އިނގިރޭސި ކްލަބް ބްރައިޓަންގެ އާ ކޯޗަކަށް ރޮބާޓޯ ޑި ޒާބީ ހަމަޖައްސައިފި

ބްރައިޓަންގެ އައު ކޯޗް ރޮބާޓޯ ޑި ޒާބީ-- ފޮޓޯ/ ސްކައިސްޕޯޓްސް

އިނގިރޭސި ޕްރިމިއާ ލީގް ކުލަބް ބްރައިޓަންގެ އާ ކޯޗަކަށް އިޓަލީގެ ރޮބާޓޯ ޑި ޒާބީ ހަމަޖައްސައިފިއެވެ.

ބްރައިޓަނުން ވަނީ އެޓީމުގެ އާ ހެޑް ކޯޗެއްގެ ގޮތުގައި ރޮބާޓޯ ޑި ޒާބީ ހަމަޖެއްސިކަން ރަސްމީކޮށް ހާމަކޮށްފައެވެ. ޒާބީ އަކީ ޔޫކުރެއިންގެ ކުލަބް ޝަހުތަރު ޑޮނެސްކްގެ ކުރީގެ ކޯޗެވެ.

ބްރައިޓަނުން އާ ކޯޗެއް ހަމަޖައްސާފައި ވަނީ މީގެކުރިން އެޓީމުގެ ހެޑް ކޯޗުގެ މަގާމުގައި ހުރި ގްރަހަމް ޕޮޓާ ޗެލްސީއަށް ދިއުމުންނެވެ. ބްރައިޓަންގެ އާ ކޯޗަކަށް އިޓަލީގެ ރޮބާޓޯ ޑި ޒާބީ ހަމަޖެއްސުމާ ގުޅިގެން ބްރައިޓަންގެ ޗެއާމަން ޓޯނީ ބްލޫމް ވިދާޅުވީ، ރޮބާޓޯ ޑި ޒާބީއަކީ މިވަގުތު އެ ކުލަބު އެންމެ ރަނގަޅު މިސްރާބަކަށް ގެންދެވޭނޭ ކޯޗު ކަމަށާއި، އޭނާ އާ ދޭތެރޭ ޔަގީންކަން އެބައޮތްކަމަށެވެ.

ބްރައިޓަންގެ ޓެކްނިކަލް ޑިރެކްޓަރު ޑޭވިޑް ވީއަ ބުނީ ރޮބާޓޯއަކީ ކިހާ ފެންވަރެއްގެ ކޯޗެއްކަން އިޓަލީ އާއި ޔޫކްރެއިނުގައި އޭނާ ހަވާލުވި ކްލަބުތަކުން ދައްކައިދީފައިވާކަމަށެވެ.

ރޮބާޓޯ ޑި ޒާބީގެ ކޯޗިން ކެރިއަރު ފަށާފައިވަނީ އިޓަލީންނެވެ. ސަސޫލޯއަށް ބަދަލުވުމަށްފަހު ރޮބާޓޯ ޔޫކްރެއިނުގެ ޝަހުތަރު ޑޮނެސްކާ ހަވާލުވީ، މިދިޔަ އަހަރުއެވެ. ރޮބާޓޯ ވަނީ މިދިޔަ ސީޒަނުގައި އެ ކުލަބަށް ޔޫކްރެއިންގެ ސްޕަކަޕް ހޯދައިދީފައެވެ. ނަމަވެސް ރަޝިއާއިން ޔޫކްރެއިނާ ދެކޮޅަށް ހަނގުރާމަ ފެށުމާއެކު އޭނާ ވަނީ އެ ކުލަބް ދޫކޮށްލާފައެވެ.

ރޮބާޓޯ ޑި ޒާބީގެ އިރުޝާދުގެ ދަށުން ބްރައިޓަން އެންމެ އަވަހަށް މެޗަކަށް ނިކުންނާނީ ލިވަޕޫލާ ދެކޮޅަށެވެ.

comment ކޮމެންޓް