ކިންގް ޗާލްސް 3 ވަނައަކީ އިސްލާމް ދީނަށް ލޯބި ކުރައްވާ ބޭފުޅެއް، ގުރުއާން ފަހުމުވުމަށްޓަކައި ޗާލްސް އަރަބި ބަސް ދަސްކުރެއްވި

ކިންގް ޗާލްސް 3

އިނގިރޭސިވިލާތުގެ އައު ރަސްގެފާނު ކިންގް ޗާލްސް 3 އިސްލާމް ދީނަށް ލޯބިކުރައްވާ ކަމުގެ އަޑުތައް އޭނާގެ މަންމާފުޅު ރާނީ އެލިޒަބަތުގެ ވެރިކަމުގެ އެކި ދުވަސްތަކުގައި އަރާފައިވެއެވެ.

އެންމެ އަޑުގަދަވެގެން ދިޔައީ ޗާލްސްއަކީ ސިއްރިޔާތުގައި އިސްލާމް ދީން ގަބޫލުކުރައްވައި އެކަން ފޮރުވައިގެން އުޅުއްވާ ބޭފުޅެއްކަމަށް ސައިފްރަސްގެ ތުރުކީގެ ދަރިކޮޅުގެ މުފްތީ ނާޒިމް އަލްހައްގާނީ 1996 ވަނަ އަހަރު ވިދާޅުވުމާ ގުޅިގެންނެވެ.

އެ އަހަރު ތުރުކީގައި ދެއްވި ބަޔާނެއްގައި މުފްތީ ނާޒިމް އަލްހައްގާނީ ވަނީ ޕްރިންސް ޗާލްސް އިސްލާމް ދީން ގަބޫލުކުރައްވާ ކަމަށާއި ނަމަވެސް އެކަން ފާޅުކުރެވެން ނެތިގެން ޗާލްސް އުޅުއްވަނީ އެކަން ވަންހަނާ ކުރައްވައިގެންކަމަށް އޭނާ ވިދާޅުވެފައިވެއެވެ. ނާޒިމް އަލްހައްގާނީ އެދުވަސްވަރުވަނީ އިނގިރޭސީންގެ މުސްތަގްބަލުގެ ރަސްގެފާނަކީ މުސްލިމެއްކަމަށްވެސް ވިދާޅުވެފައެވެ.

މިއިން އެއްވެސް ވާހަކައަކަށް އޭރު އިނގިރޭސި ވަލީއުލްއަހްދު ކަމުގައި ހުންނެވި ޕްރިންސް ޗާލްސް (މިހާރު ކިންގް ޗާލްސް 3) ރައްދު ދެއްވާފައެއް ނުވެއެވެ. ނަމަވެސް އެވާހަކަތަކާ ގުޅިގެން ބަކިންހަމް ޕެލަސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕްރިންސް ޗާލްސް އިސްލާމް ދީން ގަބޫލުކުރައްވާ ކަމަށް ދެކެވޭ ވާހަކައަކީ ކަނޑައެޅިގެން ދޮގެއްކަމުގައެވެ. އިތުރު އެއްޗެއް ބުނެފައެއް ނުވެއެވެ.

ޗާލްސް އިނގިރޭސީންގެ ރަސްކަމަށް އިސްކުރުމާއެކު މިކަމަށް ބާރުދޭ ރިޕޯޓެއް އިނގިރޭސިވިލާތުގެ މަޝްހޫރު އޮންލައިން ނޫހެއްކަމަށްވާ "މިޑްލްއީސްޓް އައި" ގައިވަނީ ޝާއިއުކޮށްފައެވެ. މިރިޕޯޓް ބުނާގޮތުން ކިންގް ޗާލްސް 3 އަކީ މުސްލިމެއް ނޫނެވެ. ނަމަވެސް ޗާލްސްއަކީ އިސްލާމީ އުސޫލުތަކަށާއި އިސްލާމީ ޝަރީއަތަށް ލޯބިކުރައްވާ ބޭފުޅެކެވެ.

