އަސްކަރީ އަދުލުގެ ނިޒާމެއް ގާއިމުކުރުމަށް ކުރި މަސައްކަތް ކާމިޔާބު: މާރިޔާ

ދިވެހި ސިފައިންގެ 130 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ޖަލްސާގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

އަސްކަރީ އަދުލުގެ ނިޒާމެއް ގާއިމު ކުރުމަށް ކުރި މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލެވި, އެކަން ތަންފީޒު ކުރަން މިހާރު ފަށާފައިވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ދިވެހި ސިފައިންގެ 130 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކަޅުތުއްކަލާ ކޮށީގައި ރޭ ބޭއްވި ޖަލްސާގައި މާރިޔާ ވިދާޅުވީ ސިފައިންގެ އިދާރީ ނިޒާމުތަކަށް މި ސަރުކާރުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.

މާރިޔާ ވިދާޅުވީ ސިފައިންނާ ގުޅޭ ގޮތުން ހުށަހެޅޭ މައްސަލަތަކުގައި މީގެ ކުރިން އޮންނަނީ ޗީފް އޮފް ޑިފެންސް ފޯސް ނުވަތަ ސިޔާސީ ވެރިން ގޮތް ނިންމަވާ ގޮތަށް ކަމަށެވެ. އެހެންކަމުން މައްސަލަ ރައްދުވާ ސިފައިންގެ މީހާއަށް އޭނާގެ އަމިއްލަ ދިފާއުގައި ބަހެއް ބުނެލުމުގެ ފުރުސަތު ވެސް ނުލިބޭ ކަމަށް މާރިޔާ ވިދާޅުވިއެވެ.

ނަމަވެސް މި ސަރުކާރު އައި ފަހުން، ދެ ފަރާތުގެ ވާހަކައާއި ހެއްކާއި ގަރީނާއާއި ބަޔާން ކުރެވިފައިވާ އުސޫލުތަކާ އެއްގޮތަށް ހިނގާ އަސްކަރީ އަދުލުގެ ނިޒާމެއް ގާއިމު ކުރުމަށް މަސައްކަތް ކުރެވިފައިވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި އެ މަސައްކަތް ކާމިޔާބު ކަމަށާއި އެކަން މިހާރު ތަންފީޒުވެސް ކުރަން ފަށާފައިވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

"އެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލެވި ތަންފީޒު ކުރަން ފެށުމަކީ އަދުލު އިންސާފާ ހަަމައަށް ލޯބި ކުރާ ފަރާތްތަކަށް ލިބުނު ބޮޑު ކާމިޔާބީއެއް،" މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލީޙު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން، މިދިޔަ ތިން އަހަރާއި ބައިގެ ތެރޭގައި ދިފާއީ ދާއިރާގެ ތެރެއިން މިންތީގެ ހަމަހަމަ ކަމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށެވެ.

އެގޮތުން މިންތީގެ ހަމަހަމަކަމުގައި ރައީސް ޞާލިޙަކީ ހަމައެކަނި ބަސްބުނެފައި ނިންމާލައްވާ ވެރިއެއް ނޫން ކަމަށާއި މިދިޔަ ތިން އަހަރާއި ބައިގެ ތެރޭގައި އަންހެން ސިފައިން ރެކްރޫޓްކުރި ނިސްބަތް 25 ޕަސެންޓު އިތުރުވެފައިވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

ހަމައެއާއެކު އަންހެން ސިފައިންނަށް މަގާމުގެ ކުރިއެރުން ލިބުނު މިންވަރު 50 ޕަސެންޓު އިތުރުވިއިރު، ސިފައިންގެ ބޯޑުތަކާއި ކޮމިޓީތަކުގައި އަންހެނުންގެ ހިއްސާ 120 ޕަސަންޓު އިތުރުކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ސިފައިން ސިޔާސީ ނުފޫޒުން އެއްކިބާކޮށް ސިފައިންގެ ގާބިލުކަން އިތުރުކޮށް އަދި ރައްޔިތުންގެ އިހުތިރާމާއި ލޯތްބާއި އިތުބާރު ލިބިފައިވާ އަސްކަރިއްޔާއެއް ދިވެހި ރައްޔިތުންނަށް ބިނާކޮށްދެއްވުމަށް ރައީސް ވައުދުވެވަޑައިގެންނެވި ކަމަށެވެ.

އެ ވައުދު ރައީސް ޞާލިޙު ފުއްދަވައިފައިވާ ކަމަށް ވިދާޅުވެ މާރިޔާ ވަނީ ރައީސް ދިވެހި އަސްކަރިއްޔާއާ ބަހައްޓަވާ ގާތް ކަމަށް ޝުކުރު ދަންނަވާފައެވެ.

މީގެ އިތުރުން މާރިޔާ ސިފައިންނަށް ވިދާޅުވީ، ދިވެހި އަސްކަރިއްޔާއަކީ ރައްޔިތުންނަށް ބޭނުން ޖެހޭ ކޮންމެ ވަގުތަކު ރައްޔިތުންނަށްޓަކައި ތިބެ ނަމޫނާ ދެއްކުމުގައި ދެމިތިބެން ޖެހޭ ބައެއް ކަމަށެވެ.

މިއަދުގެ ސިފައިންނަކީ ރައްޔިތުންގެ ލޯތްބާއި އިހުތިރާމް ލިބިފައިވާ އަދި ރައްޔިތުން އިތުބާރުކުރާ، ރައްޔިތުންނަށް ޖަވާބުދާރީވާ، ޑިމޮކްރެޓިކް ނިޒާމަށް އަހުލުވެރި ބައެއް ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

comment ކޮމެންޓް