މުސްލިމުން ދެބަސް ވާންވާނީ ﷲގެ ވަޖުހުފުޅަށްޓަކާ ހައްގަށް ވާސިލްވުމަށް: ޚުތުބާ

ހުކުރު މިސްކިތުގައި ކުރެވުނު ހުކުރު ނަމާދެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މުސްލިމުން ދެބަސްވާން ވާނީ ﷲގެ ވަޖުހުފުޅަށްޓަކާ ހައްގަށް ވާސިލްވުމަށް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުތުބާގައި ބުނީ މުސްލިމުންނަކީ ޚިޔާލު ފާޅުކުރުމުގެ ރިވެތި އުސޫލުތަކުގައި ހިފައްޓައިގެން މުއާމަލާތުކުރި ބައެއް ކަމަށެވެ. އެހެންކަމުން މުސްލިމުން ޖަދަލުކޮށް ނުވަތަ ދެބަސްވާން ވާނީ ﷲގެ ވަޖުހުފުޅަށްޓަކާ ހައްގަށް ވާސިލްވުމަށް ކަމަށް ޚުތުބާގައި ބުންޏެވެ.

"ރައުޔު ތަފާތުވުމުގެ ސަބަބުން އަހަރެމެންގެ އެކުވެރިކަމުގައި ރެނދުއެޅުނަ ދީގެން ނުވާނެ،" ޚުތުބާގައި ބުންޏެވެ.

އެހެންކަމުން އެކުވެރީންނާ، ގާތްތިމާގެ މީހުންނާއި މުވައްޒަފުންނާ ވާހަކަ ދައްކާއިރު ރިވެތި އަދަބުތަކަށް ތަބާވުމަށް ޚުތުބާގައި ގޮވާލިއެވެ. އަދި ދެ ބަސްވާ ކޮންމެ މީހަކީ ކާފަރަކަށް ހަދައިގެން ނުވާނެކަމަށާއި ދީނީ ކަމެއްގައި ދެބަސްވާ ނަމަ އެ މައްސަލައަކާ ބެހޭގޮތުން ޢިލްމުވެރިންގެ ރައުޔުތަކާއި، ހުއްޖަތުގެ އަލީގައި މެނުވީ ޖަދަލު ކުރިއަށް ނުގެންދިއުމަށް ޚުތުބާގައި ގޮވާލިއެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ ކަމަކާ ދެބަސްވާ ކޮންމެ ފަހަރަކު މީސްމީޑިއާގައި އެ ހުޅު ރޯނުކުރުމަށެވެ. އަދި މަދުންނަމަވެސް މީސްމީޑިއާގައި އެއްބަޔަކު އަނެއްބަޔަކަށް ހަޑި ހުތުރު ބަހުން ރައްދުދީ، ޒުވާބުކޮށް އެމީހުންގެ އަބުރަށް އަރައިގަންނަ މަންޒަރު ފެންނަކަމީ ހިތާމަހުރި ކަމެއްކަމަށެވެ.

comment ކޮމެންޓް