ޗާލްސްއަކީ 3 އަކީ މިއަދު އިނގިރޭސި ދައުލަތުގެ ރަސްގެފާނެވެ. އެހެންކަމުން ޗާލްސްއަކީ ޗާޗް އޮފް އިންގްލެންޑް ނުވަތަ އެންޖެލިކަން ފައްޅީގެ އެންމެ އިސް ފާދިރީއެވެ.

"މިޑްލްއީސްޓް އައި"ގެ ރިޕޯޓް ބުނާގޮތުން ޗާލްސް ވަނީ އަރަބި ބަސް ދަސްކުރަން ވަރަށް ބޮޑަށް މަސައްކަތް ކުރައްވައި އެކަށީގެންވާ ވަރަކަށް އަރަބި ބަސް އުގެނިވަޑައިގެންފައެވެ. ޗާލްސް އަރަބި ބަސް ދަސްކުރެއްވީ ކީރިތި ގުރުއާން އޭގެ ހަގީގީ މާނައިގައި ފަހުމުވެވަޑައިގަތުމުގެ ބޭނުމުގައި ކަމަށްވެއެވެ. ޗާލްސް އަރަބި ބަސްދަސްކުރެއްވިކަމާއި އޭނާއަށް އަރަބި އެނގިވަޑައިގަންނަވާކަން ކެމްބްރިޖް މަރުކަޒީ މިސްކިތުގެ އިމާމު މިދޔަ ހުކުރު ދުވަހު ދެއްވި ހުކުރު ޚުތުބާގައިވެސް ވަނީ ފާހަގަ ކުރައްވާފައެވެ.

"މިޑްލްއީސްޓް އައި"ގެ ރިޕޯޓް ބުނާގޮތުން ޗާލްސް އިސްލާމް ދީނަށް ލޯބިކުރާކަން ދޭހާވާ މައިގަނޑު ފަސްކަމެއް އޭނާވަނީ ކުރައްވާފައެވެ. އޭގެ ތޭރެއިން އެއްކަމަކީ އިސްލާމް ދީނާއި ހުޅަނގާ ދެމެދުގައިވާ ނުތަނަވަސްކަން ކުޑަކޮށް ހުޅަނގުން އިސްލާމް ދީނުގެ ހަގީގަތް ދެނެގަތުމުގެ މުހިންމުކަން ބަޔާން ކުރައްވައި 1996 ވަނަ އަހަރު ދެއްވި ޚިތާބެވެ. އެ

އަށްފަހު 2010 ވަނަ އަހަރު އޮކްސްފޯޑް ޔުނިވާސިޓީގެ އިސްލާމީ ދިރާސާތަކާބެހޭ މަރުކަޒުގައި ޗާލްސް ދެއްވި ލެކްޗާ އެއްގައި އޭނާވަނީ އިސްލާމް ދީނާއި ހުޅަނގާ ދެމެދުގައިވާ ނުތަނަވަސްކަން ކުޑަކުރުމަށް ގޮވާލައްވާފައެވެ. އެއަށްފަހު ދެއްވި އެހެން ލެކްޗާއެއްގައި ހުޅަނގުން އިސްލާމް ދީނުގެ ހަގީގަތް ދެނެގަތުމުގެ މުހިއްމުކަމާބެހޭގޮތުންވެސް ޗާލްސް ވާހަކަ ދައްކަވާފައިވެއެވެ.

"މިޑްލްއީސްޓް އައި" ބުނާގޮތުން ޗާލްސް ވަނީ އަމިއްލަފުޅު ފައިސާއިން އޮކްސްފޯޑް ޔުނިވާސިޓީގެ އިސްލާމީ ދިރާސާތަކާބެހޭ މަރުކަޒަށް އެތައް ޚަރަދެއް ކުރައްވާފައެވެ. މިހާރުވެސް އެމަރުކަޒުގެ މަސައްކަތްތައް ވަރަށް ގާތުން ޗާލްސް ބައްލަވާ ކަމަށްވެއެވެ.

