މައާފު އެދެމޭ ޔާރާ... 21

އަހަރެން އިނީ ވާނުވާ ނޭނގިފައެވެ. ކާރު ގޮސް ހުއްޓައިލީ އުސް އިމާރާތެއްގެ ކުރިމައްޗަށެވެ. ދޮރުމަތީގައި އަންހެން ކުއްޖަކު ފޯނާއި ކުޅެން ހުއްޓެވެ. ކުރު ހެދުމެއްގައި ހުރި އެކުއްޖާ، ހަނާ އަޅައިލި ތަން ފެނުނެވެ. އަހަންނަށް އޭނާގެ މޫނު ފެނުނީ ދާދި ކައިރިއަށް އައި ފަހުންނެވެ. އެއީ އަހަންނަށް އައު މޫނެއް ނޫނެވެ.

"މަލްދާ..." އަހަންނަށް ހިތާއިހިތުން އެ ނަން ކިޔައިލެވުނެވެ.

********

މަލްދާ ހުރީ ކައިވެނި ޕާޓީއަށް އައި އިރުވެސް ލައިގެން ހުރި ކަހަލަ ހެދުމެއްގައެވެ. ތަފާތަކީ ހެދުމުގެ ކުލައެވެ. މަލްދާ ކާރުގެ ދޮރު ހުޅުވައިލީ ޔާނިޝް އިން ދިމާއިންނެވެ. އެ ނަޒަރު އަހަރެންގެ މޫނުން ޔާނިޝްގެ މޫނަށް ހުއްޓައިލިއެވެ. ޔާނިޝް އިނީ އުނދަގޫވެފައި އިން ކަހަލަ ގޮތަކަށް އެހެން ދިމާއަކަށް ބަލަހައްޓައިގެންނެވެ.

"ތިއްތި އެކޮޅަށް ޖެހިލާ... މަލްތަ އަރަންވީނު ތިއްތަ ކައިރިއަށް..." ފިޒާ އެދުނެވެ.

މަލްދާއަށް ފިޒާގެ ވާހަކަ އަޑެއް ނީވުނެވެ. ނޫނީ ގަސްދުގައި ނީވޭ ކަމަށް ހެދީއެވެ. ޔާނިޝް ނުކުންނާނެ ފުރުސަތު ނުދީ އޭނާ ކާރަށް އެރިއެވެ.

"ފިޒައްކޮ އާދޭ ފަހަތަށް..." ޔާނިޝް އެދުނެވެ.

"ދެން ނުފޭބޭނެ..." ފިޒާ ބުނެލިއެވެ.

"އަހަރެން މިތާ އިނަސް، ރުއާ މައްސަލައެއް ނުޖައްސާނެއޭ... ދޯ ރުއާ؟..." މަލްދާ ވަރަށް ގާތް ގޮތަކަށް ބުނެލިއެވެ.

އަހަރެން ޔާނިޝްއަށް ބަލައިލަމުން، ބޯ ޖަހައިލީމެވެ. ހަގީގަތަކީ، ޔާނިޝް ކޮންމެ ގޮތަކަށް އުޅުނަސް، އަހަރެންގެ ފަރުވާލެއް ނެތް ކަމެވެ. އެއީ އަހަރެންގެ ހިތް ބުނި ގޮތެވެ. އަހަރެން ގަބޫލުކުރީ ހިތާއި ސިކުނޑި އެއްގަލަކަށް އަރާނެ ކަމަށެވެ. އެކަމަކު ހިތަށް އުނދަގޫވީ ކީއްވެ ކަމެއް ނޭނގުނެވެ. އަހަންނަށް ބަލަން އިން ޔާނިޝްގެ ދެބުމަ ކައިރިވި ތަން ފެނުނެވެ. އޭނާ އުނދަގޫ ގޮތަކަށް ހިންދިރުވައިލިއެވެ. ނުރުހުމާއި އެއްވަރަށް، ކަންބޮޑުވުމުގެ އަސަރު އެ މޫނުން ފެނިގެން ދިޔައެވެ.

