އިތުރު ދެ ހަފުތާއަށް ބަސް ދަތުރުތައް ހިލޭ ކުރުމުން ޓެކްސީ ޑްރައިވަރުން ކަންބޮޑުވެއްޖެ

މަޖީދީމަގުން މިނީ ބަހެއް ދުއްވާފައި ދަނީ --- ސަން ފޮޓޯ/ ނާއިލް ހުސައިން

މާލެ ތެރޭގައި ދޭން ފެށި މިނީ ބަހުގެ ޚިދުމަތް އިތުރު ދެ ހަފުތާއަށް ހިލޭ ދޭން އެމްޓީސީސީއިން ނިންމުމުން ޓެކްސީ ޑްރައިވަރުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މާލޭގައި މިނީ ބަހުގެ ޚިދުމަތް ދޭން ފެށީ މި މަހުގެ ފަސް ވަނަ ދުވަހުއެވެ. ބަސް ދަތުރުތަށް ރަސްމީކޮށް ފެށި ދުވަހުން ފެށިގެން ދެ ހަފުތާގެ މުއްދަތަށް ދަތުރުތައް ކުރާ ގޮތަށް ހަމަޖެއްސީ ހިލޭއެވެ.

ނަމަވެސް އެ މުއްދަތު ހަމަވެ އިއްޔެ އަނެއްކާވެސް ވަނީ އިތުރު ދެ ހަފުތާއަށް ބަސް ދަތުރުތައް ހިލޭ ކުރުމަށް ނިންމައިފައެވެ.

https://sun.mv/168311

އެކަމާ ގުޅިގެން ޑްރައިވާސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ވަގުތީ ހިންގާ ކޮމިޓީގެ އިންތިޒާމް ސެކްރަޓަރީ، އަހުމަދު ޝަމާލު ބުނީ ބަސްދަތުރުތައް އިތުރު ދެ ހަފުތާއަށް ހިލޭ ކުރުމުން ކަންބޮޑުވާ ކަމަށެވެ.

މިހާރުވެސް ޓެކްސީތަކަށް އާމްދަނީ ލިބޭ މިންވަރު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެފަދަ ދަނޑިވަޅެއްގައި އަނެއްކާ ވެސް ބަހުގެ ޚިދުމަތް އިތުރު ދެ ހަފުތާއަށް ހިލޭ ދިނުމުން މިހާރު ލިބެމުން އަންނަ އާމްދަނީ ވެސް ދަށް ވާނެ ކަމަށް އޭނާ ބުންޏެވެ،

"މިހާރު ވެސް ބަސް ދަތުރުތަށް ކުރަނީ އެމީހުން ބޭނުންވާ ގޮތަކަށް، ދަތުރު ކުރަން ފަސޭހަ ގޮތަކަށް އެ މީހުން އަމިއްލައަށް. އެ ހުރިހާ ފަސޭހަ ތަކަކާއެކު އަނެއްކާ ދަތުރުތައް ހިލޭ ސާބަހަށް ކޮށްދޭ މުއްދަތު އިތުރު ކުރީމަ އަޅުގަނޑުމެން އެސޯސިއޭޝަނުން އެކަން ބަލައެއް ނުގަންނަން،" ޝަމާލް ބުންޏެވެ.

ޝަމާލް ބުނީ އެކަމާ ސަރުކާރުގެ ކަމާ ބެހޭ ހުރިހާ ފަރާތްތަކަކުން ވެސް ވިސްނަން ޖެހޭ ކަމަށެވެ. އަދި ޓެކްސީ ޑްރައިވަރުންނަކީ ވެސް އާމްދަނީ ހޯދަން މަސައްކަތް ކުރާ ބައެއްކަން ވިސްނާލުން މުހިއްމު ކަމަށް ވެސް އޭނާ ބުންޏެވެ.

އެންމެ ފުރަތަމަ މިނީ ބަސް ފެށިއިރުވެސް ޓެކްސީ ޑްރައިވަރުން ވަނީ އާމްދަނީ ދަށްވެ މާލޭގެ ޓްރެފިކް ބާރު ބޮޑުވާނެ ކަމަށް ބުނެ ކަންބޮޑުވުން ފާޅު ކޮށްފައެވެ.

https://sun.mv/167461

ބަސް ދަތުރުތައް ފަށައިގެން ހަފުތާއެއްވިއިރު ޝަމާލު ބުނީ ޓެކްސީތަކުގެ އާމްދަނީ އެވަރެޖްކޮށް 35 ޕަސެންޓާއި 45 ޕަސެންޓާ ދެމެދުގެ އަދަދަކަށް ދަށް ވެފައިވާ ކަމަށެވެ.

https://sun.mv/168120

މިނީ ބަހުގެ ޚިދުމަތް ފަށައިގެން ކުރިއަށް ދާއިރު ޚިދުމަތަށް އެންމެ ފުރަތަަމަ ދުވަހު ވަނީ 2،257 މީހުން މިނީ ބަހުން ދަތުރު ކޮށްފައެވެ. ހަމައެއާއެކު ބަސް ދަތުރުތަކަށް ހަފުތާއެއް ވިއިރު ޖުމުލަ 48،370 މީހުން ވަނީ ބަހުން ދަތުރުކޮށްފައެވެ.

comment ކޮމެންޓް