ޗާލްސް އިސްލާމް ދީނަށް އާދަޔާ ޚިލާފަށް ލޯބި ކުރައްވާކަމުގެ އަނެއް ހެއްކަކީ އިސްލާމް ދީނަކީ އިންސާނިއްޔަތަށް ލިބިފައިވާ އެންމެ ބޮޑު އުނގެނުމާއި ދެނެގަތުމާއި ހިކްމަތާއި ރޫޙީ މަރުރިފާގެ ކަންޒު ކަމުގައި ޗާލްސް އެތައް ފަހަރަކު ވިދާޅުވެފައިވާ ވިދާޅުވުމެވެ. ޗާލްސްވަނީ އިސްލާމީ ޝަރީއަތަކީ އިންސާނިއްޔަތު ނުދެކޭ ފަދަ ފުރިހަމަ އެއްޗެއް ކަމަށް ސިފަކުރައްވައި މުސްލިމުން އިސްލާމީ ޝަރީއަތުގެ ބޭނުން ފުރިހަމަ ގޮތުގައި ނުކުރާތީ ދެރަވާކަމަށް ވިދާޅުވެފައެވެ.

ތިންވަނަ ކަމަކީ ކީރިތި ގުރުއާނުގައިވާ ވާރިދުވެފައިވާ މޭވާތަކާއި ނަބާތާތު ތަކަށް ޗާލްސް ޚާއްސަ އިސްކަމެއް ދެއްވުމެވެ. އިނގިރޭސިވިލާތުގެ ހުޅަނގު އުތުރުގެ ކައުންޓީ އެއްކަމަށްވާ ގްލާސެސްޝާގައި ހުންނަ ޗާލްސްގެ ގެކޮޅުގައި އެންމެ ގިނައިން ހައްދާފައި ހުންނަކަމަށްވަނީ ކީރިތި ގުރުއާނުގައި ވާރިދުވެފައިވާ މޭވާތަކާއި ނަބާތާތު ކަމަށް ވެއެވެ.

ހަތަރުވަނަ ކަމަކީ ޑެންމާކުގެ ނޫހެއްގައި ކީރިތި ރަސޫލާ މުހައްމަދު (ސޢވ) އަށް ފުރައްސާރަކޮށް ކާޓޫން ކުރެހި މައްސަލަ ޗާލްސް ކުށްވެރި ކުރެއްވުމެވެ. ތަހުޒީބު މުޖަތަމައަކަށް ނިސްބަތްވާ މީހަކު ކީރިތި ރަސޫލާ މުހައްމަދު (ސޢވ) އަށް ފުރައްސާރަ ނުކުރާނެކަމަށާއި ރަސޫލާއަށް ފުރައްސާރަ ކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫންކަމަށް ދެފަހަރެއްގެ މަތިން ޗާލްސް ވިދާޅުވި ކަމަށް ވެއެވެ. އެންމެ ފާޅުކަންބޮޑު ގޮތެއްގައި އޭނާ މިހެން ވިދާޅުވީ 2006 ވަނަ އަހަރު މިސްރުގެ އަލްއަޒްހަރު ޔުނިވާސިޓީ އަށް ކުރެއްވި ޒިޔާރަތުގައެވެ.

އިނގިރޭސިވިލާތުގެ މަޝްހޫރު މަޖައްލާއެއްކަމަށްވާ "ވެނިޓީ ފެއާ" ގެ އެޑިޓަރު މާޓިން އާމިސް ވިދާޅުވެފައިވާގޮތުގައި 2014 ވަނަ އަހަރު އޭނާ ޗާލްސްއާ ބައްދަލުކުރައްވައި ދެެއްކެވި ވާހަކަތަކެއްގައި ޗާލްސްވަނީ ކީރިތި ރަސޫލާއަށާއި އެކެލޭގެފާނުގެ ތާހިރު އަނބި-އަނބި ކަނބަލުންނަށް މަލާމާތާއި ފުރައްސާރަކުރި މައްސަލާގައި މުރުތައްދު ސަލްމާން ރުޝްދީ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ފަސްވަނަ ކަމަކީ އިސްލާމް ދީނާމެދު ހުޅަނގުން ދެކެނީ ރަނގަޅަށް ނޫންކަމަށް ވިދާޅުވެ ހުޅަނގުން އިސްލާމް ދީނާއި އިސްލާމީ ޝަރީއަތު އިތުރަށް ދިރާސާ ކުރަންޖެހޭކަމަށް ޗާލްސް ވިދާޅުވެފައިވުމެވެ. އޮކްސްފޯޑް ޔުނިވާސިޓީގައި ދެއްވި ލެކްޗާ އެއްގައިވެސް ޗާލްސް އެހެން ވިދާޅުވެފައިވެއެވެ.