ކާރު ދުއްވައިލުމުން، ޔާނިޝް އަހަންނާއި ގާތަށް ޖެހިލިއެވެ. މަލްދާގެ ސަބަބުން އުނދަގޫވެގެން ޖެހިލާފަދަ ގޮތަކަށެވެ. އުނގުމަތީގައި އޮތް އަހަރެންގެ އަތުގެ އިނގިލިތަކުގެ ތެރެއަށް އޭނާގެ އިނގިލިތައް ވައްދާލީ އަހަރެން ނުވިސްނާ އިންދައެވެ. އަހަރެން ގަދަ ހަދައިލަމުން ޔާނިޝްގެ މޫނަށް ބަލައިލީމެވެ.

"މީ ރުއާ ބޭނުންވި ގޮތެއްނު... ދެން ޖެހޭނީ މިގޮތާ ރުހެން..." ޔާނިޝްގެ ނަޒަރުން އެހެން ބުނެލި ކަހަލައެވެ.

ޔާނިޝް ގަދަކަމުން ކަހަލަ ގޮތަކަށް ދެމީހުންގެ ގުޅި ލާމެހިފައިވާ އަތް އޭނާގެ ފައިގެ ފަލަމަސްގަނޑުގެމަތީގައި ބާއްވައިލިއެވެ. އަހަންނަށް ބަލައިލެވުނީ މަލްދާއަށެވެ. އެ ނަޒަރު އަހަރެމެންގެ އަތަށް ހުއްޓިފައިވީއިރު، ތުންފަތުގައިވީ ކޮންކަހަލަ ހިނިތުންވުމެއްކަން ތަރުޖަމާ ކުރާކަށް ނޭނގުނެވެ. ހަމަ ޔަގީނުންވެސް، އެއީ އުފާވެރިކަމުގެ ހިނިތުންވުމެއް ނޫނެވެ.

"ހައި މިރާން..." މަލްދާ ތުއި ގޮތަކަށް ބުނެލިއެވެ.

މިރާން ވަކި އެއްޗެއް ނުބުނެއެވެ. މަންޒިލާއި ހަމައަށް ދެވެންދެންވެސް ފަސް މީހުންގެ މެދުގައި އިތުރު ވާހަކައެއް ނުދެކެވެއެވެ. މަލްދާގެ ސަބަބުން ޔާނިޝްގެ ތަބީއަތު ބަދަލުވިކަން އެނގުނެވެ. ފޯނަށް ނަޒަރު ހުއްޓާލައިގެން އިން ނަމަވެސް، ޔާނިޝްގެ ދެބުމަ ވަނީ ގޮށްޖެހިފައެވެ. އަހަރެންގެ އަތް އައްސިވީއިރުވެސް، އެ އަތުން ދޫކޮށްލަން އޭނާ ހިތަށްވެސް ނާރައެވެ. މަލްދާ ދޭތެރެއަކުން ޔާނިޝްއަށް ބަލައިލި ނަމަވެސް، ޔާނިޝް އެންމެ ފަހަރަކުވެސް ބަލައިނުލައެވެ. ޔާނިޝް ކޮންމެ ގޮތަކަށް އުޅުނަސް އަހަންނަށް ވަރިހަމަވީއިރު، އެ ދެމީހުންގެ ހަރަކާތްތަކަށް ސިއްރުން ބެލުނީ ކީއްވެ ކަމެއް ނޭނގުނެވެ.

"ޔޭ... ބަރާބަރު ތިން މަސް ފަހުން، ފްލާވާ ގާޑަންއަށް އާދެވުނީ..." ފިޒާގެ މޫނުން ފެނުނީ އުފާވެރިކަމެވެ.

މަންޒިލާއި ހަމައަށް އާދެވުނުކަން އެނގުމުން އަހަރެންގެ ހިތަށް އުފާވެރިކަން ލިބުނީ، ޔާނިޝްގެ ކައިރިން މިންޖުވާނެކަން އެނގޭތީއެވެ. ޔާނިޝް އަހަރެންގެ އަތުން ދޫކޮށްލުމުން، އަވަހަށް ކާރުން ފޭބީމެވެ. އޭނާ ފޭބުމުގެ ކުރިން، ހަލުވި ފިޔަވަޅުތަކެއްގައި ފިޒާގެ ފަހަތުން ހިނގައިގަތީމެވެ.

