ޝާހިދުގެ ނަޒަރުގައި އެންމެ ބޮޑު ކާމިޔާބަކީ ގެއްލިފައިވާ އިތުބާރު އަލުން ހޯދުން

އދގެ އާންމު މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ޝާހިދު ބަލަހައްޓަވަނީ --- ފޮޓޯ/ އދ

މި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ އެންމެ ބޮޑު ކާމިޔާބީއަކީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއާ މެދު ގެއްލިފައިވާ އިތުބާރު އަލުން ހޯދުން ކަމަށް އދގެ އާންމު މަޖިލީހުގެ މިދިޔަ ދައުރުގެ ރައީސް އަދި ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

"ސަން"އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، ރާއްޖެ އޮތީ ވަރަށް ބޮޑަށް ބިކަވެ، އެކަނިވެފައި ކަމަށެވެ. ނަމަވެސް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ޚާރިޖީ ސިޔާސަތާއެކު، ދުނިޔޭގެ ގައުމުތަކާއެކު އަލުން ގުޅުން ބަދަހިވެ، ގެއްލުނު އިތުބާރު ހޯދިފައިވާ ކަމަށް ވިދާޅުވިއެވެ.

"މިއަދު ރާއްޖެއަކީ، އަޅުގަނޑުމެންގެ ބަހާއި، ޔަގީންކަން މުޅި ދުނިޔެ ބަލައިގެންފައިވާ ގައުމެއް. އެހެންކަމުން، މިއަދަކީ އަޅުގަނޑުމެން ދިވެހިންނަށް ވީތީ ފަޚުރުވެރިވުން ޙައްގު ދުވަހެއް،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު، އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސް އާއެކު --- ފޮޓޯ/އދ

އޭނާ ވިދާޅުވީ ބޭރު ދުނިޔެއާ އޮންނަ ގުޅުން ރަނގަޅުވުމުގެ ސަބަބުން ރާއްޖެއަށް އެތައް ފައިދާތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށް ބޭރުގެ ގައުމުތަކުން ލިބުނު އެހީތެރިކަން އޭނާ ފާހަގަކުރެއްވިއެވެ.

އދގެ އާންމު މަޖިލީހުގެ ރިޔާސަތުގައި ޝާހިދު ހޭދަ ކުރެއްވި ދައުރުގައި ކުރެވުނު އެންމެ ތަފާތު އިހުސާސެއްގެ ގޮތުގައި އޭނާ ފާހަގަކުރައްވަނީ ދުނިޔޭގެ ހުރިހާ ގައުމުތަކުން ރާއްޖެއަށް އަދާކުރި އިޙްތިރާމެވެ. އޭނާ ވިދާޅުވީ މި ފުރުސަތު ދިވެއްސަކަށް ލިބުމަކީ މުޅި ދުނިޔޭގެ ލީޑަރެއްގެ ގޮތުގައި ރާއްޖެ އިސްތިހާރު ވުމަށް ލިބުނު ފުރުސަތެއް ކަމަށެވެ.

"މިއަދު އެ ގައުމުތަކަށް ރާއްޖޭގެ ނަން އިވޭއިރަށް އުންމީދުގެ ރިޔާސަތު ހަނދާންވާނެ" ޝާހިދު ވިދާޅުވިއެވެ.

އދގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޝާހިދު ކުރެއްވި ދަތުރެއްގެ ތެރެއިން --- ފޮޓޯ/ އދ

އދގެ އެހާ މަތީ މަގާމަކަށް ޝާހިދަށް ވަޑައިގަނެވުނީ އިންޑިއާގެ ނުފޫޒުން ކަމަށް އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކައަށް ރައްދުދެއްވަމުން ޝާހިދު ވިދާޅުވީ ދުނިޔޭގެ ހުރިހާ ގައުމަކުން އޭނާ އެ މަގާމުގައި ކުރި މަސައްކަތް ފާހަގަކޮށް ޝުކުރުގެ މެސެޖުތައް ފޮނުވަމުން ދިއުމަކީ ވެސް ވަކި ގައުމަކަށް ބުރަވެފައި ނުވާކަން އަންގައިދޭ ކަމެއް ކަމަށެވެ.

"އެ ދައްކާ ވާހަކައަކީ ފިތުނައިގެ ވާހަކަ. އެއީ ދައްކާނެ އިތުރު ވާހަކައެއް ނެތުނީމަ ދައްކާ ވާހަކަ. އެ ވާހަކައެއް މިހާރު ދިވެހިންނެއް ވެސް، ދުނިޔޭގެ ގައުމުތަކަކުން ވެސް ގަބޫލެއް ނުކުރޭ،" އޭނާ ވިދާޅުވިއެވެ.

އދ.ގެ އާންމު މަޖިލީހުގެ ރައީސްކަމުގެ މަގާމާ ޝާހިދު ހަވާލުވެވަޑައިގަތީ މިދިޔަ ސެޕްޓެމްބަރު މަހުގެ 14ވަނަ ދުވަހު، އެއް އަހަރުގެ ދައުރަކަށެވެ. އެ މަގާމަށް އޭނާ އިންތިޚާބުވެވަޑައިގަތީ އަފްޣާނިސްތާނުގެ ކުރީގެ ޚާރިޖީ ވަޒީރު ޑރ. ޒަލްމާއީ ރަސޫލާއި ވާދަކުރައްވާ، 143 ވޯޓު، 48 ވޯޓުގެ ތަފާތަކުންނެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ވެސް ބައިނަލްއަގުވާމީ މަޖިލީހެއްގެ އެހާ އިސްމަގާމަކަށް ދިވެއްސަކު އިންތިޚާބުވި ފުރަތަމަ ފަހަރެވެ.

މަގާމާ ހަވާލުވުމުގެ ކުރިން ޝާހިދު ވަނީ "އުންމީދުގެ ރިޔާސަތު"ގެ ނަމުގައި ތަސައްވުރެއް އެކުލަވާލައްވާފައެވެ. މި ތަސައްވުރުގައި އެކުލެވިގެން ވަނީ "އުންމީދުގެ ފަސް ދޯދި"ގެ ނަމުން ނަންދެވިފައިވާ ފަސް ދާއިރާއަކުން ކުރެވޭ މަސައްކަތްތަކެކެވެ.

މި ތަސައްވުރު ހާސިލުކުރުމަށް ޝާހިދުގެ ދައުރުގައި ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

comment ކޮމެންޓް