ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިފްކޯގެ މަސްފިހާރައެއް ހުޅުވައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިފްކޯގެ މަސްފިހާރައެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ނާއިލް ހުސައިން

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިފްކޯގެ މަސްފިހާރައެއް ހުޅުވައިފިއެވެ.

ހިޔާ ފްލެޓްތަކުގެ ދެވަނަ ޓަވަރުގެ ގްރައުންޑު ފްލޯގައި ހުންނަ އެ ފިހާރަ ރޭ ހުޅުއްވައިދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުޙައްމަދު ރަޝާދުއާއި، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒެވެ.

މީގެ އިތުރުން، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު އާތިފާއި، މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއީލް ފައުޒީގެ އިތުރުން ވެސް، ސަރުކާރުގެ އެކި ވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތުގައި މިފްކޯގެ އުފެއްދުންތަކުގެ ރަހަބަލާލުމުގެ ފުރުސަތު އާންމުންނަށް ވަނީ ދީފައެވެ. އެގޮތުން އެ ކުންފުނީގެ ހެޑް ޝެފް ނަހީޒް އަބްދުލްޣަފޫރު (ނާބެ) ވަނީ މިފްކޯގެ ކަސްޓަމަރުންގެ އެންމެ ބޮޑު ތަރުހީބު ލިބިފައިވާ އުފެއްދުންތަކާއި އަލަށް ތައާރަފުކޮށްފައިވާ، ތެޔޮ އުކާލަން ނުޖެހޭ "ޑްރެއިންޑް ކަނޑުމަސް ޗަންކްސް" މަސްދަޅު ބޭނުންކޮށްގެން ރަހަމީރު ޑިޝްތަކެއް ތައްޔާރުކުރައްވާފައެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިފްކޯގެ މަސްފިހާރައެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ނާއިލް ހުސައިން

އެ ފިހާރައާ ބެހޭ ގޮތުން ފައުޒީ "ސަން"އަށް ވިދާޅުވީ، ހުޅުމާލޭގެ ދެވަނަ ފިޔަވައްސަކީ ވަރަށް ހަލުވިކަމާއެކު އާބާދީ އިތުރުވަމުންދާ ސަރަހައްދެއް ކަމަށާއި، އެހެންކަމުން، އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް މިފްކޯގެ އުފެއްދުންތައް ފޯރުކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.

"މި ފިހާރައިން ހަމަ މިފްކޯއިން މިހާރު ވެސް ފޯރުކޮށްދެމުން އަންނަ ގިނަ އުފެއްދުންތައް ލިބޭނެ. މީގެ އިތުރުން ވެސް އަޅުގަނޑުމެން މިހާރުވެސް މިދަނީ އިތުރު ޕްރޮޑަކްޓްތައް އުފެއްދުމަށް ދިރާސާތައް ކުރަމުން،" އޭނާ ވިދާޅުވިއެވެ.

ފައުޒީ ވިދާޅުވީ އެ ސަރަހައްދުގެ އާބާދީ އިތުރުވަމުން އަންނަ މިންވަރަށް ބަލައި، މިހާރަށް ވުރެ ޖާގައިގެ ގޮތުން ތަނަވަސް ފިހާރައެއް ގާއިމުކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.

"އަޅުގަނޑުމެންގެ އުފެއްދުންތަކަށް ކަސްޓަމަރުން ވަރަށް އިތުބާރުކުރައްވާ. ފެށުނީއްސުރެ ކޮލިޓީއަށް ބަދަލު ނައިސް، އެންމެ ފެންވަރު ރަނގަޅު ގޮތުގައި ކަސްޓަމަރުންނަށް ފޯރުކޮށްދެމުން އަންނަ އުފެއްދުންތަކެއް މިއީ،" އޭނާ ވިދާޅުވިއެވެ.

ހިޔާ ސަރަހައްދުގައި ހުޅުވި މި ފިހާރައާއެކު، މިފްކޯއިން މާލެ ސަރަހައްދުގައި މިހާރު ހަތަރު މަސްފިހާރައެއް އަންނަނީ ހިންގަމުންނެވެ. އެ ކުންފުނީގެ އެހެން މަސްފިހާރަތަކެކޭ އެއްފަދައިން ދެވަނަ ފިޔަވަހީގެ ފިހާރަ ވެސް ހުޅުވާފައި ހުންނާނީ ހެނދުނު 08:30އިން ރޭގަނޑު 10:00އަށެވެ.

comment ކޮމެންޓް