ރައީސްގެ ދެ ކަނބަލުން އިނގިރޭސި ރާނީއަށް، އެންމެފަހުގެ އިޙްތިރާމު އަދާކުރައްވައިފި

ރައީސްގެ ދެ ކަނބަލުން ލަންޑަނުގެ ލަންކަސްޓާ ހައުސްގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި ތައުޒިޔާގެ މެސެޖު ލިޔުއްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު، އިނގިރޭސި ރާނީ އެލިޒަބަތް ދެ ވަނައަށް އެންމެފަހުގެ އިހްތިރާމު އަދާކުރައްވައިފިއެވެ.

ރާނީ އެލިޒަބަތު ދެ ވަނަ އަވަހާރަވީ މިމަހުގެ އަށެއް ވީ ބުރާސްފަތި ދުވަހުއެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 96 އަހަރެވެ.

ރާނީއަށް އެންމެފަހުގެ އިހްތިރާމު އަދާކުރެއްވުމުގެ ކުރިން ރައީސްގެ ދެކަނބަލުން، ރާނީ އަވަހާރަވުމާ ގުޅިގެން ލަންޑަނުގެ ލަންކަސްޓާ ހައުސްގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި ތައުޒިޔާގެ ދެ މެސެޖު ލިޔުއްވާފައެވެ.

މި ދެ މެސެޖުގައި ރައީސްގެ ދެކަނބަލުން ވަނީ އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިނެއް، އަދި ޝާހީ އާއިލާއަށާއި، އިނގިރޭސިވިލާތާއި ކޮމަންވެލްތް ޤައުމުތަކުގެ ރައްޔިތުންނަށް އިޚްލާސްތެރިކަމާއެކު ތައުޒިޔާ ވިދާޅުވެފައެވެ.

ތައުޒިޔާގެ ދަފްތަރުގައި ރައީސް، ލިޔުއްވި މެސެޖުގައި ރާނީ އެލިޒަބަތު ދެވަނަ އަވަހާރަވުމާ ގުޅިގެން މުޅި ދުނިޔެ ހިތާމަ ފާޅުކުރަމުންދާއިރު، އެކަމަނާގެ ޤައުމުގައި، އެކަމަނާގެ އެންމެ ގާތްބޭފުޅުންނާއެކު، އެންމެ ފަހުގެ އިހްތިރާމް އަދާކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވުމަކީ، އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޝަރަފެއްކަމަށް ވިދާޅުވެފައިވެއެވެ. އަދި ރާނީ އެލިޒަބަތު ދެވަނައިގެ ހަނދާންތަކަކީ ހިތްތަކުގައި ބިންވަޅުނެގިފައިވާ އެތައް ޖީލުތަކަށް ދެމި އޮންނާނެ ހަނދާންތަކެއްކަމުގައި ވެސް ފާހަގަކުރައްވާފައިވެއެވެ.

ތަޢުޒިޔާގެ ދަފްތަރުގައި ފަޒްނާ، ލިޔުއްވާފައިވާ މެސެޖުގައި، އިނގިރޭސި ރާނީ އެލިޒަބަތު ދެވަނަ އަވަހާރަވުމަކީ، އެކަމަނާއަށާއި މުޅި ދުނިޔޭގެ އެތައް ބަޔަކަށް ފުން ހިތާމައެއް ގެނުވި ކަމެއްކަން ފާހަގަކުރައްވާފައިވެއެވެ.

މީގެ އިތުރުން އެކަމަނާ ވަނީ މި ދަތުރުފުޅުގައި ވަޑައިގެންނެވުމުގެ ކުރިން، އެކަމަނާގެ މަންމާފުޅުގެ އަރިހަށް ވަޑައިގެންނެވުމުން، އިނގިރޭސި ރާނީގެ ޚިދުމަތްތަކަށް ޝުކުރު އަދާކުރައްވާކަން ފާހަގަކުރައްވަމުން، އެކަމަނާގެ މަންމާފުޅު ދެއްވި މެސެޖު ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ފަޒްނާ، ވަނީ އެކަމަނާގެ އަމިއްލަފުޅު ނަންފުޅު ގައްޔާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެންމެހާ މައިންގެ ފަރާތުން، އިނގިރޭސި ރާނީ، މައެއްގެ ގޮތުގައި، އެކަމަނާގެ ޤައުމަށާއި ރައްޔިތުންނަ ޓަކައި ކޮށްދެއްވި ޚިދުމަތްތަކަށް ތައުރީފު އަދާކުރައްވާފައެވެ.

ރާނީ އެލިޒަބަރު ދެ ވަނައިގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ވެސްޓްމިންސްޓާ އެބީގައި މާދަމާ އިނގިރޭސިވިލާތުގެ ގަޑިން ހެނދުނު 11 ޖަހާއިރުއެވެ.

comment ކޮމެންޓް