ރައީސް ނޫސްވެރިންނަށް: ހައްގު ނިމެނީ އަނިޔާއިން ނަމަ އެއީ މިނިވަންކަމެއް ނޫން

"މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް" ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވާހަކަފުޅުދައްކަވަނީ--- ފޮޓޯ/ ރައީސް އޮފީސް

ތިމާގެ ބާރުހުރި އަތް، ހޫރާލުމުގެ ހައްގު ނިމެނީ، ކައިރީގައި ހުންނަ މީހާގެ ކަންކަށްޓަށް ލިބޭ އަނިޔާއިން ކަމަށްވާނަމަ، އެ މިނިވަންކަން އެ ބޭނުންކުރެވެނީ، ރަނގަޅަކަށް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރޭ ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި "މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް" ހަފްލާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ދުނިޔެއަށް ރާއްޖެ ހުޅުވި، އިންތިޒާމް ވެފައިވާ ބައިނަލްއަގްވާމީ ގުޅުންތައް ދުނިޔެއާއި ރާއްޖެއާ ދެމެދު ހިނގާން ފެށީ ވަރަށްފަހުން ކަމަށެވެ.

ފަހުން އަންނާން ފެށި ބަދަލާއެކު ފާހަގަވި އުނިކަމަކީ، ކުރިންވެސް އަދި ފަހުންވެސް އޮތް އުނިކަމެއް ކަން ފާގަހަކުރައްވާ ރައީސް ވިދާޅުވީ އެއީ ބްރޯޑްކާސްޓިންގެ މުހިއްމު އެއް ދާއިރާ ކަމުގައިވާ ނޫސްވެރިކަމުގެ މިނިވަންކަން ކަމަށެވެ.

"ދިވެހިންގެ ޚިޔާލާއި، ފިކުރާއި، ޝުޢޫރު އަބަދުވެސް ހިނގި. އެހެންނަމަވެސް، އެކަން ހިނގީ، އެއްކޮޅަށް ދުއްވާ މަގެއްގެ ގޮތުގައި. ކުރެހުންތެރިއެއް، ޅެންވެރިއެއް، ނުވަތަ ލިއުންތެރިޔަކު ވިޔަސް، ދުއްވަންޏާ ދުއްވަންޖެހެނީ އެއްކޮޅަށް. އެއީ މި ދެންނެވި މަގުގައި ތީރުޖަހައި ދައްކާފައި އޮންނަ ކޮޅު." އެމަނިކުފާނު ވިދާޅުވިއެވެ.

"މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް" ހަފްލާގެ ތެރެއިން-- ފޮޓޯ/ ރައީސް އޮފީސް

ރައީސް ވިދާޅުވީ ބަދަލުގެ ރޯޅި އެއްދިމާއަކަށް ފަހިވީ ވީބަޔަކު ވަރަށް ބޮޑު ގުރުބާނީއެއް ވެގެން ކަމަށެވެ. އެ ރޯޅި އަރާ ފައިބައިގެން ދިޔައިރު، ވަރަށް ގިނަ ކަންކަން އޮތީ ބަދަލުވެފައިވާ ކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމާއި، ޑިމޮކްރަސީއާއި، އެއްވެ އުޅުމާއި، ނޫސްވެރިކަމުގެ މިނިވަންކަން ލިބިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮންމެ ގައުމެއް ނަމަވެސް އަލަށް ގެނެވޭ އާ ނިޒާމަށް ހޭނުމުގައި ހުރިހާ އެންމެންނަށް އޮންނަ އާކަން ނޫސްވެރިންނަށް ވެސް އޮންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ސިޔާސީ ޕާޓީތަކާއި، ސަރުކާރު އުފެދުމާއި ނިމުމާ، މިނިވަން މުއައްސަސާތަކުން ވެސް އެކަން ފާހަގަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިވަގުތުގެ މަންޒަރު އެންމެ އެއްގޮތްވާނީ، ރޯލު އަވަސްވެފައިވާ، 1940ގެ ކަޅާއި ހުދުގެ ވީޑިއޯ ފިލްމަކާ. 2008ގެ ފަހުން، ނޫސްވެރިކަމުގެ މިނިވަންކަން ލިބުމަށްފަހު، ކުރިމަތިވި ކަންތައްތަކުން އެކަނިވެސް، މި މަންޒަރު ފެނޭ. ރާއްޖޭގެ އެންމެ ބޮޑު ޕްރައިވެޓް ޓީ.ވީ. ޗެނަލްގެ އިމާރާތް، އަންދާ އަޅިއަށް ހަދާލި. އެތައް ނޫސްވެރިންނަކަށް، ނުރައްކާތެރި ހާލަތްތަކާ ކުރިމަތިވި." ރައީސް ވިދާޅުވިއެވެ.

