާ ހިސާބުގައި ހުންނަ ވިންޑްސާ ކިއްލާ ނުވަތަ ކާސަލްގެ ގޯތިތެރޭގައިވާ ސެންޓް ޖޯޖް ފައްޅީގައެވެ. ނަމަވެސް ޖަނާޒާގެ ކަންކަން ގެންދިޔައީ ވެސްޓްމިންސްޓާ އަބޭ ފައްޅީގައެވެ.

ރާނީ އެލިޒަބަތާއި ފިިރިކަލުން ޕްރިންސް ޕިލިޕްގެ ކުރިއާއި ފަހުގެ ފޮޓޯ

ޖަނާޒާގެ ކަންކަން ކުރިޔަށް ގެންދިޔައީ އެންގްލިކަން ފައްޅީގެ ނަސާރާ އުސޫލުތަކާ އެއްގޮތަށެވެ. ޖަނާޒާގައި އެލިބަޒަތުގެ ދަރިންނާއި ޝާހީ އާއިލާގެ މެންބަރުންނާއި އިނގިރޭސި ބޮޑުވަޒީރާއި ކެބިނެޓްގެ މެންބަރުންނާއި ކުރީގެ ބޮޑުވަޒީރުންނާއި ބޭރު ގައުމުތަކުގެ ބައެއް އިއްޒަތްތެރިން ޖަނާޒާގައި ބައިވެރިވެ ވަޑައިގަތެވެ.

އެލިޒަބަތުގެ ޖަނާޒާގައި ބައިވެރިވުމަށް ބޭރު ގައުމުތަކުން 500 އަށް ވުރެ ގިނަ އިއްޒަތްތެރިން ލަންޑަނަށް ވަޑައިގެންނެވިއެވެ. ވެސްޓްމިންސްޓާ އަބޭގައި ޖާގަ ދަތިނަމަވެސް ބޭރުގެ އިއްޒަތްތެރިން ހިމެނޭގޮތަށް ޖަނާޒާގައި ދެ ހާހާހަށްވުރެ ގިނަ މީހުން ބައިވެރިވިކަމަށް ވެއެވެ.

ޖަނާޒާ ނިންމާލީ ވެސްޓްމިންސްޓާ އަބޭގައި ދެ މިނެޓުގެ ސުކޫތެއް އިއުލާނު ކުރުމަށްފަހުއެވެ. މި ސުކޫތުގައި މުޅި އިނގިރޭސި ވިލާތް ބައިވެރިވި ކަމަށްވެއެވެ. ސުކޫތުގެ ވަގުތުގައި ލަންޑަނުގެ މެދުތެރޭގެ ވައިގެ ސަރަޙައްދަށް އެއްވެސް މަތިންދާބޯޓެއް ވަނުން އޮތީ މަނާކޮށްފައެވެ. އެލިޒަބަތު ދޭއްގެ ޖަނާޒާގެ ދިނީބައި ނިންމާލީ އިނގިރޭސިވިލާތުގެ ގައުމީ ސަލާމުންނެވެ.

ޖަނާޒާގެ ކަންތަކަށްފަހު އެލިޒަބަތުގެ ސަންދޯއް ވިންޑްސާ ކާސަލްއަށް ގެންދިޔުމަށްވެސް ފުރަތަމަ ބޭނުންކުރީ އިނގިރޭސި ކަނޑުގެ ސިފައިންގެ ގާޑިޔަލެވެ. ލަންޑަންގެ ހައިޑް ޕާކް ބަގީޗާގައި ހުންނަ ވެލިންގްޓަން އާޗް އާ ހަމައަށް ސަންދޯއް ގެންދިޔައީ އެގާޑިއަލުގައެވެ. ނަމަވެސް ވެލިންގްޓަން އާޗް ހުރިހިސާބަށް މަޑުކުރުމަށްފަހު އެލިޒަތުގެ ސަންދޯއް ބަދަލުކުރީ ސަންދޯއް އުފުލުމަށް ކުރިންވެސް ބޭނުންކުރި ޚާއްސަ ކާރަށެވެ.

ސަންދޯއް ވިންޑްސާ ކާސަލް އަށް ގެންދިޔައީ އެކާރުގައެވެ. ސަންދޯއް ވިންޑްސަރ ކާސަލް އަށް ގެންދިޔައިރު މަގުގެ ދެ ފަރާތުގައި އާންމުންނާއި އިނގިރޭސިވިލާތުގެ ސިފައިންނާއި ޖަނާޒާގައި ބައިވެރިވުމަށް ލަންޑަނަށް ވަޑައިގެންނެވި ބޭރުގެ އިއްޒަތްތެރިންވެސް ތިއްބެވިއެވެ.

