ލޮނުޒިޔާރަތް ޕާކު ކުއްޔަށް ދޫކުރަން ޚާއްސަ ޕެކޭޖުތަކެއް، އަގަށް ވެސް ބަދަލުތަކެއް

ލޮނުޒިޔާރާތް ޕާކް -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ލޮނުޒިޔާރަތް ޕާކު ކުއްޔަށް ދޫކުރަން ޚާއްސަ ޕެކޭޖުތަކެއް ތައާރަފުކޮށް، އާ އުސޫލެއް މާލޭ ސިޓީ ކައުންސިލުން ކަނޑައަޅައިފިއެވެ.

މިހާތަނަށް ޢަމަލު ކުރަމުން އައި އުސޫލުގެ ދަށުން ލޮނުޒިޔާރަތް ޕާކު ކުއްޔަށް ދޫކުރަނީ އެއްގަޑިއިރާއި އަށް ގަޑިއިރަށް ކޮންމެ ގަޑިއިރަކަށް 1،000 ރުފިޔާ ނަގާ ގޮތަށެވެ.

މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު، "ސަން"އަށް ވިދާޅުވީ އެ ބަދަލު ގެނައީ ޕާކު ކުށްޔަށް ހިފާ މީހުންނާއި ކައުންސިލަށް ފަސޭހަވެ، ވީހާ ވެސް ދެ ފުށް ފެންނަ ގޮތަކަށް ވަކި އުސޫލެއްގެ ތެރެއިން ކުށަށްދޫކުރުމުގެ ކަންތައްތައް ކުރިއަށްގެންދިޔުމުގެ މަގުސަދުގައި ކަމަށެވެ.

ޑރ. މުއިއްޒު ވިދާޅުވީ މީގެ ކުރިން ޢަމަލުކުރަމުން އައި އުސޫލުގައި ވަނީ ވަކި ވަގުތު ތަކަށް ކަނޑައަޅާފައި އޮންނަ ރޭޓުތަކެއް ކަމަށެވެ. އެގޮތުން ތިން ގަޑިއިރަށް ނުވަތަ ހަތަރު ގަޑިއިރަށް ޕާކު ނެގުމަށްފަހު، ޕާޓީއަށް ތަން ތައްޔާރު ކުރުމަށް އޭގެ ކުރީ ރޭގެ ދަންވަރު ވަންނަން ބޭނުންވެގެން ވެސް ވަރަށް ގިނަ މީހުން އެދެމުން އަންނަ ކަމަށެވެ.

އެގޮތަށް ޕާކަށް ވަންނަ ގިނަ މީހުން އެ ވަގުތުތަކަށް ފައިސާ ދޭން ބޭނުން ނުވާކަން ޑރ. މުއިއްޒު ފާހަގަ ކުރެއްވިއެވެ. އޭނާ ވިދާޅުވީ އެކަމަކު އެ ވަގުތުތަކުގައި ބޭނުން ކުރަނީ ސިޓީ ކައުންސިލްގެ ފެނާއި ކަރަންޓު ކަމަށާއި އެހެންކަމުން އެގޮތަށް ކުރިއަށް ގެންދަން ވަރަށް އުނދަގޫވާ ކަމަށެވެ.

"އެހެން ވެގެން އެކަން ހައްލު ކުރަން މި ހެދީ ޕެކޭތްތަކެއް. މިސާލަކަށް 12 ގަޑިއިރުގެ ޕެކޭޖް، 24 ގަޑިއރުގެ ޕެކޭޖް އެކި މާލަން ތަކަށް. އެހެން ހެދީމަ ނަގަން ޖެހޭނީ އެ ބޭނުންވާ ޕެކޭޖެއް. އޭގެ މާނައަކީ 24 ގަޑިއިރުގެ ޕެކޭޖެއް ނަގައިިފި ނަމަ، ކަނޑައަޅާފައި އެ އޮންނަ އަގު ޕޭ ކުރީމަ، އެ ގަޑި ތެރޭގައި ޕްރެޕަރޭޝަނާއި ހުރިހާ ކަމެއް ވެސް ކުރަންވީ. އިތުރު ވަގުތެއް އަޅުގަނޑުމެން ނުދޭނަން،" މުއިއްޒު ވިދާޅުވިއެވެ.

"އޭރުން އެ 24 ގަޑއިރު ތެރޭގައި އެމީހުން ތައްޔާރުވެ، ޕާޓީ ވެސް ބާއްވާނީ. އެއަށްފަހު އެތަން ރޫޅާލާފައި ނިކުންނާނީ. މިކަމަށް އޮންނާނީ ފިކްސް ރޭޓެއް. އިތުރު ޗާޖެއް ކުރުމެއް ނޯންނާނެ،"

ލޮނުޒިޔާރަތް ޕާކް ކުއްޔަށް ދޫކުރާ ޕެކޭޖްތައް

  • ވަރުނުލާ ރާޅުގަނޑު ސަރަހައްދު 12 ގަޑިއިރަށް 3000 ރުފިޔާއަށް
  • ހޭޅި 1 ސަރަހައްދު 12 ގަޑިއިރަށް 6000 ރުފިޔާއަށް
  • ހޭޅި 2 ސަރަހައްދު 12 ގަޑިއިރަށް 7000 ރުފިޔާއަށް
  • އުސް ބަގީޗާ ސަރަހައްދު 12 ގަޑިއިރަށް 7000 ރުފިޔާއަށް
  • މެދު ބަގީޗާ ސަރަހައްދު 12 ގަޑިއިރަށް 7000 ރުފިޔާއަށް
  • މާމެލާމެލި ސަރަހައްދު 24 ގަޑިއިރަށް 10،000 ރުފިޔާއަށް
  • ފާލަން އައްސޭރި ސަރަހައްދު 12 ގަޑިއިރަށް 5000 ރުފިޔާއަށް
  • ކަސްރަތު ފެހި ސަރަހައްދު 12 ގަޑިއިރަށް 15،000 ރުފިޔާއަށް
  • ފެނާރު މައިޒާން ސަރަހައްދު 12 ގަޑިއިރަށް 3000 ރުފިޔާއަށް
  • 24 ގަޑިއިރަށް ކުއްޔަށް ހިފާނަމަ 50،000 ރުފިޔާ

ސިޔާސީ އެއްވެސް ބޭނުނަމަކަށް އެ ޕާކް ކުއްޔަށް ދޫނުކުރެވޭނެ ކަމަށް އަލަށް އެކުލަވާލި އުސޫލުގައިވެއެވެ.

މޭޔަރު ވިދާޅުވީ ޕެކޭޖުތަކެއް އެގޮތަށް ހެދުމުން ވަކި މީހެއްގެ ނުފޫޒެއް ނުފޯރާ ދެފުށް ފެންނަ އަދި އެހާމެ އިންސާފުވެރިމާއެކު އެކަން ކުރިއަށް ގެންދެވޭ ކަމަށެވެ.

"ކައުންސިލަރަކާ ގުޅައިގެން ތިމަންނަގެ ޕާޓީއަށް އިތުރު ވަގުތު ދޭށޭ ބުނުމުގެ މަގު އެކީ ބަންދުވީ. އެބަޔަކު ނެގި ޕެކޭޖުގެ ވަގުތު ހަމަވުމުން އެ ނިމުނީ،" މޭޔަރު ވިދާޅުވިއެވެ.

comment ކޮމެންޓް