ރޮޖާ ފެޑެރާ ޓެނިސްކުޅުން ހުއްޓާލާނޭކަން ހާމަކޮށްފި

ރޮޖާ ފެޑެރާ ވިމްބަލްޑަން ޓެނިސްމުބާރާތުގައި-- ފޮޓޯ/ ވިމްބަލްޑަން

ދުނިޔެދުށް އެންމެ ވަރުގަދަ ކުޅިވަރު ސަހްސިއްޔަތް، ސްވިޒަރލެންޑްގެ ރޮޖާ ފެޑެރާ ޓެނިސް ކުޅުން ހުއްޓާލާނޭކަން ހާމަކޮށްފިއެވެ.

ޓެނިހުގެ ކެރިއަރު ނިންމާލާނޭކަން ހާމަކުރުމުގެ ގޮތުން މީސް މީޑިއާގައި ހިއްސާކުރި މެސެޖެއްގައި ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާގެ މަގާމު އެތައް އަހަރަކު ހޯދާފައިވާ ރޮޖާ ފެޑެރާ ބުނީ، މި މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޭވާ ކަޕް ޓެނިސް މުބާރާތަށްފަހު ޓެނިސް ކުޅުން ހުއްޓާލުމަށް ނިންމާފައިވާކަމަށެވެ.

ފެޑެރާ ބުނީ ޓެނިސްކުޅުން ހުއްޓާލުމަށް ނިންމި މައިގަނޑު ސަބަބަކީ އަނިޔާގެ މައްސަލަތައްކަމަށެވެ.

"އެންމެނަށް އެނގޭނެ. ނިމިގެންދިޔަ ތިން އަހަރަކީ ވަރަށް ގިނަ ގޮތްގޮތުން އަހަރެންގެ ޓެނިހުގެ ކެރިއަރުގައި ކުރިއަށްދިއުމަށް ހުރަސްތައް ކުރިމަތިވި އަހަރުތަކެއް. އަނިޔާގެ ސަބަބުން އެތައް އޮޕަރޭޝަންތަކެއް ކުރަންޖެހުނު. މި ކަންތައްތަކައި ހުރެ އަސްލު ފޯމު ގެއްލުނު. އަހަރެން ވަރަށް މަސައްކަތްކުރިން. މި ހަށިގަނޑަށްވެސް ކެތްކުރެވޭނީ ވަކިވަރަކަށްތާ،" ރޮޖާ ފެޑެރާ ބުންޏެވެ.

މިހާރު އުމުރުން 41 އަހަރުގެ ފެޑެރާ ބުނީ، ޓެނިސް ކުޅޭތާ 24 އަހަރު ވެގެންދިޔައިރު، 1500 އަށްވުރެ ގިނަ މެޗު ކުޅެފައިވާކަމަށެވެ. މިއީ ކުރިން އުއްމީދު ކުރިވަރަށްވުރެ ބޮޑު ކުރިއެރުމެއްކަމަށް ފެޑެރާ ވަނީ ފާހަގަކޮށްފައެވެ.

ރޮޖާ ފެޑެރާއަށް ކުރިމަތިވި އަނިޔާގެ މައްސަލަތަކަށް ބަލާއިރު އޭނާގެ އެންމެ ބޮޑު ބަލިފައެއްގެ ގޮތުގައި ފާހަގަކުރެވެނީ ދެ ފައިގެ ކަކުލަށް ލިބިފައިވާ އަނިޔާއެވެ. ކަކުލު ހުޅަށް ލިބިފައިވާ އަނިޔާއިން އަރައިގަތުމަށް ފެޑެރާ ވަނީ ބައެއް ފަހަރު އަހަރެއްހާ ދުވަސް ދަނޑަށް ނުނިކުމެ ފަރުވާ ހޯދައިފައެވެ.

ރޮޖާ ފެޑެރާގެ ޓެނިސް ކެރިއަރަށް ބަލާއިރު އޭނާ ވަނީ ޓެނިހުގެ އެންމެ ޝަރަފްވެރި މުބާރާތް، ގްރޭންޑް ސްލޭމްގެ ޗެމްޕިއަންކަން 20 ފަހަރު ހޯދާފައެވެ. ރޮޖާ ފެޑެރާއަކީ ކުޅިވަރު ކުޅޭ ކުޅުންތެރިންނަށް ބަލާއިރު، ދަނޑާއި ދަނޑުން ބޭރުގައިވެސް ގިނަ ބަޔަކު އިހުތިރާމް ކުރާ ކުޅުންތެރިއެކެވެ. އަދި ކުޅިވަރު އެތްލީޓުންގެ ތެރެއިން އެންމެ ނުފޫޒުގަދަ އެއް އެތްލީޓެވެ. މީގެ އެއް ހެއްކަކީ ވިޔަފާރި ކުންފުނިތަކުން އޭނާއަށް ދެމުންދާ އަގުބޮޑެތި ސްޕޮންސާޝިޕްތަކެވެ.

ރޮޖާ ފެޑެރާގެ ޓެނިސް ކެރިއަރުގައި ކުޅޭ އެންމެފަހު މުބާރާތްކަމަށްވާ ލޭވާ ކަޕް ފެށުމަށް ތާވަލްކޮށްފައިވަނީ މި މަހުގެ 23 ވާ ހުކުރުދުވަހުއެވެ. މި މުބާރާތުގައި ރޮޖާ ފެޑެރާގެ އިތުރުން އެންޑީ މަރޭ، ނޯވަކް ޖޯކޮވިޗް، ރަފައެލް ނަޑާލްވެސް ވާދަކުރާނެއެވެ.

comment ކޮމެންޓް