އެލިޒަބަތު ދެވަނައިގެ ސަންދޯއް ވިންޑްސާ ކާސަލް ނުވަތަ ކިއްލާއަށް ގެންދިޔުމާއެކު އެކަމަނާ ފަސްދާނު ލުމުގެ ރަސްމިއްޔާތު ފެށިއެވެ. ފަސްދާނުލުމުގެ ރަސްމިއްޔާތުގައި ބައިވެރިވެފައިވަނީ އެލިޒަބަތުގެ ދަރިންނާއި އެކަމަނާގެ އާއިލާގެ ބޭފުޅުންކަމަށްވާ ޝާހީ އާއިލާގެ މެންބަރުންނާއި، ޝާހީ އާއިލާއަށް ޚިދުމަތްކުރުމުގައި އިސްކޮށް އުޅޭ މުވައްޒަފުންނާއި، އެލިޒަބަތަކީ ދައުލަތުގެ އެންމެ މަތީ ވެރިޔާ ކަމުގައި ބަލައިގެންއުޅޭ މަދު ގައުމުތަކެއްގެ އިސްވެރިންނެވެ.

އެލިޒަބަތަކީ ދައުލަތުގެ އެންމެ މަތީ ވެރިޔާ ކަމަށް ބަލައިގެންއުޅޭ 14 ވަރަކަށް ގައުމު އަދިވެސް އެބައޮތެވެ. އޭގެތެރޭގައި ގިނައީ ވަރަށް ކުދިކުދި އާރެއް ބާރެއްނެތް ފަގީރު ގައުމުތަކެވެ.

އެލިޒަބަތު ދެ ވަނައިގެ ހަށިކޮޅު ކައްވަޅަށް ތިރިކުރިއިރު އެތަނުގައި ތިއްބެވީ އެކަމަނާގެ ދަރިންނާއި ތިމާގެ ބޭފުޅުންކަމަށްވާ ޝާހީ އާއިލާގެ މެންބަރުން އެކަންޏެވެ. އެލިޒަބަތު ދެވަނަ ފަސްދާނުލާފައިވަނީ އެކަމަނާގެ ބައްޕާފުޅު ކިންގް ޖޯޖް ހަ ވަނަގެ ހަނދާނީ ފައްޅި ކަމަށްވާ ސެންޓް ޖޯޖް ފައްޅީގެ ގޯތިތެރޭގައިވާ ބިމުގައެވެ. މިފައްޅި ހުންނަނީ ޝާހީ ކިއްލާ ކަމަށްވާ ވިންޑްސާ ކާސަލްގެ ގޯތިތެރޭގައެވެ.

އެލިޒަބަތު ދޭއްގެ ހަށިކޮޅު ވަޅަށް ތިރިކޮށް ފަސްދާނުލާއިރު މީގެ ދޮޅު އަހަރުކުރިން އަވަހާރަވެފައިވާ އެކަމަނާގެ ފިރިކަލުން ޕްރިންސް ފިލިޕް ނުވަތަ ޑިއުކްއޮފް އެޑިމްބަރާގެ ހަށިކޮޅުވެސް އެކަމަނާގެ ކައްވަޅުގެ ކައިރީގައި އެހެން ކައްވަޅެއްގައި ފަސްދާނު ލުމުގެ ކަންތައް ކުރިޔަށް ގެންދިޔައެވެ. އެލިޒަބަތު ދޭއްގެ ޖަނާޒާއާއި އެކަމަނާ ފަސްދާނުލުމުގެ ރަސްމިއްޔާތު ކުރިޔަށް ގެންދިޔައީ މީގެ 60 އަހަރު ކުރިން ފެށިގެން އެލިޒަބަތު އިސްކޮށް ހުންނަވައިގެން ރާއްވަވާފައިވާ ޕްލޭނާ އެއްގޮތަށެވެ. މިރަސްމިއްޔާތަށް ތައްޔާރުވަމުންދާތާ ވަނީ 60 އަހަރުވެފައެވެ.

ރިޕޯޓްތައް ބުނާގޮތުން މިއީ މިހާތަނަށް ދުނިޔޭގައި ބޭއްވި އެންމެ ގިނަ ބަޔަކު ބައިވެރިވި އަދި އެންމެ ޚަރަދުބޮޑު އަދި އެންމެ ހައިބަތު ބޮޑު ޖަނާޒާއެވެ.

comment ކޮމެންޓް