"އަޅެ އެ ތެޅުން ހުއްޓާލާނީ ކޮންއިރަކުންތަ؟"

އަޑުގަދަ ވާތީ މީހަކު ބޮލުގައި ބާލީސް އަޅައިގެން--

ބުރަ ދުވަހަކަށް ފަހު އޮފީހުން ގެއަށް އައިސް ކޮޓަރިއަށް ވަދެ އެއްޗެހި ބަދަލުކޮށްލައިގެން އެނދުގައި ޖައްސާލީމެވެ. ކުރިމަތީގައި ހުރި ގަޑިން އޭރު އިރުއޮއްސި 6:15 ވީއެވެ. މަޣުރިބު ނަމާދުކޮށްލައިގެން ބޭރުގޭތެރެއަށް ނުކުތުމަށް އޮށޯވެލީއެވެ.

ކުއްލިއަކަށް އިވެން ފެށީ ތޮރުފާ އަޑެވެ. ދެން އެއްޗެއް ފާރަށް ވަށްދަން ތަޅާ އަޑެވެ. އެ އަޑު އަންނަނީ ކޮން ދިމާލަކުން ކަމެއް ބުނާކަށް ނޭނގެއެވެ. މަތީގައި ހުރި އެޕާޓްމަންޓުންކަމެއް ނުވަތަ ޖެހިގެން ހުރި އެޕާޓްމަންޓުންކަމެއް ނޭނގެއެވެ. ދިހަ ބުރީގެ އިމާރާތަކަށް ވާތީ ގިނަ ބަޔަކު އެކި ބުރިބުރީގައި ދިރިއުޅެއެވެ.

އެޕާޓްމަންޓް ކުއްޔަށް ހިފަން ސޮއިކުރި އެގްރީމެންޓްގައި އޮންނަ ގޮތުން އިރުއޮއްސި ހައެއްގެ ފަހުން އަޑުގަދަވާ އެއްވެސް މަސައްކަތެއް ނުކުރެވޭނެއެވެ. ނަމަވެސް މި އަޑުފަށްގަނޑު އިވުން އާންމު ކަމަށް ވެއްޖެއެވެ. އެކި ދުވަސްވަރު އެކި ވަރަށެވެ. ގޭގެ ވެރިފަރާތަށް އެންގީމަ ވެސް ހައްލެއް ނުވިއެވެ.

އިމާރާތެއް އެޅުމަށް ކޮންކްރީޓްގެ މަސައްކަތް ކުރަނީ: ރޭގަނޑު މަސައްކަތް ކުރާތީ އާއްމުން ޝަކުވާ ކުރޭ-- ސަން ފައިލް ފޮޓޯ

އިރުއޮއްސި ހަތެއް ޖަހައިފިއެވެ. އެ އަޑުފަށްގަނޑެއް ނުކެނޑެއެވެ. މަންމަ ކޮޓަރީގައި ނިދާ އޯޓިސްޓިކް ކޮއްކޮ އެކަމާ ޝަކުވާ ކުރަނީއެވެ. އޭނާއަށް އުނދަގޫތަކެއް ވާތީއެވެ. ތޮރުފުމާއި ތަޅާ އަޑު ގަދަކަމުން އުނދަގޫ ނުވާވަރެއް ނޫނެވެ. ކެތް ނުވެގެން މަންމަ ގާތު ބުނެފައި އެޕާޓްމަންޓުން ބޭރަށް ނުކުމެ ސިޑިމަތީގައި ހުރެ އަޑު އަންނަ ދިމާ ބަލައިފީމެވެ. އަހަރެން ދިރިއުޅޭ އެޕާޓްމަންޓުގެ މަތީ ބުރީގައި ހުރި އެޕާޓްމަންޓުންކަން ޔަޤީން ކުރެވުނެވެ. ދޮރުގައި ޓަކި ޖަހައިފީމެވެ. ދޮރު ހުޅުވީ ބަނގްލަދޭޝް މީހެކެވެ. އަޑުގަދަ ނުވާގޮތަށް މަސައްކަތް ކުރެވިދާނެހޭ މަޑުމައިތިރިކަމާއެކު އަހާލީމެވެ. އޭނާގެ ފުރަގަހުން ނުކުތް ދިވެހި މީހާ ރުޅިވެރި ރާގަކަށް ބުންޏެވެ.

"ކިހިނެއްވީ؟ އަހަރެމެންވެސް ބޮޑު ކުލި ދައްކައިގެން މިއުޅެނީ. މަސައްކަތެއް ޖެހުނީމަ ކުރަން ޖެހޭނެ. އެކަކާ ވެސް ނުބެހެވޭނެ".

އަޅުގަނޑުގެ ބަލި ކޮއްކޮ ނުނިދިގެން އުޅޭތީ މިވަގުތަށް އަޑުގަދަ ނުވާގޮތަށް މަސައްކަތް ކޮށްދިނުމަށް އަނެއްކާ ވެސް އެދުނީމެވެ. އަދި އެގްރީމެންޓްގައި އެކަން އެގޮތަށް އޮންނާނެކަން ވެސް ހަނދާންކޮށްދިނީމެވެ. ނަމަވެސް ދޮރު ޖަހާފައި އަނެއްކާ ވެސް އެމީހުން މަސައްކަތައިގެން ކުރިއަށް ދިޔައެވެ. އިމާރާތުގެ ވެރިފަރާތަށް ގުޅައިގެން ފޯނު ނުނެގިއެވެ. މެސެޖަށް ވެސް ޖަވާބު ނުދިނެވެ. އެރޭ އެ އެޕާޓްމަންޓްގެ މަސައްކަތް ނިމި އަޑު މަޑުވީ 9:45 ގައެވެ. އެ ހުރިހާ ވަގުތަކު ހީވަނީ ބޮލުގައި އެއްޗަކުން ތަޅާހެންނެވެ.

