ލަންކާގެ ލޮޓަސް ޓަވަރު އާންމުންނަށް ހުޅުވާލައިފި

ދެކުނު އޭޝިއާގެ އެންމެ އުސް ޓަަވަރު ކަމަށްވާ ލޮޓަސް ޓަވަރު ވަނީ ލަންކާގައި ހުޅުވާފަ -- ފޮޓޯ: އޭއެފްޕީ

ސްރީލަންކާގެ ކޮލަމްބޯގައި ހުންނަ ލޮޓަސް ޓަވަރު އިއްޔެ އާންމުންނަށް ހުޅުވާލައިފިއެވެ.

ދެކުނު އޭޝިއާގެ އެންމެ އުސް ޓަވަރުގެ ގޮތުގައި ސިފަކޮށްފައިވާ އެ ޓަވަރުގެ އުސްމިނުގައި 350 މީޓަރު ހުރެއެވެ.

ލޮޓަސް ޓަވަރު ހުޅުވާލަން ހަމަޖެހިފައި ވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން އެންމެ ފުރަތަމަ ހުޅުވާލަފައި ވަނީ ޓަވަރުގެ އޮބްޒަވޭޝަން ޑެކާއި އެހެން ބައެއް ސަރަހައްދުތަކެވެ.

މީގެ ދެ މަސް ފަހުން، ޓަވަރު ހުޅުވުމުގެ ދެވަނަ ފިޔަވަހީގައި އީ ސްޕޯޓްސް ސެންޓަރުތަކާއި ޑިޖިޓަލް ދާރުލްއާސާރެއް ހުޅުވާލާނެއެވެ. އެއަށް ފަހު، އަންނަ އަހަރުގެ މާޗު މަހުގެ ތެރޭގައި 9ޑީ ސިނަމާއަކާއި ރެސްޓޯރެންޓެއް ހުޅުވަން ވަނީ ހަމަޖެހިފައެވެ.

ލޮޓަސް ޓަވަރު ބަލަހައްޓާ ކޮލަމްބޯ ލޮޓަސް ޓަވާ މެނޭޖްމެންޓް ކުންފުނިން ބުނީ ޓަވަރަށް ވަންނަން ބޭރު މީހުންނަށް ޓިކެޓު ވިއްކާނީ 20 ޑޮލަރަށް (309 ރުފިޔާ) ކަމަށެވެ. ލަންކާ ރައްޔިތުންނަށް ޓިކެޓް ވިއްކާނީ 500 ރުޕީސް (21.47 ރުފިޔާ)އަށާއި 2000 ރުޕީސް (85.88 ރުފިޔާ)އަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އޭގެ ތެރެއިން 2000 ރުޕީސްގެ ޓިކެޓު ގަންނަ މީހުންނަށް ކިޔޫގައި މަޑުނުކޮށް ޓަވަރަށް ވަދެ، އެއް ޓިކެޓް ބޭނުންކޮށްގެން އެކި ފަހަރު މަތިން ޓަވަރުގެ އެންމެ އުހަށް އެރޭނެއެވެ. ނަމަވެސް 500 ރުޕީސްގެ ޓިކެޓު ގަންނަ މީހުންނަށް އެންމެ އުހަށް އެރޭނީ އެންމެ ފަހަރަކުއެވެ.

އެ ކުންފުނިން ބުނީ ޓަވަރު ހުޅުވާފައި ހުންނާނީ ހަފުތާ ދުވަސްތަކުގައި 14:00އިން 22:00އަށް ކަމަށެވެ. އަދި ހަފުތާ ބަންދުގައި 12:00އިން 22:00އަށް ހުޅުވާފައި ހުންނާނެއެވެ.

ލަންކާގެ މީޑިއާތަކުގައިވާ ގޮތުން އެ ޓަވަރު ހެދުމަށް 113 މިލިއަން ޑޮލަރު ޚަރަދުވި ކަމަށް ލަފާކުރެވެއެވެ.

އެގައުމުގެ ރައީސް ރަނިލް ވިކްރަމަސިންހަގެ މީޑިއާ ޑިވިޝަނުން މިދިޔަ މަހުގެ 31ގައި ނެރުނު ބަޔާނެއްގައިވާ ގޮތުން ޓަވަރަށް ހޭދަވި ފައިސާގެ ތެރެއިން 88.65 މިލިއަން ޑޮލަރަކީ ޗައިނާގެ ކުންފުންޏަކުން ދިން ލޯނެކެވެ. އަދި ބާކީ ޚަރަދުތައް ދައްކާފައި ވަނީ ލަންކާ ސަރުކާރުންނެވެ.

އެ ބަޔާނުގައިވާ ގޮތުން ލަންކާއިން ވަނީ ޗައިނާގެ ކުންފުންޏަށް މިހާތަނަށް 66 މިލިއަން ޑޮލަރު އަނބުރާ ދައްކާފައެވެ. އަދި 2024ގައި އެ ލޯނު ދައްކާ ނިމޭނެއެވެ.

މީގެ ކުރިން 2019 ވަނަ އަހަރު އެ ޓަވަރު ހުޅުވުމަށް އޭރުގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ބޮޑު ރަސްމިއްޔާތެއް ބޭއްވެވިއެވެ. ނަމަވެސް އޭރު ޓަވަރުގެ މަސައްކަތް ނުނިމި އޮތުމުން އާންމުންނަށް ހުޅުވާނުލައެވެ.

ސިރިސޭނާ ވަނީ އެ ޓަވަރުގެ މަސައްކަތުގައި ކޮރަޕްޝަނުގެ އަަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތު ކުރައްވާފައެވެ.

ސިރިސޭނާ ވިދާޅުވާ ގޮތުގައި 2012 ވަނަ އަހަރު، ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ސަރުކާރުގައި ލޮޓަސް ޓަވަރު ހެދުމަށް އެއްބަސްވުމުގައި ސޮއި ކުރި އިރު އޭގެ ތެރޭގައި އެއިރޯސްޕޭސް ލޯންގް މާޗް އިންޓަނޭޝަނަލް ޓްރޭޑް (އޭއެލްއައިޓީ) ކިޔާ ކުންފުންޏެއް ހިމެނުނެވެ.

އެ ޕްރޮޖެކްޓު ކުރިއަށް ގެންދިޔުމަށް މަހިންދަގެ ސަރުކާރުން އޭއެލްއައިޓީއަށް ދެ ބިލިއަން ރުޕީސް (11 މިލިއަން ޑޮލަރު) ދިން ނަމަވެސް އެކުންފުނި ފަހުން "ގެއްލިފައިވާ" ކަމަށް ސިރިސޭނާ ވިދާޅުވެއެވެ. އަދި އޭއެލްއައިޓީ ހޯދުމަށް ސަރުކާރުން ތަހުގީގެއް ކުރިއަށްގެންދިޔަ ނަމަވެސް، އެކުންފުންޏާ ބެހޭ މައުލޫމާތެއް ނުލިބުނު ކަމަށް ސިރިސޭނާ ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް