ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ލިސްޓުގެ ދެވަނައަށް އިންޑިއާގެ ގޯތަމް އަދާނީ

ދުނިޔޭގެ ދެވަނައަށް އެންމެ މުއްސަނދި މަހުޖަނު ގޯތަމް އަދާނީ

ބްލޫމްބާގް ބިލިއަނަރުންގެ އިންޑެކްސް ދައްކާގޮތުން ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނުންގެ ލިސްޓުގެ ދެވަނައިގަ އޮތް އެމެރިކާގެ ޖެފް ބޭޒޯސް ފަހަތަށް ޖައްސާލުމަށްފަހު އިންޑިއާގެ ގޯތަމް އަދާނީ ދެވަނަ މަޤާމަށް އެރީ އަދާނީގެ މިލްކިއްޔާތު 146.9 ބިލިއަން ޔޫއެސް ޑޮލަރަށް އެރުމުންނެވެ. ބްލޫމްބާގް އިން މިކަން އިޢުލާންކުރީ މިދިޔަ ހުކުރު ދުވަހުއެވެ.

އިންޑިއާގެ އަދާނީ ގްރޫޕްގެ ބާނީ ގޯތަމް އަދާނީ ވަނީ މިދިޔަ ފެބްރުއަރީ މަހު އޭޝިއާގެ އެންމެ މުއްސަނދި މީހާގެ ގޮތުގައި ބްލޫމްބާގުން ފާހަގަކޮށްފައެވެ. ކުރިން އެ މަޤާމުގައި ހުރީ އިންޑިއާގެ ރިލަޔަންސް ކުންފުނީގެ ބާނީ މުކޭޝް އަމްބާނީއެވެ.

މި ލިސްޓުގެ އެއްވަނައިގައި އަދިވެސް އޮތީ އީލޯން މަސްކްގެ ނަމެވެ. އޭނާގެ މިލްކިއްޔާތުގައި 260 ބިލިއަން ޔޫއެސް ޑޮލަރު އެބަހުއްޓެވެ. އަދާނީ ދެވަނަ މަޤާމަށް އެރީ އެންމެ 10 މަސް ދުވަހުގެ ތެރޭގައެވެ. މި އަހަރު ފެށުނު އިރު އަދާނީ ގެ ނަން އޮތީ ލިސްޓުގެ 14 ވަނައިގައެވެ.

އެންމެ މުއްސަނދީންގެ ލިސްޓުގެ ކުރީގައި އީލޯން މަސްކް، އަދާނީ އަދި ޖެފް ބޭޒޯސް

ބްލޫމްބާގްގެ ބިލިއަނަރުންގެ ލިސްޓްގެ އެންމެ ކުރިއަށް އޭޝިއާގެ މަހުޖަނަކު އެރި މިއީ ފުރަތަމަ ފަހަރެވެ. މި ލިސްޓުގެ އެންމެ ކުރި އަބަދުވެސް ހޯދަމުން އައީ ޓެކްނޮލޮޖީ ދާއިރާއަށް އިންވެސްޓްކޮށްފައިވާ ދޮން ނަސްލުގެ ވިޔަފާރިވެރީންނެވެ.

ގޯތަމް އަދާނީގެ އަދާނީ ގްރޫޕަކީ ބޯޓު ދެއްޔާއި ބަނދަރު ތަކުން ބޮޑު އާމްދަނީއެއް ލިބޭ ކުންފުންޏެކެވެ. މީގެ އިތުރުން އަދާނީ ގްރޫޕްގެ ކުންފުނިތަކުން އިންޑިއާގައި ތަފާތު ވިޔަފާރިތައް ކުރަމުން އާދެއެވެ.

comment ކޮމެންޓް