ގޯރީ ޚާންގެ 'ޑްރީމް ހޯމް' މާދަމާ ނެރެނީ

ގޯރީ ހާން ވަނީ މީގެ ކުރިންވެސް އެކި ސެލެބްރިޓީންގެ ގެތައް ރީތިކޮށްދީފައި

ޝާހުރުކް ޚާންގެ އަންހެނުން އަދި އިންޓީރިއާ ޑިޒައިނާ ގޯރީ ޚާންގެ މުޅިން އާ ޝޯ އެއްގެ ޓްރެއިލާ ދައްކާލައިފިއެވެ.

މި ޝޯގެ ޕްރޮމޯޝަނަލް ވީޑިއޯއެއް 'ޑްރީމް ހޯމްސް ވިތު ގޯރީ ޚާން' ޖަހައި އިންސްޓަގްރާމުގައި ހިއްސާކޮށްފައި ވަނީ ޝާހުއެވެ. ވީޑިއޯގައި ފެންނަނީ ސެލެބްރިޓީންގެ ގެތައް ރީތިކޮށް ޒީނަތްތެރިކުރުމުގައި ގޯރީ މަސައްކަތް ކުރާ މަންޒަރެވެ.

މިރްޗީ ޕްލަސް އެޕާއި ޔޫޓިއުބް އިން ގެނެސްދޭ މި ޝޯގެ ޓީޒާ ވީީޑިއޯގައި ގޯރީ ބުނާ ގޮތުން، އިންޓީރިއާ ޑިޒައިނާ އަކަށް ވުމަކީ ވަޒީފާ އެއް ނޫން ކަމަށާއި އެއީ ލައިފްސްޓައިލް އެކެވެ. ކެޓްރީނާ ކައިފް އާއި، މަލައިކާ އަރޯރާ ޚާން އާއި ފަރާހް ޚާން އަދި މަނީޝް މަލޯތުރާ ފަދަބޮލީވުޑްގެ މަގުބޫލުތަރިންގެ ގެތައް ރީތިކުރާ މަންޒަރު މި ޝޯއިން ފެންނާނެއެވެ.

ޕްރޮމޯޝަނަލް ވީޑިއޯގައި މި ތަރިން ގޯރީގެ ކައިރިން ޑިމާންޑް ކުރާ ކަންކަންވެސް ދައްކުވައިދެއެވެ. އެގޮތުން، މަލައިކާ ބޭނުންވަނީ ގޭގައި ހުރި ބޭކާރު ހުރިހާ އެއްޗެއް އުކާލާ 'މޭކް އޯވާ' އެއް ދީ އޭނާގެ ދަރިފުޅަށް ސަޕްރައިޒް އެއް ދޭށެވެ. ފަރާހް ޚާން ބޭނުންވީ މުޅި ގެއިންވެސް އޭނާގެ ސަރަހައްދު ތަފާތުކޮށްލާށެވެ. ސެލެބްރިޓީންގެ ބޮޑެތި ގެތަކަށް ބަދަލު ގެނައުމަށްފަހު އެމީހުންނަށް ދައްކާލާ މަންޒަރުވެސް ވީޑިއޯ ކްލިޕްގައި ފެނެއެވެ.

މި ވީޑިއޯ ކްލިޕް ޝެއާ ކުރުމާއެކު ޝާހުއަށް ފޭނުން ކުރާ ސަޕޯޓު ވީ އިތުރެވެ. ގޯރީ އަކީ ނަސީބު ގަދަ މީހެއް ކަމަށާއި ހުރިހާ ކަމެއްގައިވެސް ސަޕޯޓުކުރަންވާނީ މިގޮތަށް ކަމަށް ބުނެ އެކި ކޮމެންޓުކޮށްފައިވެއެވެ.

"ޝާހު އަކީ ބެސްޓު ހަސްބެންޑް. ޝާހުގެ އަންހެނުން ކުރާ ކޮންމެ ކަމެއްގައި އެންމެ ހިތްވަރު ދޭން ހުންނާނީ އަބަދުވެސް ޝާހު. ފޭން އަކަށްވީތީ އުފާވަން،" ފޭނެއް ކޮށްފައިވާ ކޮމެންޓެއްގައިވެއެވެ.

ގިނަ ދުވަސްތަކެއް ވަންދެން އެކުގައި އުޅުމަށްފަހު ޝާހު އާއި ގޯރީ ކައިވެނި ކުރީ 1991ގައެވެ. ދެ ތަރިންނަށް ތިން ކުދިން ލިބިފައިވާއިރު އެމީހުންގެ ކުދިންނާ އެކު ދިރިއުޅެމުން އަންނަ "މަންނަތު" ގައިވެސް ގޯރީގެ ހުނަރު ފެނެއެވެ. އެ ގޭގެ އިންޓީރިއާ ޑިޒައިނިންގެ މަސައްކަތް ކޮށްފައިވަނީ ގޯރީއެވެ.

comment ކޮމެންޓް