އެލެކްޗާގައި އޭނާވަނީ އިސްލާމްދީނުގައި އިންސާނުގެ ހަޔާތުގެ މެޓަފިޒިކަލް ކަންކަމަށް (ފަލްސަފާގެ ގޮތުން ބަލާނަމަ ތަބީއަތުގެ ފުރަގަހުގައިވާ ކަންކަމަށް) އިސްކަން ދީފައިވާކަމަށާ އިންޑަސްޓްރިއަލް ރިވޮލިއުޝަނަށްފަހު ހުޅަނގުގެ ގައުމުތައް މާއްދިޔަތަށް ގޮސް ހުސްވެ މެޓަފިޒިކަލް ކަންކަން މުޅިން އިހުމާލު ކޮށްލާފައިވާކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ޗާލްސްވަނީ މުސްލިމުންގެ ތެރޭގައި ހިމެނޭ ބަޔަކު ދީނުގެ ނަމުގައި ގެންގުޅޭ ހަރުކަށިކަމަކީ އިސްލާމް ދީނުގެ ހަގީގީ ޖައުހަރު ނޫންކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވެފައެވެ. އަނެއްކޮޅުން ޗާލްސްވަނީ އިސްލާމިކް ބޭންކިން އާއި އިސްލާމިކް ފައިނޭންސްގެ އުސޫލުތަކަށް ތައުރީފް ކުރައްވައި އެކަމުން ނެގެން އޮތް ތަޖުރިބާއެއް ނެގުމަށް އިނގިރޭސިވިލާތުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވާފައެވެ. މީގެއިތުރުން އިސްލާމީ ޝަރީއަތުގައި އަންހެނުންގެ ހައްގުތައްވެސް އޮންނަ ގޮތް ފުރިހަމަ ކަމަށް ޗާލްސް ވިދާޅުވެފައިވެއެވެ.

ޗާލްސްއަކީ ވަރަށް ކުރީއްސުރެވެސް އިނގިރޭސި މިޑިއާގެ ފާޑުކިޔުން އަމާޒުވެފައިވާ ބޭފުޅެކެވެ. އިނގިރޭސި މިޑިއާއަކީ ޔަހޫދީ ޒަޔަނިސްޓުންގެ ބާރު ވަރަށް ގަދަ މިޑީއާއެކެވެ. ޚާއްސަކޮށް ޒަޔަނިސްޓް ޔަހޫދީ މަހުޖަނުން ހިންގާ ފްރީމޭޝަން ޖަމާއަތުގެ ބާރާއި ނުފޫޒު ހުޅަނގުގެ އެހެން މިޑިއާތަކެކޭ އެއްގޮތަށް އިނގިރޭސި މިޑިއާއަށްވެސް ވަރަށް ބޮޑެވެ.

ރާނީ އެލިޒަބަތު 2ގެ ދުވަސްވަރު އިނގިރޭސި މިޑިއާއިންވަނީ އިނގިރޭސި ރަސްކަމުގެ ދާއިރާއިން ޗާލްސް އެކަހެރިކޮށް ޗާލްސްގެ ދަރިކަލުން ޕްރިންސް ވިލިއަމަށް އިނގިރޭސި ރަސްކަން ވާރުތަވާގޮތް ހެދުމަށް އެތައް ފަހަރަކު އެލިޒަބަތަށް ގޮވާލާފައެވެ.

