ޖަލުގައި ހުއްޓާ މަރުވި މީހާގެ މަރު ތަހުގީގު ކުރަން އިދިކޮޅުން ގޮވާލައިފި

މާފުށި ޖަލު -- ފޮޓޯ/ވީނިއުސް

މާފުށީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ މަރުވި މީހާގެ މަރުގެ ތަހުގީގެއް ކުރުމަށް އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ގޮވާލައިފިއެވެ.

ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި ވަނިކޮށް ބުރާސްފަތި ދުވަހު މަރުވި މ. މުލި ހުދުފިނިފެންމާގޭ މުޙައްމަދު ނަޝީދު، 43،ގެ މަރާ ގުޅިގެން އިދިކޮޅު ކޯލިޝަނުން ވަނީ ބަޔާނެއް ނެރެފައެވެ.

އެ ބަޔާނުގައި ބުނީ، ނަޝީދަށް ނޭވާ ނުލެވިގެން ކުއްލި ގޮތަކަށް މަރުވުމުގެ ކުރިން އޭނާގެ ނޭވާއަށް އުނދަގޫވާކަން ޖަލުގެ އޮފިސަރުންނާ ހިއްސާކުރި ނަމަވެސް އެކަމުގައި ފަރުވާ ކުޑަކޮށް އޭނާއަށް އެކަށިގެންވާ ފަރުވާ ނުދޭ ކަމަށެވެ. އަދި ނަޝީދަށް ތަކުރާރުކޮށް އަނިޔާ ކުރާ ކަމުގެ ޝަކުވާ އޭނާގެ ވަކީލުންނަށް ލިބިފައިވާ ކަމުގެ މައުލޫމާތު އިދިކޮޅު ކޯލިޝަނަށް ލިބިފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.

އެހެންކަމުން އެ މައްސަލައިގެ ތަހުގީގު ހިންގައި މަރުގެ ހަގީގަތް ހާމަކުރުމަށާއި އެކަމުގައި އިހުމާލުވާ ބަޔަކު އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އިދިކޮޅުން ގޮވާލާފައިވެއެވެ. އަދި އެ މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ހިއުމަން ރައިޓްސް ކޮމިޝަނާއި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާ ކަމަށް ވެސް ބަޔާނުގައިވެއެވެ.

ނަޝީދުގެ މަރާ ބެހޭ ގޮތުން ކަރެކްޝަންސްއިން ބުނީ އޭނާ ނޭވާނުލާކަން ޖަލު އޮފިސަރުންނަށް އެންގީ އޭނާއާ އެއް ގޮޅިއެއްގައި އިން މީހެއް ކަމަށެވެ. އެކަން އެންގުމާއެކު ނަޝީދު މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް ސިޕީއާރްދިން ކަމަށް ކަރެކްޝަންސްއިން ބުންޏެވެ.

ސީޕީއާރްއަށް ފަހުވެސް ނަޝީދު ނޭވާ ނުލުމުން، ބުރާސްފަތި ދުވަހުގެ 17:26 ހާއިރު ޑޮކްޓަރު ވަނީ އޭނާ މަރުވި ކަމަށް ކަނޑައަޅާފައި ކަމަށް ކަރެކްޝަންސްއިން ބުންޏެވެ.

ނަޝީދު ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރީ މަސްތުވާތަކެއްޗާ ގުޅުން ހުރި މައްސަލައެއްގައިކަން ކަރެކްޝަންސްއިން ވަނީ ހާމަކޮށްފައެވެ.

comment ކޮމެންޓް