އެމަނިކުފާން ވިދާޅުވީ ބަސް ބުނުމުގެ ހައްގަކީ، އިންސާނީ ހައްގުތަކުގެ މުހިއްމު ތަނބެއް ކަމަށެވެ. އަދި ދުނިޔެއަށް ހެޔޮ ބަދަލެއް ގެނައުމަށް، ބަސް ބުނުމުގެ މިނިވަންކަން އޮންނަންޖެހޭއިރު އެކަމުގައި ވަކި މިންގަނޑެއް، އޮންނަން ޖެހޭތޯ ރައީސް ވަނީ ސުވާލު އުފައްދަވާފައެވެ.

"މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް" ހަފްލާގެ ތެރެއިން--- ފޮޓޯ/ ރައީސް އޮފީސް

ރައީސް ވިދާޅުވީ ކަމަކާ ގުޅިގެން ތިމާއަށް ފެންނަ ގޮތާއި، ދެކޭގޮތް ހާމަކުރުމަކީ، އޮންނަންޖެހޭނެ މިނިވަންކަމެއް ކަމަށެވެ. ނަމަވެސް ފާޅުކުރެވޭ ޚިޔާލުވާންވާނީ، އަނެކާއަށް އިހުތިރާމް ކުރެވޭ ޚިޔާލަކަށް ކަމަށް ރައީސް ވިދާޅުވިއެވެ.

"އެކެއްގެ މިނިވަންކަން ފެށޭ ހިސާބަކީ، އަނެކާގެ މިނިވަންކަން ނިމޭ ހިސާބަށް ވެގެންނުވާނެ. ޚިޔާލެއް ފާޅުކުރުމުގެ ކުރިން، ނުވަތަ ބަހެއް ބުނުމުގެ ކުރިން، އެކަމަކުން ނުކުންނާނެ ނަތީޖާއަކީ ކޮބައިތޯ ވިސްނާލަންޖެހޭނެ." ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެ ނަތީޖާއާއި މެދު ވިސްނަން ޖެހެނީ އެއީ ތިމާއަށް ފެންނަގޮތް ހާމަކުރުމަކީ، ގޯސް ކަމަކަށް ވެގެންނެއް ނޫން ކަމަށެވެ.

ނަމަވެސް ބުނެވޭ ބަހެއްގެ ސަބަބުން ނުވަތަ ލިޔެވޭ ލިޔުމެއްގެ ސަބަބުން، ނުކުންނަ ނަތީޖާއަކީ ރަނގަޅު ނުވަތަ ގޯސް ނަތީޖާއެއްތޯ ބަލައިލުމަކީ ޒިންމާދާރު ނޫސްވެރިން ކުރަންޖެހޭނެ ކަމެއް ކަން ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ ކޮންމެ ކަމަކަށް ޤާނޫނެއް ބޭނުން ނުވާ ކަމަށާއި އެއީ ނޫސްވެރިކަމުގެ އެތިކްސް ކަމަށެވެ.

"ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މަތިވާ ދުވަހަކީ، މާބޮޑު އުފަލެއް ލިބޭ ދުވަހަކަށް ހަދައިގެން ނުވާނެ. އަވަށްޓެރި ގައުމަކަށް ކުރިމަތިވި ހިތާމަވެރި ހާލަތެއް، ތިމާގެ ގައުމަށް ކުރިމަތިނުވެގެން، ލޮލުފިޔަ ނުޖެހިފައި ތިބެގެން ނުވާނެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރާ ޚިޔާލު ތަފާތުވެވިދާނެ ކަމަށެވެ. އަދި އެމަނިކުފާނާމެދު ނުރުހި، އިދިކޮޅުވީ ނަމަވެސް، އެއްވެސް މީހަކަށް ގައުމަކާ ދެކޮޅު ނުވެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ނެތް ކަމެއް އޮތް ކަމަކަށް، އަދި އޮތް ކަމެއް ނެތް ކަމަކަށް، ހަދައިގެންވެސް ނުވާނެ." ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިހް ވިދާޅުވީ ރާއްޖޭގެ ނޫސްވެރިކަން އަންނަން އޮތް ޖީލަށް އަމާނާތްތެރިކަމާއެކު ރައްދު ކުރެވެންޖެހޭނެ ކަމަށެވެ. އަދި ރާއްޖޭގެ ގިނަ ނޫސްވެރިން، އެކަމަށް ގަދައަޅައި ކުރައްވާ މަސައްކަތް އެމަނިކުފާނު ފާހަގަކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

އެމަނިކުފާން ވިދާޅުވީ ބްރޯޑްކާސްޓިން ކޮމިޝަނާއި، މީޑިއާ ކައުންސިލް މިނިވަންކަމާއެކު ހަރަކާތްތެރިވާނެ ފުރުސަތު މިއަދު އޮތްއިރު ނޫސްވެރިކަމުގެ މައްޗަށް ސަރުކާރުން އަތްގަދަކުރާނެ ޖާގައެއް މިއަދަކު ނެތް ކަމަށެވެ.