ފިޒާ ގޮސް ވަނީ ދެ ފަންގިފިލާއަށް ހަދާފައިވާ ރީތި ގެއަކަށެވެ. ގޯތިތެރޭގައި ބޮޑު އަނބުގަހެއް ހުރިއިރު، މުޅި ސަރަހައްދަށް އޭގެ ހިޔާ އެޅޭނެކަން ގައިމެވެ. ގޭގެ ކުރިމަތީގައި އޮތް ހުސްޖާގައިގައި ތަފާތު ވައްތަރުގެ މާގަސް ހައްދާފައި ހުއްޓެވެ. "ފްލާވާ ގާޑަން" އަކީ ގޭގެ ނަމެވެ. ގޭގެ ނަންބޯޑު ހަރުކޮށްފައި ހުރީ، ބަގީޗާގައި ހައްދާފައިވާ ގަސްތަކުގެ ތެރޭގައި ހަރުކޮށްފައިވާ ލަކުޑި ބޯޑެއްގައެވެ. ބޯޑުގެ ވަށައިގެން ހަރުކޮށްފައިވާ ކުލަބޮކިތައް ދިއްލިލާފައި ނިވެމުން ދިޔައެވެ.

ގޭތެރެ ތަރުތީބެވެ. ބޮޑު ސިޓިންގްރޫމުގައި ކުޅިވަރު ކުޅޭ ގިނަ ސާމާނު އަތުރާފައި ހުއްޓެވެ. ފިޒާ އަހަރެންގެ އަތުގައި ހިފައިގެން ގެންގޮސް ފަހަރަކު ތަނެއް ދައްކަން ފެށިއެވެ. ތިން ކޮޓަރީގެ އިތުރުން، ފިލްމު ބެލުމަށް ހާއްސަ ކޮޓަރިއެއް ހަދާފައި ހުއްޓެވެ. ގޭގެ އަނެއް ފަރާތުގައި ބޮޑު ފަތާ ފެންގަނޑެއް އޮތެވެ. ރޭގަނޑުގެ ވަގުތުގައި އެތަން ނުހަނު ހިތްގައިމެވެ. ބޮކިތައް ދިއްލައިލުމުން ވަކީން ފުރިހަމައެވެ. ބާބަކިޔު ހަދާ، ކޮފީ ބޮވޭނޭ އިންތިޒާމު ހަމަޖައްސާފައި ހުރީ ގޭގެ އަނެއް ފަރާތުގައެވެ. އެތަނުގައި އަރާމުކޮށްލެވޭނޭހެން ސޯފާތަކާއި، އުނދޯލިތައް ބަހައްޓާފައި ހުއްޓެވެ.

ގޭތެރެއަށް ވަން ގޮތަށް، ޔާނިޝް އާއި މިރާން އުޅުނީ، ޓީވީއިން ކަރަންޓް ކެނޑިފައި ހުރުމުން، ކަރަންޓު ގުޅާށެވެ. އަހަންނަށް ގޭގެ ތަންތަން ދައްކަން އިސްކޮށް ހުރީ ފިޒާއެވެ. އަހަރެމެންނާއިއެކު މަލްދާވެސް އައެވެ.

"މީ ފިޒާގެ ބައްޕަގެ ގެއެއް... މިގޭގަ ނޫޅޭނެ އެއްވެސް މީހެއް... ފިޒާމެން މަޖާކޮށްލަން އަންނަނީ މިގެއަށް..." ފިޒާ ކިޔައިދިނެވެ. "ކުރިން މަލްތައާ އެކީ ވަރަށް ގިނައިން މިގެއަށް އަންނަން... ދޯ މަލްތާ..."

ފިޒާ މަލްދާއަށް ބަލައިލަމުން ނިތް އަރުވައިލިއެވެ.

"އާނ... ވަރަށް ގިނައިން... އެކަމަކު، ޔާނިޝްއާއެކީ ދުވަހަކުވެސް ނާންނަން... އަހަރެން އަންނަ ތާކަށް ޔާނިޝް ނާންނާނެ..." މަލްދާ އަހަންނަށް ބަލައިލީ ފާޑަކަށެވެ.

