އިނގިރޭސި ޕްރިމިއާ ލީގްގައި މިހާތަނަށް ކުޅުނު އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފް އާސެނަލްގެ އީތަން ހޯދައިފި

ވިއޭރާގެ ބަދަލުގައި އީތަން ކުޅެން އަރަނީ--- ފޮޓޯ/ ޕްރިމިއާ ލީގް

އިނގިރޭސި ޕްރިމިއާ ލީގްގައި މިހާތަނަށް ކުޅުނު އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފް އާސެނަލްގެ އީތަން އެންވަނޭރީ ހޯދައިފިއެވެ.

އާސެނަލަށް ކުޅެމުން އަންނަ އީތަން މިއަދު ވަނީ އާސެނަލް ބްރެންޓްފޯޑާއި ދެކޮޅަށް ކުޅުނު މެޗުގެ އެންމެ ފަހުވަގުތުގައި ކުޅެން ނިކުމެފައެވެ. މެޗަށް ނިކުތްއިރު އީތަންގެ އުމުރަކީ 15 އަހަރާއި 181 ދުވަހެވެ.

މީގެ ކުރިން އިނގިރޭސި ޕްރިމިއާ ލީގްގައި ކުޅުނު އެންމެ ހަގު ކުޅުންތެރިއާގެ ޝަރަފް އޮންނަނީ ލިވަޕޫލަށް ކުޅެމުން އަންނަ ހާވީ އެލިއަޓަށެވެ. އޭނާ އެންމެ ފުރަތަމަ ޕްރިމިއާ ލީގު މެޗަކަށް ނިކުތްއިރު އުމުރަކީ 16 އަހަރާއި 30 ދުވަހެވެ.

އާސެނަލްގެ އީތަން އެންވަނޭރީ އަކީ އެޓީމުގެ ޒުވާން އުމުރުފުރައިގެ އެކި ޓީމުތަކަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. އަދި އީތަން އަކީ މިހާރުވެސް އިނގިރޭސިވިލާތުގެ 16 އަދި 17 އަހަރުން ދަށުގެ ކުޅުންތެރިއެކެވެ.

އީތަން ވަނީ މިދިޔަ އޮގަސްޓްމަހު އިނގިރޭސި 17 އަހަރުން ދަށުގެ ޓީމު ފަރޯ އައިލެންޑާ ދެކޮޅަށް ނިކުތް މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި ލަނޑު ޖަހާފައެވެ.

މެދުތެރެއަށް ކުޅޭ އީތަންއާ ބެހޭގޮތުން އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ އީތަން އަކީ ވަރަށް ހުނަރުވެރި މުސްތަގުބަލު އޮތް ކުޅުންތެރިއެއްކަމަށެވެ.

އީތަން އާސެނަލްގެ ޓީމުގައި ހިމަނާފައިވަނީ އެޓީމުގެ އެކަޑަމީގެ މެނޭޖަރު ޕަ މަޓަސަކަ އަދި ޓެކްނިކަލް ޑައިރެކްޓަރު އެޑޫގެ ލަފާގެ މަތިންނެވެ. އީތަން އަކީ އަދި އެސްޓީ ޖޯން ސީނިއާ ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރެކެވެ.

comment ކޮމެންޓް