މިއީ އެއް ދުވަހެވެ. މިފަދަ އެތައް ދުވަހަކު މި އުނދަގޫ ތަހައްމަލްކުރަމެވެ. މި އިމާރާތުން އެކަންޏެއް ނޫނެވެ. ވަށައިގެން ހުރި އިމާރާތްތަކުގައި ވެސް މަސައްކަތްކުރުމުގައި ވަކި ގަޑިއެއް ނޯވެއެވެ. މަސައްކަތް ކުރުން މައްސަލައަކަށް ވަނީކީ ނޫނެވެ. އަޑުގަދަވާ ގޮތަށް މަސައްކަތް ކުރާތީ އުނދަގޫ ވަނީއެވެ. އެއީ ވެސް އިރުއޮއްސުމަށް ފަހުއެވެ.

އަވަށްޓެރީންނަށް ކަމޭހިތުމާއި އިޙްތިރާމްކުރުމަކީ ރަނގަޅު އާދައެއްކަމުގައި އަހަރެން ޤަބޫލުކުރަމެވެ. އަދި އެގޮތަށް ޢަމަލު ވެސް ކުރަމެވެ. އަހަރެންގެ އޯޓިސްޓިކް ކޮއްކޮ ކޮންޓްރޯލުން ނައްޓައި، އަޑުގަދަކުރާ ދުވަސް ދުވަހު ވަރަށް ކަންބޮޑުވެއެވެ. އަދި އަވަހަށް ހުއްޓުވާލެވޭނެ ގޮތެއް ހޯދަމެވެ. ޖެހިގެން ހުރި އެޕާޓްމަންޓުގައި އުޅޭ ރައްޓެހި ކުއްޖާއަށް ގުޅާފައި މަޢާފަށް ވެސް އެދެމެވެ. އަނެއް ދުވަހު އެ އެޕާޓްމަންޓުގައި އުޅޭ މީހަކާ ލިފްޓުން ދިމާވިޔަސް ކަން ވީގޮތް ބުނެދީ އެކަމާ ދެރަވާ ވާހަކަ ބުނަމެވެ. އެކަމާ ކަންބޮޑު ނުވާން އެމީހުން ބުނެއެވެ. އެމީހުންނަށް ކޮއްކޮގެ ހާލަތު އެނގޭތީއެވެ.

މާލެއަކީ ކޮންކްރީޓް އިމާރާތުގެ ޖަންގައްޔެކޭ ބުނެއެވެ. އިމާރާތްކުރުމުގެ މަސައްކަތަށް ދުވަހަކުވެސް ނިމުމެއް ނާންނާނެކަން ވެސް އެނގެއެވެ. ނަމަވެސް އިންސާނުންނަށް ވީތީ އަނެކާގެ އިޙްސާސްތަކާ މެދު ވިސްނާލުމަކީ ވެސް ނެތްކަމެއް ނޫނެވެ. އިރުއަރާއިރަށް ފަށާ މަސައްކަތް މެންދަމާ ހަމައަށް ގެންދާއިރު، ގާތުގައި ދިރިއުޅޭ މީހުންނަށް އެކަމުން ވެދާނެ އުނދަގުލާ މެދު ފިކުރު ނުކުރެވޭނަމަ، އެއީ އެއް މުޖްތަމައެއްގައި ދިރިއުޅެން ކުފޫ ހަމަވާ ބައެއްކަމުގައި ހަމަ ގައިމުވެސް އަހަރެން ނުދެކެމެވެ. މިހާ ގާތްގާތުގައި ދިރިއުޅޭ ބަޔަކު، އެކަކު އަނެކެއްގެ ދިރިއުޅުމުގެ ހާލަތާމެދު ނުވިސްނާ އުޅުމުން ދިމާވާ ހުރިހާ ކަމެއް މި މުޖްތަމައުން މިހާރު މިދަނީ ފެންނަމުންނެވެ.

ޖެހިގެން އައި ދުވަހު އޮފީހުގައި އިންދާ އިމާރާތުގެ ވެރިފަރާތުން ގުޅިއެވެ. އަހަރެން ގުޅީ ކީއްވެގެންކަން އެނގޭކަމަށް ވެސް ބުންޏެވެ. ރޭ އިމާރާތުގެ ވަރަށް ގިނަ އެޕާޓްމަންޓުން ޝަކުވާގެ މެސެޖްތައް ލިބިފައި ހުރިކަމަށާއި އަޑުގަދަކޮށް މަސައްކަތްކުރި މީހުންނަށް އެކަން އެގޮތަށް ނުކުރުމަށް އެންގި ވާހަކަވެސް ބުންޏެވެ. އަޑުއަހާލާފައި ފޯނު ބޭއްވީއެވެ.

އެދުވަހު އޮފީހުގައި އިންދާ ހަވީރު 4 ޖެހިތަނާ މަންމަ ގުޅިއެވެ. އަނެއްކާ ވެސް ތޮރުފަން ފެށި ވާހަކަ ބުންޏެވެ. ކޮއްކޮ މައިތިރި ނުކުރެވިގެން އުޅޭކަމަށް ވެސް ބުންޏެވެ. އަހަރެން ހިތަށް އެރިއެވެ. މިއީ ނިމުމެއް ނެތްކަމެކެވެ. ދިރިއުޅުމަކީ މިކަހަލަ ކަމެކެވެ. ކެތްތެރިކަމާއެކު ހުރިހާކަމެއް ތަހައްމަލުކުރާނީއެވެ. ދެންތިބީންނަށް ވިސްނޭނެ ދުވަހަކަށް އިންތިޒާރުކުރާނީއެވެ.

comment ކޮމެންޓް