ޗާލްސްއަކީ ސިއްރިއްޔާތުގައި މުސްލިމަކަށް ނުވިނަމަވެސް ޗާލްސް ވަޑައިގަންނަވާ ތަންތަނާއި ބައްދަލުކުރައްވާ މީހުންނާއި ފާޅުކުރައްވާ ޚިޔާލުފުޅު ތަކަށްބަލާއިރު އޭނާއަކީ އިސްލާމް ދީނަށް ވަރަށް ބޮޑަށް އިހްތިރާމް ކުރައްވާ ބޭފުޅެއްކަން އެނގެއެވެ.

ސިޔާސީ މައްސަލަތަކަށް ބަލާއިރުވެސް ޗާލްސްވަނީ ފަލަސްތީނުގެ ރައްޔިތުން އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިއުމާރުގައި ހަނާވަމުންދާކަން ފާހަގަ ކުރައްވާފައެވެ. މެދުއިރުމަތީގެ ހަގީގީ މައްސަލައަކީ އިސްރާއީލުގެ އަނިޔާވެރިކަންކަމަށް ޗާލްސް ގަބޫލުކުރައްވައެވެ. އަދި މުސްލިމުންނާއި އަރަބިންގެ އާންމު ރައްޔިތުން އެެމެރިކާއަށާއި ހުޅަނގަށް ނަފުރަތުކުރާ މައިގަނޑު ސަބަބަކީ ހުޅަނގުން އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިއުމާރަށް އެހީތެރިވާ މައްސަލަ ކަމަށް ޗާލްސް ގަބޫލު ކުރައްވައެވެ.

ފަލަސްތީނުގެ ރައްޔިތުންނާމެދު ޗާލްސްގެ ހަމްދަރުދީވެ ވަޑައިގަންނަވާކަމީވެސް އިނގިރޭސި ނޫސްތަކުގައި ހާމަކޮށްފައިވާ ހަގީގަތެކެވެ. ޗާލްސް ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ތާއީދުކުރައްވާކަން އެއީ އިސްރާއީލަށްވެސް އެނގޭ ސިއްރެކެވެ. ނަމަވެސް މިއީ މަގާމުގެ ގޮތުންނާއި ހާލަތުގެ ގޮތުން ޗާލްސްއަށް ފާޅުކަންބޮޑު ގޮތެއްގައި ވިދާޅުވެވޭނެ ވާހަކަތަކެއް ނޫނެވެ.

އިނގިރޭސިވިލާތަކީ އެމެރިކާ އެކޭ އެއްގޮތަށް ޔަހޫދީ ޒަޔަނިސްޓު މަހުޖަނުންގެ ބާރާއި ނުފޫޒު ވަރަށް ގަދަ ގައުމެކެވެ. މިކަމުގެ ފަހަތުގައިވާ ސަބަބުތައް ބައިނަލްއަގްވާމީ ކަންކަން ދަންނަ ތަންދޮރުދަންނަ މީހުންނަށް އެނގޭނެއެވެ. ދެހާސް ވިހި ވަނަ އަހަރު ފަލަސްތީނުގެ ހުޅަނގު އައްސޭރިއަށް ވަޑައިގެން ޗާލްސްވަނީ އިސްރާއީލުން އިސްތިއުމާރު ކޮށްފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާއަކީ އަޅުވެތިކަމުގެ ޖަލެއްކަމަށް ސިފަކުރައްވާފައެވެ.

ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ އަމިއްލަ ބިމުގައި އަޅުވެތިވެ ބިކަ ހާލުގައި އުޅޭތަން ފެނިފައި ހިތްފަޅައިގެންދާ ކަމަށްވެސް އެދަތުރުފުޅުގައި ޗާލްސް ވިދާޅުވެފައިވެއެވެ. ނަމަވެސް އިސްރާއީލުގެ ނަން ވިދާޅުވެފައެއް ނުވެއެވެ. އިނގިރޭސި މީޑިއާއިން ޗާލްސްއާ ދެކޮޅަށް ވާހަކަ ދައްކާ ސަބަބުތައް ވަރަށް ސާފެވެ.

ގުޅޭ ޓެގު
comment ކޮމެންޓް