ފުރަތަމަ ހަފުތާގައި 48،000 މީހުން ބަސް ދަތުރުކުރި

މިނީ ބަހެއް ދުއްވާފައި ދަނީ: އެ ދަތުރުތަކަށް ޑިމާންޑް ބޮޑު-- ސަންފޮޓޯ/ ނާއިލް ހުސައިން

މާލޭގެ އެތެރޭގެ ދަތުރުތަކަށް މިނީ ބަހުގެ ހިދުމަތް ފެށިތާ، މިދިޔަ އާދިއްތަ ދުވަހަށް ހަފުތާއެއްވީއިރު އެ މުއްދަތުގެ ތެރޭގައި 48،370 މީހުން ބަސް ދަތުރު ކުރި ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެމްޓީސީސީއިން "ސަން"އާ ހިއްސާކުރި ތަފާސްހިސާބުތައް ދައްކާގޮތުން ބަސް ދަތުރުކުރާ މީހުންގެ އަދަދު އެއް ދުވަހަށް ވުރެން އަނެއް ދުވަހު އަންނަނީ އިތުރުވަމުންނެވެ.

މިދިޔަ ހަފުތާގައި މީހުން ބަސް ދަތުރުކުރިވަރު

  • ހޯމަ ދުވަހު 2257 މީހުން
  • އަންގާރަ ދުވަހު 3255 މީހުން
  • ބުދަ ދުވަހު 8024 މީހުން
  • ބުރާސްފަތި ދުވަހު 8349 މީހުން
  • ހުކުރު ދުވަހު 8063 މީހުން
  • ހޮނިހިރު ދުވަހު 9329 މީހުން
  • އާދިއްތަ ދުވަހު 9093 މީހުން

ބަސް ދަތުރުތައް ފެށި ފުރަތަމަ ހަފުތާގެ ތެރޭގައި ބަސްތަކުން ވަނީ ޖުމުލަ 2000 ދަތުރުކޮށްފައެވެ. ފުރަތަމަ ދެ ހަފުތާގެ ތެރޭގައި ދަތުރުތައް ކުރަނީ މުޅިން ހިލޭއެވެ.

މާލޭގެ އެތެރޭގެ ދަތުރުތައް ކުރުމަށް މިނީ ބަސް ފެށިތާ ހަފުތާއެއްވީއިރު ޓެކްސީތަކުގެ އާމްދަނީއަށް އަސަރު ކޮށްފައިވާ ކަމަށް ޑްރައިވަރުން ވަނީ ބުނެފައެވެ. އެގޮތުން ޓެކްސީތަކުގެ އާމްދަނީ އެވަރެޖްކޮށް 35 ޕަސެންޓާއި 45 ޕަސެންޓާ ދެމެދުގެ އަދަދަކަށް ދަށް ވެފައިވާ ކަމަށް ޑްރައިވަރުން ބުނެއެވެ.

https://sun.mv/168120

ޑްރައިވަރުން ބުނިގޮތުގައި ހިލޭ ބަހުގައި ދަތުރު ކުރެވޭތީ ވޭތުވެދިޔަ ހަފުތާގައި ގިނަ ބަޔަކު އެއްތަނުން އަނެއް ތަނަށް ދިއުމަށް ބަސް ބޭނުން ކުރިއެވެ. އަދި މީގެ ކުރިން ޓެކްސީތަކަށް އެންމެ ގިނައިން މަގުމަތިން ދަތުރު ލިބެނީ މަޖީދީމަގުން ކަމަށްވާއިރު އެ މަގުގައި ގިނަ އަދަދެއްގެ ބަސް ސްޓޮޕް ހުންނާތީ މީހުން ޓެކްސީއަށް މަޑުނުކޮށް ބަހަށް އަރާ ކަމަށް ޑްރައިވަރުން ބުންޏެވެ.

މިހާރު ހިލޭ ހިދުމަތް ދެމުން އަންނަ ބަސް ދަތުރުތަކުން އަންނަ ހޯމަ ދުވަހުން ފެށިގެން މީހެއްގެ އަތުން ހަތް ރުފިޔާ ނަގަން ފަށާނެއެވެ. ނަމަވެސް އޭރުން ވެސް 65 އަހަރުން މަތީގެ މީހުންނަށާއި، ތިން އަހަރުން ދަށުގެ ކުޑަކުދިންނަށާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހިލޭ ދަތުރުކުރެވޭނެއެވެ. މީގެ އިތުރުން، ޔުނީފޯމްގައި ތިބޭ ސްކޫލް ކުދިންނަށްވެސް ބަހުގައި ހިލޭ ދަތުރުކުރުމުގެ އިންތިޒާމް އެމްޓީސީސީއިން ވަނީ ހަމަޖެހިފައެވެ.

އޮފީހަށް ދިއުމަށާއި ސްކޫލްތަކަށް ދިއުމަށް މީގެ ކުރިން މީހުން ޓެކްސީ ބޭނުން ކުރިނަމަވެސް އޭގެ ތެރެއިން ގިނަ ބަޔަކު ވަނީ ބަސް ދަތުރުތައް ކުރަން ފަށައިފައެވެ.

މިނީ ބަހުގެ ދަތުރުތައް އޮންނާނީ ކޮންމެ ދުވަހެއްގެ ވެސް ފަތިހު 05:45އިން ދަންވަރު 00:15އަށެވެ. ކޮންމެ ބަސް ސްޓޮޕަކުން ވެސް 10 މިނެޓާއި 15 މިނެޓާ ދެމެދު ބަހެއް ދަތުރުފަށާނެއެވެ.

މިނީ ބަހުގެ ޚިދުމަތް ފޯރުކޮށްދޭން ހަމަޖެހިފައިވަނީ ތިން ރޫޓަކުންނެވެ. އެއީ، އަމީނީ ރޫޓް، ސޯސަން ރޫޓް އަދި އޯކިޑް ރޫޓެވެ. މާލޭގެ ކޮންމެ ހިސާބެއްގައި ދިރިއުޅޭ ރައްޔިތަކަށްވެސް ފަސޭހައިން ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން މި ތިން ރޫޓްގައި ޖުމްލަ 40 ބަސް ހުއްޓި ހުންނާނެއެވެ.

އެ ޚިދުމަތަށް 18 ބަސް މާލޭގައި ހަރަކާތްތެރިވާއިރު އޭގެތެރެއިން އަށް ބަހަކީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހައިން އަރާ ފޭބޭގޮތަށް ރޭމްޕް އަދި ފުރޮޅުލީ ގޮނޑިއަށް ޚާއްސަ ޖާގަ އެކުލެވޭ ބަސްތަކެކެވެ.

ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ޚާއްސަ ބަހުގައި 20ގޮނޑި ހުންނައިރު އާންމު ބަސްތަކުގައި ހުންނާނީ 22 ގޮނޑިއެވެ. މިނީ ބަސްތަކުގައި ކޮންމެ ބަހެއްގައި 10 މީހުންނަށް ކޮޅަށް ތިބެ ދަތުރު ކުރެވޭނެއެވެ.

comment ކޮމެންޓް