ލޯނަށް ފައިސާ ދައްކާނެ ލުއިގޮތްތަކެއް ހޯދުމަށް ސްރީލަންކާއިން ޖަޕާން، ޗައިނާ، އިންޑިއާ އަދި ވޯލްޑް ބޭންކާ ވާހަކަ ދައްކަނީ

ސްރީލަންކާގެ ރައީސް

ކޮލަންބޯ (15 ސެޕްޓެމްބަރު 2022): ސްރީލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ ކާރިސާއިން އަރައިގަތުމަށް ބޭނުންވާ ފައިސާގެ ތެރެއިން 2.4 ބިލިއަން ޑޮލަރުގެ ލޯން ދިނުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ނިންމި ނިންމުމާ ގުޅިގެން ސްރީލަންކާގެ ބޭރުގެ ލޯންތައް ޚަލާސްކުރާނެ ގޮތަކާބެހޭގޮތުން ލޯން ދީފައިވާ ފަރާތްތަކާ އެގައުމުން ވާހަކަދައްކަން ފަށައިފިއެވެ.

ސްރީލަންކާގެ ކެބިނެޓްގެ ތަރުޖަމާނު ރަމޭޝް ޕަތިރާނާ ވިދާޅުވިގޮތުގައި ނަގާފައިވާ ލޯންތައް އަލުން ދައްކާނެ ގޮތްތަކާބެހޭގޮތުން ވާހަކަދައްކަނީ ޖަޕާނާއި ޗައިނާ، އިންޑިއާ އަދި ވޯލްޑް ބޭންކާއެވެ. ސްރީލަންކާއިން ނަގާފައިވާ ލޯންތަކުގެ އަދަދު 51 ބިލިޔަން ޑޮލަރަށް އަރާއިރު އެންމެ ގިނަ ލޯންތައް ދީފައިވަނީ މިހަތަރު ފަރާތުންނެވެ. އެއީ ޖަޕާނާއި ޗައިނާ، އިންޑިޔާ އަދި ވޯލްޑް ބޭންކްއެވެ.

ވާހަކަދައްކަމުން ގެންދަނީ ލޯންތައް ދެއްކުމުގެ ކަންތައް ފަސްކޮށްލުން ނުވަތަ ރީސްޓްރަކްޗާ ކުރުމާބެހޭގޮތުންނެވެ. މިކަމުގައި މިހަތަރުފަރާތާއެކު ސްރީލަންކާ ސަރުކާރުގެ ފަރާތުން ވާހަކަ ދައްކަނީ ބައިނަލްއަގްވާމީ ފެންވަރުގައި މާލީ ލަފާދޭ ކުންފުންޏެއްކަމަށްވާ ލަޒާޑްއިންނެވެ.

ސްރީލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ ކާރިސާއިން އަރައިގަތުމަށް މަދުވެގެން 4.5 ބިލިޔަން ޑޮލަރު ބޭނުންވާކަމަށް އެގައުމުގެ ސަރުކާރުން ބުނެފައިވެއެވެ. ލޯން ހޯދުމަށް އައިއެމްއެފް އާ ކުރި ދިގުލީ މަޝްވަރާތަކަށްފަހު އެފަންޑުން ނިންމީ ސްރީލަންކާއަށް 2.4 ބިލިއަން ޑޮލަރުގެ ލޯނެއް ދޭގޮތަށެވެ. ނަމަވެސް މި ލޯން ލިބެންއަންނަނީ ސްރީލަންކާއިން ލޯނުތައް ނަގާފައިވާ ފަރާތްތަކަށް ލޯންތައް ދެއްކޭނެ ލުއިގޮތްތަކެއް ހޯދައިގެންނެވެ.

ލުއިގޮތްތަކަކީ ލޯންދެއްކުން ވަކި މުއްދަތަކަށް މަޑުޖައްސާލުން ނުވަތަ ރީސްޓްރަކްޗާ ކުރުންފަދަ ކަންކަމަށް ލޯން ނަގާފައިވާ މައިގަނޑު ފަރާތްތަކާއެކު އެއްބަސްވުމަކަށް އާދެވުމެވެ. ޖަޕާނާއި ޗައިނާ، އިންޑިއާ އަދި ވޯލްޑް ބޭންކާއެކު ސްރީލަންކާ ސަރުކާރުން މިހާރު ކުރަމުން ގެންދަނީ މިމަސައްކަތެވެ.

ސްރީލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ ކާރިސާގެ ސަބަބުން އިގްތިސާދީ ގޮތުންނާއި މާލީގޮތުން އެގައުމުވަނީ އިނދަޖެހިފައެވެ. އާއްމު ރައްޔިތުންގެ ދިރިއުޅުމުގެ އަސާސީ ބޭނުންތައް ފުއްދައި ދިނުމުގައި ސްރީލަންކާ ސަރުކާރު ވަނީ ނުކުޅެދިފައެވެ.

ސްރީލަންކާގެ ބޭރުގެ ދަރަނީގެ މިންވަރަކީ 51 ބިލިޔަން ޑޮލަރެވެ. މިލޯންތަކަށް ދައްކަންޖެހޭ ރިޕޭމަންޓް ފައިސާ ދެއްކުމަށް ސްރީލަންކާގެ މާލިއްޔަތު ނުކުޅެދިފައިވަނީ މިއަހަރުގެ ކުރީކޮޅުގައެވެ.

މި ލޯނުތަކަށް ދައްކަންޖެހޭ ރީޕޭމަންޓް ފައިސާ ދެއްކުމުގެ ކަންތަކަށް ލުއިގޮތެއް ހަމަނުޖެހިއްޖެނަމަ 2027 ވަނަ އަހަރާ ހަމައަށް 28 ބިލިޔަން ޑޮލަރު އެފަރާތްތަކަށް ދައްކަންޖެހޭނެއެވެ. މިހާލަތުގައި އައިއެމްއެފް ގެ ލޯނު ސްރީލަންކާއަކަށް ނުލިބޭނެއެވެ.

އައިއެމްއެފްގެ ލޯނު ނުލިބި އިގްތިސާދީ ކާރިސާއިން އަރައިގަނެވޭނެ އެއްވެސް ގޮތެއް ސްރީލަންކާއަށް މިވަގުތު ނެތްކަމަށްވެއެވެ.

comment ކޮމެންޓް