"އަސްލުވެސް ދޯ... އިނގޭތަ، ތިއްތަ ވަރަށް ލަކީއޭ... ތިއްތި އަދި އެއްވެސް އަންހެން ކުއްޖަކު ގޮވައިގެން މިގެއަކަށް ނާދޭ... ތިއްތަ ގޮވައިގެން އަންނަން ބުނީމަ އެ އެއްބަސްވީވެސް... އެހެންނޫނީ ނާންނާނެ.... އަމުދުން މަލްތަ އަންނަންޏާ..." ފިޒާ އިތުރު ތަފުސީލް ދިނެވެ. "ތިއްތަ މާ މަޑުންނޭ ތިހުންނަނީ... ތިއްތި ގޮވައިގެން ދޭބަލަ ތަންތަން ބަލާލަން..."

ފިޒާގެ ވާހަކައިން އަހަރެންގެ ހިތަށް ގޮތެއް ވެލައިގެން ދިޔައެވެ. ހިތުގެ ތެޅުން އިތުރުވެލިހެން ހީވިއެވެ. ހިނިތުންވެލެވުނުކަން އެނގުނީ، ފިޒާވެސް ރައްދުގައި ހީލި ތަން ފެނުމުންނެވެ.

ފިޒާ އާއި މަލްދާ ބަދިގެއަށް ކޮފީ ގިރަން ދިޔުމުން، ގޭގެ ތަންތަން ބަލަމުން އަހަރެން ނުކުމެލީ ބޭރަށެވެ. ޖެހިލި ވައިރޯޅިން ހަށިގަނޑު ރޫރޫ އަޅައިގަތެވެ. އަހަރެން ސޯފާގައި އިށީނދެލައިގެން އިންދައި ޔާނިޝް އައެވެ. އަހަރެންގެ ކައިރީގައި އިށީނދެލިއެވެ. ޔާނިޝް އިނީ ކޮންމެވެސް ވާހަކައެއް ދައްކަން ބޭނުންވެފައި އިން ކަހަލަ ގޮތަކަށެވެ. އެ ވާހަކައެއް އަޑު އެހުމުގެ ޝައުގުވެރިކަމެއް ނެތްކަން އަންގައިލުމުގެ ގޮތުން، ޔާނިޝްގެ މޫނުން ނަޒަރު ވަކިކޮށްލުމަށްފަހު، ފަތާ ފެންގަނޑަށް ނަޒަރު ހުއްޓައިލީމެވެ.

"އަހަންނަށް ހީވަނީ އަހަރެމެން ދެމީހުން ވާހަކަ ދައްކާލަން އެބަ ޖެހޭހެން..." ޔާނިޝް ވާހަކަ ފެށީ ފުން ނޭވާއެއް ދޫކޮށްލުމަށް ފަހުގައެވެ.

"ކޮން ވާހަކައެއް؟... އަހަރެން ނެތް ދައްކާނެ އެއްވެސް ވާހަކައެއް..." އަހަރެން ފޫހިގޮތަކަށް ބުނެލީމެވެ.

"އަހަރެންގެ ދިރިއުޅުމުގެ އެއްވެސް ކަމެއް އެނގޭކަށް ރުއާ ބޭނުމެއް ނޫންތަ؟..." ޔާނިޝް އަހައިލިއެވެ.

"ހޫމްމް..." އަހަރެން ފަރުވާކުޑަ ގޮތަކަށް ބުނީމެވެ.

"އެއީ ކީއްވެ؟... ރުއާ އަހަންނާއެކީ އުޅެން ބޭނުން ނޫނީތަ؟..." ޔާނިޝް ސުވާލު ކުރިއެވެ.

ޖަވާބު ދިނުމުގެ ބަދަލުގައި އަހަންނަށް ޔާނިޝްގެ މޫނަށް ބަލައިލެވުނެވެ. ޔާނިޝް އިނީ އަހަންނަށް ބަލަހައްޓައިގެންނެވެ. އަހަރެންގެ މޫނުން އޭނާ އެ ސުވާލުގެ ޖަވާބު ހޯދި ކަހަލައެވެ.

"އަހަރެން ރުއާޔާ އިނީ، ދުވަހަކުވެސް ވަރި ކުރުމުގެ ނިޔަތެއް އޮވެގެން ނޫން..." ދުރު ބަލައިލަމުން ޔާނިޝް ބުންޏެވެ. އަހަންނާއި ހަތަރުކަޅި ހަމަކުރަން އުނދަގޫވެގެން އެހެން ދިމާއެއް ބަލައިލި ކަހަލަ ގޮތަކަށެވެ.

