ހުޅުމާލޭ ހޮސްޕިޓަލުގައި އަންނަ މަހު މެންޓަލް ހެލްތު ސެންޓަރެއް ހުޅުވަނީ

ހުޅުމާލޭ ހޮސްޕިޓަލުގައި މެންޓަލް ހެލްތު ސެންޓަރެެއް ގާއިމު ކުރުމަށް ކުރަމުން އަންނަ މަސައްކަތް ނައިބަރު ރައީސް ފައިސަލް ނަސީމް ބައްލަވައިލެއްވުން --- ފޮޓޯ/ ރައީސް އޮފީސް

ހުޅުމާލޭ ހޮސްޕިޓަލުގައި ނަފްސާނީ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އަންނަ މަހު ހުޅުވަން ތަައްޔާރުވަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފިއެވެ.

އެ ހޮސްޕިޓަލްގެ ފްރޮންޓް އޮފީސް އަދި ޕަބްލިކް ރިލޭޝަންސް މެނޭޖަރު އަބްދުﷲ މައުރޫފް މިއަދު "ސަން"އަށް ވިދާޅުވީ އަމާޒަކީ އަންނަ މަހުގެ 10 ވަނަ ދުވަހު އެ ސެންޓަރު ރަސްމީކޮށް ހުޅުވައި ޚިދުމަތް ދިނުން ކަމަށެވެ.

އެ ހޮސްޕިޓަލަކީ މިހާރުވެސް އެކި ކަންކަމަށް ފަރުވާދޭ ޑިޕާޓްމެންޓުތައް ވަކިވަކިން ހިންގާ ތަނެއް ކަމަށާއި ނަފްސާނީ ބަލިތަކަށް ފަރުވާދޭން ވަކި ސެންޓަރެއް ގާއިމް ކުރުމުގެ ބޭނުމަކީ އެ ޚިދުމަތް ލިބިގަތުމަށް ބޭނުންވާ ފަރާތްތަކަށް ފަސޭހަކޮށްދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ހުޅުމާލޭގެ އާބާދީ މި އަންނަނީ ބޮޑުވަމުން. އެހެންވީމަ ބޭނުންވޭ ހުޅުމާލޭ ހޮސްޕިޓަލުން މީހުންނަށް އެންމެ ބޭނުންވާ ޚިދުމަތް ފަސޭހަ ކަމާއެކު ދެވޭނެ ގޮތެއް ހަދައިދެން،" އޭނާ ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ ސައިކޭޓްރިސްޓަކާ އެކު، އެ ހޮސްޕިޓަލްގައި ނަފްސާނީ ބައްޔަށް ފަރުވާ ދޭން ފެށީ މީގެ ދެ މަހެއް ކުރިން ކަމަށެވެ.

އެކަމަށް ފަރުވާ ހޯދަން ގިނަ ބަޔަކު ނަން ނޯޓު ކުރި ނަމަވެސް މި ވަގުތު ދިމާވާ އެންމެ ބޮޑު ދައްޗަކީ އެންމެ ސައިކޭޓްރިސްޓެއް ހުރުން ކަމަށް މައުރޫފް ވިދާޅުވިއެވެ.

ނަމަވެސް އަންނަ މަހު ހުޅުވޭ މެންޓަލް ހެލްތު ސެންޓަރާއެކު އެކަން ވެސް ހަމައަކަށް އެޅޭނެ ކަމަށާއި އެތަން ހުޅުވާނީ އިތުރު ސައިކޭޓްރިސްޓުންނާއި ސައިކޮލޮޖިސްޓުންނާ އެކު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިއްޔެ ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ ހުޅުމާލޭ ހޮސްޕިޓަލުގައި ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަ މެންޓަލް ހެލްތު ސެންޓަރުގެ ތައްޔާރީތަށް ބައްލަވައިލައްވާފައެވެ.

މިހާރު ނަފްސާނީ ބަލިތަކަށް ފަރުވާދޭ ވަކި ތަނެއް ހުންނަނީ ހަމައެކަނި އައިޖީއެމްއެޗުގައެވެ.

ނަމަވެސް ބައްޔަށް ފަރުވާހޯދަން ނަން ނޯޓު ކުރާ މީހުންގެ އަދަދު އިތުރުވެ މަދުވެގެން މަހެއްހާ ދުވަސް ވަންދެން ޑޮކްޓަރަށް ދެއްކުމަށް ކިޔޫގައި ހުންނަން ޖެހެއެވެ.

comment ކޮމެންޓް