އަދަބީ ތިން މުބާރާތެއްގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

މަޒުމޫން ލިޔުމުގެ މުބާރާތެއްގައި ކުދިންތަކެއް މަޒުމޫން ލިޔަނީ --- ސަން ފައިލް ފޮޓޯ

ދިވެހި ބަހުގެ އެކެޑަމީން ބާއްވާ އަދަބީ ތިން މުބާރާތެއްގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ބައިވެރިވުމަށް މުއްދަތު އިތުރުކޮށްފައި ވަނީ އަލްއުސްތާޛް މުޙައްމަދު ޖަމީލް ދީދީގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ މަޒުމޫން ލިޔުމުގެ 37ވަނަ ގައުމީ މުބާރާތާއި އައްޝައިޚު މަލިމް މޫސާ މާފަތްކަލޭގެފާނުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 34ވަނަ ގައުމީ މުބާރާތާގެ އިތުރުން ހުތްއަލިދީދީގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ޅެން ހެދުމުގެ 25ވަަނަ ގައުމީ މުބާރާތަށެވެ.

އެ މުބާރާތްތަކުގައި ބައިވެރިވުމަށް އެންމެ ފުރަތަމަ ފުރުސަތު ހުޅުވާލީ މި މަހުގެ އެއްވަނަ ދުވަހުއެވެ.

އެ މުބާރާތްތަކުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރި ކަމަށް އެކެޑަމީން އިއުލާން ކުރީ މި މަހުގެ ހަތްވަނަ ދުވަހުއެވެ.

ދިވެހި ބަހުގެ އެކެޑަމީން މިއަދު "ސަން"އަށް ބުނީ މުބާރާތްތަކުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރީ ސުކޫލުތަކުގެ އެދުމުގެ މަތިން ކަމަށެވެ.

އެކެޑަމީން ބުނީ ކުރީގެ އިއުލާނާ ގުޅިގެން އެކި ސުކޫލުތަކުން ވަނީ ބައެއް ކަހަލަ ޚިޔާލުތައް މުބާރާތްތަކާ ބެހޭ ގޮތުން އެ އިދާރާއަށް ދީފައި ކަމަށެވެ. އެގޮތުން މި އަހަރުގެ ދިރާސީ އާ އަހަރު ފެށި ފަހުން އަދި އެހާ ގިނަ ދުވަސް ނުވާއިރު، މުބާރާތުގައި ބައިވެރިވުމަށް ދީފައިވާ މުއްދަތު ކުޑަ ކަމަށް ސުކޫލުތަކުން ފާހަގަކޮށްފައިވާ ކަމަށް އެކެޑަމީން ބުންޏެވެ.

އެ މުބާރާތްތަކުގައި ބައިވެރިވުމަށް އެކެޑަމީން މުއްދަތު އިތުރުކޮށް ނެރުނު އެންމެ ފަހުގެ އިއުލާނުގައިވާ ގޮތުން މިހާރު އެ މުބާރާތްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ގޫގުލް ފޯމު ފުރިހަމަ ކުރުމަށްފަހު ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ 13:00އެވެ.

އެކެޑަމީން ބުނީ އެހެން ފަހަރުތަކާ ޚިލާފަށް މި ފަހަރު މުބާރާތުގެ ބައިވެރިންގެ މަސައްކަތްތަައް ކުރާނީ އެ އިދާރާއިން ކަނޑައަޅާ ވަކި މަރުކަޒަކަށް ހާޒިރުވެގެން ކަމަށެވެ.

ހަމައެއާއެކު މުބާރާތް ބާއްވާ މަރުކަޒަކީ ބައިވެރިން ދިރިއުޅޭ ތަނާ ދުރު ނޫން ސަރަހަައްދެއްގައި ގާއިމުކުރެވޭ މަރުކަޒަކަށް ހަދާނެ ކަމަށް ވެސް އެކެޑަމީން ބުންޏެވެ.

އެ މުބާރާތްތައް ބާއްވަން މިހާރު ހަމަޖެހިފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހާއި ދެވަނަ ދުވަހުއެވެ.

އެކެޑަމީން ބުނީ މި މަހުގެ 28ގެ ކުރިން މުބާރާތް އޮންނަ ތަނާއި ވަގުތާއި މުބާރާތުގައި ބައިވެރިވާ ސުކޫލުތައް އަންގާނެ ކަމަށެވެ.

އެ މުބާރާތުގެ ގަވައިދާއި ބައިވެރިވާން އެދޭ ފޯމާއި މުބާރާތާ ގުޅުންހުރި އިތުރު ލިޔެކިޔުންތައް ދިވެހިބަހުގެ އެކެޑަމީގެ ވެބްސައިޓުން މިހާރު ލިބެން ހުންނާނެއެވެ.

comment ކޮމެންޓް