އަހަންނަށް ތިރީ ތުންފަތުގައި ދަތް އަޅާލެވުނެވެ. ހިތުގެ ހަމަޖެހުން ގެއްލުނެވެ. އަހަރެންވެސް ޔާނިޝް އާއި އިނީ، ވަކިވާން ގަސްދުކޮށްގެނެއް ނޫނެވެ. އެހެނަސް، ޔާނިޝްއާއިއެކު އުޅޭނެ ހިތްވަރު އަހަރެންގެ ގައިގައި ހުންނާނެކަމުގެ ޔަގީންކަމެއް ނެތެވެ. އަމުދުން މިރޭ އެނގިގެންދިޔަ ހަގީގަތެއްގެ ސަބަބުންނެވެ.

"ދެމީހުން އެއްކޮށް އުޅެވޭނީ، އެކަކު އަނެކަކު އެނގިގެން... ދެމީހުންގެ ދޭތެރޭ އޮތް ނުތަނަވަސްކަން ދުރުވާނީ، އެކަކު އަނެކެއްގެ މާޒީވެސް އެނގިގެން... އަހަރެންގެ މާޒީ އެހާ އުފާވެރިއެއް ނޫން... އެހެން މީހަކަށް ކިޔާދޭކަށް ފަސޭހައެއްވެސް ނޫން... އެކަމަކު، އަހަރެންގެ އަނބިމީހާއަށް އެއްވެސް ސިއްރު ކުރާކަށް ބޭނުމެއް ނޫން..." ޔާނިޝްގެ އަޑުގައިވީ ޔަގީން ކަމެވެ.

ޔާނިޝް ކުއްލިއަކަށް މާ ގާތްކޮށް ވާހަކަ ދައްކަން ފެށުމުން، އަހަރެން އިނީ ޝައްކެއްގެ މަތީގައެވެ. އަހަންނަށް ޔާނިޝްގެ ކަމެއް އެނގޭކަން އޭނާއަށް އެނގުނީ ހެއްޔެވެ؟ ނޫނީ އަހަރެންގެ ކަމެއް ޔާނިޝްއަށް އެނގުނީ ހެއްޔެވެ؟

"އަހަރެންގެ ދިރިއުޅުމުގަ ޔާނިޝްއަށް ކިޔާދޭނެ އެއްވެސް ވާހަކައެއް ނެތް..." ޔާނިޝް އަހަންނަށް އަނބިމީހާގެ ނަމުން މުހާތަބުކުރި ނަމަވެސް، ޔާނިޝްއަށް ފިރިމީހާގެ ނަމުން މުހާތަބު ކުރާކަށް ބޭނުމެއް ނުވިއެވެ.

"އަހަރެންގެ އަނބިމީހާ އުފާވާ ކަންކަމާ، ދެރަވާ ކަންކަން އެނގެން އަހަރެން ބޭނުން..." ޔާނިޝްގެ މޫނުން އައު ޖޯޝެއް ފެނިގެން ދިޔައެވެ. "މިވަގުތު ކިޔާދޭން ބޭނުން ނޫނިއްޔާ، އޯކޭ ފަހުންވެސް...."

"ފަހުންވެސް ކިޔާދޭނެ ވާހަކައެއް ނެތް..." އަހަރެން ތުން ފިއްތައިލީމެވެ. ޔާނިޝް އުޅެނީ ކޮން ކަމެއް އެނގެން ބޭނުންވެގެން ހެއްޔެވެ؟

ޔާނިޝް ހިނިތުންވެލަމުން އެންމެ ރަނގަޅު ކަމުގައި ބުނެލިއެވެ.

