ބޮޑުވެފައިވާ ފެންގަނޑުތަކުގައި މަދިރި އާލާވެ ޕާކިސްތާނަށް ޑެންގީ ހުމުގެ ބޮޑުރާޅެއް

ޕާކިސްތާނުގެ ހާލަތު ހިތްފަޅައިގެންދާ ހިސާބުގައި

އިސްލާމް އާބާދު (19 ސެޕްޓެމްބަރު 2022): ޕާކިސްތާނަށް ކުރި ވިއްސާރައިގައި ބޮޑުވެފައިވާ ފެންގަނޑު އަދިވެސް ނުހިނދޭތީ އެފެންގަނޑުގައި މަދިރި އާލާވެ، ޑެންގީ ހުމުގެ ބޮޑު ރާޅެއް ޕާކިސްތާނަށް އަރައިފިއެވެ.

ޕާކިސްތާނުގެ ސިއްހަތާބެހޭ އިދާރާތައް ބުނާގޮތުން ޑެންގީ ހުމުގެ ބޮޑު ރާޅުގެ ޝިކާރައަކަށް އެންމެ ބޮޑަށް ވެފައިވަނީ ފެންބޮޑުވުމުގެ ކާރިސާގައި ގެދޮރު ގެއްލި، ހާލުގައި ޖެހިފައިވާ އާއިލާތަކަށް ނިސްބަތްވާ ކުޑަކުދިންނެވެ.

ކުޑަކުދިންނާ ގުޅުން ހުރި ކަންކަން ބަލާ އދ.ގެ ޖަމްއިއްޔާ ޔުނިސެފުން ވަނީ ފެންބޮޑުވުމުގެ ސަބަބުން ޖެހޭ ބަލިތަކާއި ރޯގާތަކުގެ ސަބަބުން ޕާކިސްތާނުގެ 3.4 މިލިއަން ކުދިންގެ ފުރާނައަށް ނުރައްކާވެފައިވާ މައްސަލަ ބައިނަލްއަގްވާމީ ސަމާލުކަމަށް ގެނެސްފައެވެ.

މިދިޔަ ޖޫންމަހުން ފެށިގެން ދެމަސް ބައި ވަންދެން ޕާކިސްތާނަށް ކުރި އާދަޔާ ޚިލާފު ގަދަ ވިއްސާރައިގައި އެގައުމުގެ ކޯރުތައް ފުރިބަންޑުންވުމާއެކު ގައުމުގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ އެއްބައިވަނީ ފެނުގެ އަޑީގައެވެ. ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހުނު މީހުންގެ އަދަދު 33 މިލިއަނަށް ވުރެ އިތުރުވެފައިވާއިރު ދޮޅުހާހަށްވުރެ ގިނަ މީހުން ވަނީ ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިޔުމާ ގުޅިގެން މަރުވެފައެވެ. އަދި އެތައް ބަޔަކުވަނީ ގެއްލިފައެވެ.

ހާލުގައި ޖެހިފައިވާ ކުދިންނަށް ފަރުވާދޭ ތަނެއް

ހާލުގައި ޖެހިފައިވާ މީހުންގެ ތެރެއިން 16 މިލިއަނަކީ ކުޑަކުދިންނެވެ. މަރުވި މީހުންގެ ތެރޭގައި ހިމެނޭ ކުޑަކުދިންގެ އަދަދު 500 އަށްވުރެ މައްޗެވެ. ޔުނިސެފުން ވަނީ ޕާކިސްތާނުގައި ހާލުގައި ޖެހިފައިވާ 16 މިލިޔަން ކުޑަކުދިންނަށް އެހީ ފޯރުކޮށްދިނުމަށް ދުނިޔޭގެ ގައުމުތަކަށް އިލްތިމާސްކޮށްފައެވެ.

މި 16 މިލިޔަން ކުޑަކުދިންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި ޔުނިސެފުން ވަނީ ފަންޑް ރެއިޒިން ޕްރޮގްރާމެއް އިއުލާނުކޮށްފައެވެ. މި 16 މިލިޔަން ކުދިންނަށް ވަގުތީ ހިޔާތަކާއި ކާބޯތަކެއްޗާއި (ޚާއްސަކޮށް ސާފު ބޯފެން) އަދި ބޭހާއި ރަޖާފަދަ ތަކެއްޗާއި އަންނައުނުގެ އިތުރުން ކިޔަވައިދޭނެ ވަސީލަތްތައްވެސް ބޭނުންވެއެވެ. އިންސާނީ ހާލަތު އެންމެ ގޯހީ އެންމެ ބޮޑަށް ފެންބޮޑުވި ސިންދު ޕްރޮވިންސްގެ ސަރަހައްދުތަކުގައެވެ.

