ޔާމީންގެ ކިބައިގައި މަޝްވަރާކުރުމުގެ ރިވެތި އަޚުލާގެއް ނެތް: އިމްރާން

15 ނޮވެންބަރު 2018 : ކޯލިޝަންގެ ލީޑަރުން ހޮޓަލް ޖެންގައި ބައްދަލު ކުރެއްވުމައް ފަހު މީޑިއާއަށް މައުލޫމާތު ދެއްވުމުގެ ތެރެއިން -- ފޮޓޯ/ ސަން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ކިބައިގައި މަޝްވަރާކުރުމުގެ ރިވެތި އަޚުލާގެއް ނެތް ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވެފައި މިވަނީ ލ. ގަމުގައި ބޭއްވި ތިންވަނަ ވިއަވަތި ކޮންފަރެންސްގައި ދެއްކެވި ވާހަކަފުޅުގައި ރައީސް އިބްރާހީމް މުޙައްމަދު ސޯލިޙަކީ ކީރިތި ޤުރުއާނުގައިވާ ގޮތަށް ހެޔޮވެރިކަމެއް ކުރެއްވުމުގެ ސިފަތަކުގެ ތެރެއިން ސިފައެއް ކަމަށްވާ މަޝްވަރާގެ ރިވެތި ސިފަ ލިބިފައިވާ ބޭފުޅެއް ކަމަށް ވިދާޅުވުމުން އޭނާއަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވާން ފަށާފައި ވަނިކޮށެވެ.

އިމްރާން މިރޭ ވިދާޅުވީ ބައެއް މީހުންނަށް ގަބޫލުކުރަން ކިތަންމެ އުނދަގޫ ވިޔަސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކިބައިގައި މަޝްވަރާކުރުމުގެ އަޚުލާގު ހުރިވަރާ ގާތަށް ވެސް ރައީސް ޔާމީންގެ ކިބައިގައި އެ އަޚުލާގު ނެތް ކަމަށެވެ.

"އެއީ އެ ދެބޭފުޅުން ރަނގަޅަށް އެނގިވަޑައިގަންނަވާ އެންމެން ރަނގަޅަށް ދަންނަ ހަގީގަތެއް،" އިމްރާން ވިދާޅުވެފައިވެއެވެ.

އިމްރާންގެ މި ވާހަފުޅަށް ފާޑުކީ ބައެއް މީހުން ވަނީ ލާދީނީ ގްރޫޕުގެ މީހުންނަށް ފިޔަވަޅު ނޭޅިގެން އުޅެނީ އެ ވިދާޅުވާ ފަދަ މަޝްވަރާތަކުގެ ސަބަބުންތޯ ސުވާލު ކޮށްފައެވެ. އަދި ސަނާ ކިޔަމުން ގޮސް ކުފުރުވަނީ އެހެންވެގެންތޯ އަހާފައިވެއެވެ.

"ރައީސް ޞާލިޙް، ރަނގަޅުވާނެތާ. އިމްރާންއާއި އޭނާގެ ގާތް މީހުންނަށް ސަރުކާރުން ވަޒީފާ ދީ، ހުޅުމާލެއިން ފްލެޓް ގަންދިނީމަ. ތިޔައީ މުދަލަށް ބޫތު ކައިގެން އުޅޭ މީހެއް. ރައީސް ޔާމީން ގޯސްވީ އިމްރާން ބޭނުން ވަރަށް ފައިސާ ނުދިނީމަ. އެއްވެސް ރައްޔިތަކަށް އެކަން އޮޅިގެނެއް ނޫޅެ،" އިމްރާނަށް ފާޑުކީ މީހަކު ބުނެފައިވެއެވެ.

comment ކޮމެންޓް