"އަހަންނަކީ އެހާ ރަނގަޅު މީހެއް ނޫން... އެކަމަކު ރުއާ ތި ހީކުރާހާ ގޯސް މީހެއްވެސް ނޫން... އަހަރެން ރުއާޔާ އިނީ ރުއާއަށް ދެރަގޮތެއް ހަދާކަށް ނޫން... އަހަރެންގެ ކަމެއް ގޯހިއްޔާ، ރުއާއަށް އެކަމަކާ ޝަކުވާވެސް ކުރެވޭނެ... އެކަމެއް ރަނގަޅު ކުރުވަން މަސައްކަތް ކުރުމަކީ، އަހަރެންގެ އަނތްބެއްގެ ހައިސިއްޔަތުން ރުއާ ކޮށްދޭންޖެހޭނެ ކަމެއް... އަހަރެން މަސައްކަތް ކުރާނަން ރުއާ އެދޭ ކަންކަން ރަނގަޅު ކުރަން..." ގޮނޑީގައި އޮށޯވެލަމުން ޔާނިޝް ވާހަކަ ދެއްކިއެވެ. "އަހަންނާ ބެހޭގޮތުން ރުއާއަށް މިރޭ ތި އެނގުނީ، އަދި ވަރަށް ކުޑަ މިންވަރެއް... އެކަމަކު، އަހަންނާބެހޭ އެއްވެސް އެއްޗެއް ރުއާ އަދި އެނގެން ބޭނުން ނޫނިއްޔާ، މިގަޑީ އަހަރެން އެ ވާހަކަ ދައްކާކަށް ނެތިން.... ރުއާ ބޭނުންވެގެން އަހާނެ ދުވަހަކަށް އަހަރެން އިންތިޒާރު ކުރާނަން..."

ޔާނިޝް އަންގައިލީ ފިޒާ އަހަރެންގެ ކައިރީގައި ދެއްކި ވާހަކަތައް އަޑު އިވުނު ކަމެވެ. އެކަން އަހަންނަށް ޔަގީންވާ ވަރަށް އޭނާގެ ވާހަކަ ތިލަކުރިއެވެ.

މިރާންމެން އައުމުން ޔާނިޝް މައުޟޫއު ބަދަލުކޮށްލިއެވެ. އަހަރެމެން ދެމީހުން އެކުގައި ތިއްބާ ފެނުމުން، މިރާންގެ މޫނުން ތަފާތު އަސަރެއް ފެނުނެވެ. އެ ހިތަށް ތަދުވިކަން އަހަންނަށް އަންގައިލާފަދަ ނަޒަރަކުން އަހަރެންގެ މޫނަށް ބަލަން އޭނާ ހުއްޓެވެ. އެ ނަޒަރުން ސަލާމަތްވާން އަހަރެން ޖެހިލީ ފިޒާގެ ކައިރިއަށެވެ. އެންމެން ފިލްމު ބަލަން ދާން އެދުނީ ފިޒާއެވެ.

ކޮޓަރީގައި ތިން އެނދު ހުރިއިރު، ދެމީހުންނަށް އޮށޯވެލެވޭނޭހެން، އެނދުތައް ތައްޔާރުކޮށްފައި ހުއްޓެވެ. ފިޒާ އާއި މަލްދާ އެއް އެނދުގައި އޯށޯތްއިރު، މިރާން އޮތީ އަނެއް އެނދުގައެވެ. އަހަންނާއި ޔާނިޝްއަށް ޖެހުނީ އެއް އެނދުގައި އޮންނާށެވެ. ދެމީހުންގެ ދެމެދަށް ބާލީހެއް ލާފައި އަހަރެން އޮށޯވެލީމެވެ.

އެޅުވީ ބިރުވެރި ފިލްމެކެވެ. ފިލްމު ފެށިގެން ގިނައިރުތަކެއްނުވެ، ބިރުވެރި މަންޒަރުތައް ދައްކަން ފެށިއެވެ. ފިޒާ އާއި މަލްދާގެ ހަޅޭކުގެ އަޑު ކަނޑައިގެން ނުދެއެވެ. އަހަންނަށްވެސް ކެތްކޮށްލެވުނީ އިރުކޮޅަކުއެވެ. ބިރުން ގޮސް ފިލްމު ބަލާހިތްވެސް ކެނޑުނެވެ. ފިލްމު ނިމުނުއިރު، އޮވެވުނީ ޔާނިޝްގެ ކޮނޑުގައި މޫނު ޖައްސާލައިގެން ނިދިފައެވެ. ހޭލެވުނީ ޔާނިޝް ދެތިން ފަހަރަކު ގޮވައިލުމުންނެވެ.

އަހަންނަށް ފުންމައިގެން ތެދުވެވުނެވެ. އޭރު އެންމެންގެ ނަޒަރު ހުއްޓިފައިވީ، އަހަންނަށެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު