ދިރާގު ވެބްސައިޓަށް ދިމާވި މައްސަލަ ހައްލުކޮށް އައިފޯނު 14ގެ ޕްރީއޯޑާ އަލުން ނަގަން ފަށައިފި

އައިފޯން 14

ދިރާގު ވެބްސައިޓަށް ދިމާވި މައްސަލަ ހައްލުކޮށް އައިފޯނު 14 ޕްރޯ އާއި ޕްރޯ މެކްސްގެ ޕްރީއޯޑާއަށް އަލުން ހުޅުވާލައިފިއެވެ.

ދިރާގުން މިއަދު ކުރި ޓްވީޓެއްގައި ބުނީ އައިފޯން 14 ޕްރީއޯޑަރަށް ހުޅުވާލުމުން ބާރުބޮޑުވެ، ވެބްސައިޓު ޑައުންވި ކަމަށެވެ. ނަމަވެސް މިހާރު އެ މައްސަލަ ހައްލުކޮށް، އަލުން ޕްރީއޯޑަރަށް ހުޅުވާލާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ދިރާގުން އައިފޯން 14 ޕްރޯގެ އަގުތައް އުޅެނީ 23،000އާއި 30،000އާ ދެމެދުގައެވެ. އަދި އައިފޯން ޕްރޯ މެކްސްގެ އަގުތައް އުޅެނީ 26،000އާއި 33،000އާ ދެމެދުގެ އަގުތަކެއްގައެވެ.

އައިފޯން 14 ސީރީސްގެ ފޯނުތައް އެއް ފަހަރު ޗާޖު ކުރުމުން މުޅި ދުވަހު ޗާޖު ހުންނާނެއެވެ. އަދި އެ ފޯނުތަކަށް ސިގްނަލް ނުލިބުނަސް ސެޓެލައިޓް މެދުވެރިކޮށް އެމަޖެންސީ އެސްއޯއެސް ފޮނުވޭނެ ގޮތް ވަނީ ތައާރަފުކޮށްފައެވެ.

ހަމައެއާއެކު، އެ ފޯންތަކުގެ އިތުރު އާ ފީޗާއެއްގެ ގޮތުގައި ހިމަނާފައި ވަނީ 'އޯލްވޭސް އޮން' ޑިސްޕްލޭއެވެ. އެ ފީޗާގެ ސަބަބުން ފޯން ބޭނުން ނުކުރާ ގަޑީގައި ސްކްރީން އެއްކޮށް އަނދިރިކޮށް ދެއްކުމުގެ ބަދަލުގައި، ގަޑިއާއި ތާރީޚާއި ނޮޓިފިކޭޝަން ފަދަ މުހިންމު މައުލޫމާތު ފެންނަން ހުންނާނެއެވެ.

އެޕަލްއިން ބުނާ ގޮތުގައި 14 ޕްރޯ އާއި ޕްރޯ މެކްސްއަކީ އެ ސީރިސްގައި ޓެކްނޮލިޖީގެ ގޮތުން އެންމެ ކުރިއަރާފައިވާ ފޯނެވެ. އެ ދެ ފޯނުގައި ބޭނުންކޮށްފައި ވަނީ އޭ16 ބަޔޮނިކް ޗިޕެއް ކަމަށާއި އޭގެ ސަބަބުން ފޯނުގެ މަސައްކަތްތައް އެހެން ފޯނުތަކަށް ވުރެ ހަލުވިކޮށްދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން 14 ސީރީސްގެ ފޯނުތަކުގެ ކެމެރާތަކުގެ ފެންވަރު ކުރިއަށް ވުރެ ރަނގަޅުކޮށްފައިވާ ކަމަށާއި އަނދިރި ތަންތަނުގައި ނަގާ ފޮޓޯ މިހާރު މާ ރީތި ވާނެކަން އެޕަލްއިން ފާހަގަކުރިއެވެ.

comment ކޮމެންޓް