މާލީ ދަތިކަން ހުރި ނަމަވެސް ކުރަންޖެހޭ ކަންކަން އަދިވެސް ގިނަ ކަމަށް ރައީސް ވިދާޅުވިއެވެ.

"ޗެނަލް ހިންގާ ނިޔަތާ އެއްވަރަށް، ކޮންޓެންޓްގެ ކަޅުކަން ބޮޑުވުމުން، އެ މަންޒަރާއި އަޑު، ޢާއިލީ ސިޓިން ރޫމްތަކަކަށް ނުފެތޭ. އެއްވެސް ހާލެއްގައި ފިޔަވަޅު އަޅާ ތަހުގީގު ކުރަންޖެހޭ ކަމަކަށް ނުދަންނަވަން. ބޭނުންވާ ތަމްރީނާއި، އެހެނިހެން ފުރުސަތުގެ ޒަރީއާއިން ވެސް، އިސްލާހުވާންޖެހޭ ކަމެއް، އިސްލާހު ކުރެވެންޖެހޭ. ވަކިބަޔަކަށްޓަކައެއް ނޫން. މި ގައުމަށްޓަކައި." އެމަނިކުފާނު ވިދާޅުވިއެވެ.

"މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް" ހަފްލާގެ ތެރެއިން--- ފޮޓޯ/ ރައީސް އޮފީސް

ރައީސް ވިދާޅުވީ ބޭނުންވާ ހުނަރާއި، ގާބިލްކަމާއި، ތަމްރީނު، ރާއްޖޭގެ ނޫސްވެރިންނަށް ލިއްބައިދިނުމަށް އިހުނަށްވުރެ އިތުރަށް މަސައްކަތް ކުރަންޖެހޭ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި އެކަމުގައި ސަރުކާރާއި ބްރޯޑްކާސްޓިންގ ކޮމިޝަނާއި، މީޑިއާ ކައުންސިލްގެ ދައުރު މުހިއްމު ކަމަށް ރައީސް ވިދާޅުވިއެވެ.

ނޫސްވެރިކަމަށް ކުރިމަތިވާ ގާނޫނީ ހުރަހެއްގެ ގޮތުގައި، ކުރިން އޮތް ގާނޫނު މިހާރަކު ނެތް ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެމަނިކުފާނު މި ސަރުކާރާ ހަވާލުވެ، އަބުރު ރައްކާތެރިކުރުމުގެ ނަމުގައި އޮތް، އެ ގާނޫނު އުވާލެއްވި ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މިދިޔަ ޖުލައި މަހު ތަސްދީގުކުރި، ހެތްކާބެހޭ ގާނޫނުގެ 136 ވަނަ މާއްދާގެ (ށ)އަށް، ގެނެވުނު އިސްލާހާމެދު މީޑިއާގެ ކަންބޮޑުވުމެއް އެބައޮތް ކަން ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން މީޑިއާގެ ބޭފުޅުންނާ ބައްދަލުކޮށް، މަޝްވަރާ ކުރައްވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

"މިކަމުގައި ޙައްލެއް ހޯދުމަށް، އެ ޤާނޫނު އަލުން އިޞްލާޙު ކުރުމަށް، އަޅުގަނޑު މިހުރީ ނިންމައިގެން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޚިޔާލު ފާޅުކުރުމާއި މައުލޫމާތު ފެތުރުމަށްވުރެ ނޫސްވެރިކަމާއި ބްރޯޑްކާސްޓް ކުރުމުގެ ޒިންމާ މާ ބޮޑު ކަމަށެވެ. އެއީ ގައުމީ މަސްލަހަތު ހިމާޔަތްކުރުން ކަމަށާއި ގައުމީ މަސްލަހަތާ ގުޅިފައިވާ ކަންކަމަށް، ރައްޔިތުންގެ ޚިޔާލާއި ވިސްނުން، ސީދާކޮށްދިނުން ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގެ ތާރީޚުން ވެސް ސާބިތުކޮށް ދެނީ އެ ހަގީގަތް ކަމަށެވެ.

comment ކޮމެންޓް