ހިތަދޫ ފިހާރައެއްގައި ހުޅުޖެހި މީހަކު ފުލުހުން ހޯދަނީ

ހިތަދޫ ފިހާރައެއްގައި ހުޅުޖެހި މައްސަލައިގައި ފުލުހުން ހޯދާ މީހާ ފެންނަ ވީޑިއޯގެ ސްކްރީން ޝޮޓެއް --

ސ. ހިތަދޫ ފިހާރައެއްގައި ހުޅުޖެހި މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން ވީޑިއޯ އާއްމުކޮށްފިއެވެ.

ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާ ހޯދަން ބޭނުންވަނީ މިމަހުގެ ފަސް ވަނަ ދުވަހުގެ ވަގުތެއްގައި ހިތަދޫ "ބްލޮސަމް" ފިހާރައިގައި އަލިފާން ރޯށްލާފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ. އަދި އެއީ އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައިނުވާތީ ނުހޯދިފައިވާ މީހެއްކަމަށް ފުލުހުން ބުންޏެވެ.

އެ ވީޑިއޯއިން ފެންނަނީ ބޮލުގެ އިސްތަށުގަނޑާއި މޫނު ނިވާވާ ގޮތަށް ފޮތިގަނޑެއް އަޅައިގެން ހުރި މީހަކު ބްރިކް ގަލެއް ކަހަލަ އެއްޗަކުން ޖަހައި ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލާ މަންޒެވެ. އެއަށް ފަހު އަތުގައި އޮތް ފުޅިއަކުން ފިހާރަ ތެރެއަށް ފެޓްރޯލް ކަމަށް ބެލޭ އެއްޗެއް އުކުމަށްފަހު، އަލިފާން ރޯކޮށްލައެވެ.

ފުލުހުން ވަނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9791612 އަށް ގުޅައިގެން އެ މައުލޫމާތެއް ހިއްސާކުރުމަށް އެދިފައެވެ.

comment ކޮމެންޓް