ކުރިއަށްއޮތް ލޭވާ ކަޕުން ރޮޖާ ފެޑެރާ ފެނިދާނޭކަމާމެދު ޝައްކު އުފެދިއްޖެ

2019 ވަނަ އަހަރު ބޭއްވި ލޭވާ ކަޕްގެ ތެރެއިން --- ފޮޓޯ/ ރޮއިޓާސް

ޕްރޮފެޝަނަލް ޓެނިސް ކެރިއަރު ނިންމާލާނޭކަން އިއުލާނުކޮށްފައިވާ ރޮޖާ ފެޑެރާ ކުރިއަށްއޮތް ލޭވާ ކަޕުން ފެނިދާނޭކަމަމެދު ޝައްކު އުފެދިއްޖެއެވެ.

މިމަހުގެ 23 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ލޭވާ ކަޕް ޓެނިސް މުބާރާތައް ތައްޔާރު ވަމުންދާ ރޮޖާ ފެޑެރާ އާ ގުޅޭގޮތުން ފެޑެރާގެ ފިޓްނަސް ކޯޗު ޕިއޭރޭ ޕެގަނިނީ ބުނީ، ހުކުރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ ލޭވާ ކަޕް ޓެނިސް މުބާރާތުގައި އަނިޔާގެ ސަބަބުން ފެޑެރާއަށް ކުޅެވޭނޭކަމުގެ ޔަގީންކަން ނެތްކަމަށެވެ. ކޯޗު ބުނީ، ފެޑެރާއަށް ކުޅެވޭނޭކަން ވެސް ނުވަތަ ނޫންކަން ވެސް އެނގޭނީ އެންމެ ފަހުވަގުގައިކަމަށެވެ.

"ފެޑެރާ އަންނަނީ ގަވާއިދުން ފަރިތަކުރުންތަކުގައި ބައިވެރިވަމުން. ހެނދުނާއި ހަވީރު. މިހާރުވެސް ދެ ގަޑިއިރު އެބަ ހޭދަކުރޭ ފަރިތަކުރުންތަކަށް އެކަނި،" ފެޑެރާގެ ފިޓްނަސް ކޯޗު ބުންޏެވެ.

ލޭވާ ކަޕް ޓެނިސް މުބާރާތުގައި ފެޑެރާއަށް ކުޅެވޭނެތޯ ނުވަތަ ނޫންތޯ ޔަގީން ނުވާއިރު، މިހާރުވެސް ބައެއް ކުޅުންތެރިން ވަނީ ޑަބަލްސް މެޗުގައި ފެޑެރާ އާއެކު ކުޅުމުގެ ޝައުގުވެރިކަން ފާޅުކޮށްފައެވެ. މިގޮތުން އެންޑީ މަރޭ ބުނީ ލޭވާކަޕްގައި ފެޑެރާ އާއެކު ޑަބަލްސް މެޗެއް ކުޅެލުމުގެ ފުރުސަތު އޭނާއަށް ލިބޭނޭކަމުގެ އުއްމީދުގައި ހުރިކަމަށާއި، އެއީ ވަރަށް ޚާއްސަ ފުރުސަތެއްކަމަށެވެ.

ލޭވާ ކަޕަކީ ރޮޖާ ފެޑެރާ އާއި އޭނާގެ އޭޖެންޓް ޓޯނީ ގުޑްސިކް ވުޖޫދަށް ގެނައި މުބާރާތެކެވެ. މި މުބާރާތުގައި ވާދަކުރާނީ ދުނިޔޭގެ އެކި ކަންކޮޅުން ހޮވާލެވޭ ކުޅުންތެރިން ހިމެނޭ ޓީމަކާއި ޔޫރަޕްގެ ކުޅުންތެރިން ހިމެނޭ ޓީމެކެވެ. މުބާރާތް އިންތިޒާމުކޮށްފައި ވަނީ، ސިންގަލްސް އަދި ޑަބަލްސް މެޗްތައް ވެސް ހިމެނޭގޮތަށެވެ.

މިފަހަރު ލޭވާ ކަޕްގެ އެންމެ ޚާއްސަ ކަމަކީ ޓެނިސް ލެޖެންޑް ރޮޖާ ފެޑެރާ މި މުބާރާތަށްފަހު ވާދަވެރި މުބާރާތްތަކުގައި ޓެނިސްކުޅުން ހުއްޓާލާތީއެވެ.

comment ކޮމެންޓް