ސިންދުގެ އެކިސަރަހައްދުތަކުގައި ދަނީ ޑެންގީ ހުމާއި ބޭރަށް ހިންގުމުގެ ބަލިތައް ފެތުރެމުންނެވެ. އެއީ ސާފު ބޯފެން ނުލިބޭތީއެވެ. އަދި އެސަރަހައްދުގައި ފުޅާދާއިރާއެއްގައި މެލޭރިޔާވެސް ފެތުރިދާނެކަމުގެ ބިރުވަނީ ހީވެފައެވެ.

ސިންދުގައި ހަރަކާތްތެރިވާ ޔުނިސެފްގެ މަސްއޫލުވެރިން ވިދާޅުވާގޮތުގައި އެޕްރޮވިންސްގެ ކުޑަކުދިންވަނީ އިންސާނީ ކާރިސާއެއްގެ ތެރޭގައެވެ. ކުޑަކުދިންނާއި އަންހެނުންނާއި ފިރިހެނުންވެސް ތިބީ ބޯހިޔާވަހިކަމެއް ނެތި މަގުމަތިވެފައެވެ. ސާފު ބޯފެނާއި ކާބޯތަކެތިން މަހުރޫމް ވެފައެވެ.

މިދިޔަ ޖޫން މަހުން ފެށިގެން ދެމަސް ބައި ވަންދެން ޕާކިސްތާނަށް ކުރި އާދަޔާ ޚިލާފު ގަދަ ވިއްސާރައަކީ ޕާކިސްތާނުގެ ތާރީޚުގައިވެސް ކުރި އެންމެ ބޮޑު ވިއްސާރައިގެ ގޮތުގައި އެގައުމުންވަނީ ސިފަކޮށްފައެވެ. ޕާކިސްތާނުގައި ފެންބޮޑުވެފައިވާ ބައެއް ސަރަހައްދުތަކަށް ޒިޔާރަތް ކުރެއްވުމަށްފަހު އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވަނީ އޭނާގެ އުމުރުގައިވެސް ވިއްސާރައިގެ ސަބަބުން ގައުމަކަށް މިވަރުގެ ބޮޑު އިންސާނީ ކާރިސާއެއް ކުރިމަތިވެފައިވާތަން ފެނިވަޑައިގެންފައި ނުވާކަމަށް ވިދާޅުވެފައެވެ.

ޕާކިސްތާނުގެ ހާލަތު

ޕާކިސްތާނުގައި ކުރިއަށް އޮތީ ފިނި މޫސުމެވެ. ފިނި މޫސުމުގެ ކުރިން މިކާރިސާއިން އަރައިގަނެވޭނެ ކަމަށް ނުބެލެވޭއިރު މަގުމަތިވެފައިވާ 33 ވަރަކަށް މިލިއަން މީހުންގެ ދިރިއުޅުމަށް ކުރިމަތިވާނެ ދަތިތަކާއި ވޭންތައް އިންސާނެއްގެ ސިކުނޑިއަށް ތަސައްވަރު ކުރެވޭވަރަށްވުރެ މާ ވޭންދެނެވިކަމަށް ޕާކިސްތާނުގެ މަސްއޫލުވެރިން ވިދާޅުވެއެވެ.

ފެންބޮޑުވުމާ ގުޅިގެން ޕާކިސްތާނަށް ލިބިފައިވާ ގެއްލުމުގެ މިންވަރު 15 ބިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާނެ ކަމަށް އެގައުމުން ލަފާކޮށްފައިވެއެވެ. ފެންބޮޑުވުމުގެ ސަބަބުން ލިބުނު އެންމެ ބޮޑެތި ގެއްލުންތަކުގެ ތެރޭގައި އަށް ލައްކައަށްވުރެ ގިނަ ގެ ހަލާކުވުމާއި 130 ފިހާރަ ހަލާކުވުމާއި 146 ބްރިޖު ވެއްޓުމާއި 3084 ކިލޯމީޓަރުގެ މަގާއި ހައިވޭ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން ހަލާކުވުން ހިމެނެއެވެ.

comment ކޮމެންޓް