ރެޕް ލަވަކިޔުންތެރިޔާ ޕީއެންބީ ގަޔަށް ބަޑިޖަހައި މަރާލައިފި

ޕީއެންބީ--

އެމެރިކާގެ ލޮސްއެންޖެލެސްގައި ހިނގި ވައްކަމެއްގެ ތެރެއިން، ރެޕް ލަވަކިޔުންތެރިޔާ ޕީއެންބީ ގަޔަށް ބަޑި ޖަހައި މަރާލައިފިއެވެ.

އިއްޔެ ހަވީރު ބޭއްވި ނޫސްކޮންފަރެންސް އެއްގައި ވާހަކަދައްކަމުން، އެ ސަރަހައްދުގެ ފުލުހުން ބުނީ، ރޮސްކޯގެ ހައުސް އޮފް ޗިކަން އެންޑް ވޮފްލްސްގައި ވައްކަމެއް ހިނގައިގެން އުޅޭ ކަމަށް ރިޕޯޓުކޮށްގެން ދިޔަ އިރު ޕީއެންބީގެ ގަޔަށް ބަޑި ޖަހާފައިވާ ކަމަށެވެ. ރަކީމް ހާޝިމް ނުވަތަ މަޝްހޫރު ނަމުން ނަމަ ޕީއެންބީ ގަޔަށް ބަޑި ޖަހާ މަރާލާފައިވަނީ އޭނާގެ ލޯބިވެރިޔާ އާއެކު ތިއްބާ ބަޑި ހިފައިގެން އައި މީހަކު އޭނާގެ ގަހަނާތައް ހޯދުމަށް އެދުމަށްފަހުއެވެ.

ފުލުހުން އިތުރަށް ބުނީ، ޕީއެންބީގެ ގަޔަށް ގިނަ ވަޒަންތަކެއް އަރާފައިވާ ކަމަށާއި އޭނާ މަރުވީ ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަމަށެވެ. އަދި، އެ ދެ މީހުން އެ ރެސްޓޯރަންޓުގައި ކާން ތިބިކަން ޕީއެންބީ އާއި އޭނާގެ ލޯބިވެރިޔާގެ އިންސްޓަގްރާމް އެކައުންޓުގައިވެސް ވަނީ ހިއްސާކޮށްފައެވެ.

މި ހާދިސާގައި ޕީއެންބީއަށް ހަމަލާ ދީފައިވާ މީހާ ފިލީ ކާރެއްގައި ކަމަށާއި އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ލޮސްއެންޖެލެސް ޕޮލިސްއިން ވަނީ މައުލޫމާތު ދީފައެވެ. އަދި، އެ ސަރަހައްދުގައި ބައިވަރު ކެމެރާތައް ހުރި ކަމަށާއި މައްސަލަ ހައްލުކުރެވޭނެ ވަރުގެ ކުރިއެރުން ތަހުގީގަށް ލިބިފައިވާ ކަމަށް ބުންޏެވެ. މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރު ނުކުރެއެވެ.

ޕީއެންބީގެ މަރަށްފަހު އެމެރިކާގެ ބައެއް ރެޕް ލަވަކިޔުންތެރިން ވަނީ އެމީހުންނަށް ލިބެންޖެހޭ ރައްކާތެރިކަން ނުލިބޭ ކަމަށް ސޯޝަލްމީޑިއާގައި ހިއްސާކޮށްފައެވެ. މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ނިކީ މިނާޖު ކުރި ޓްވީޓެއްގައި ބުނީ މި މަރަށްފަހު، އެމީހުންގެ ލޮކޭޝަން ހިމެނޭހެން ސޯޝަލް މީޑިއާގައި އެކި ކަންކަން ހިއްސާ ނުކުރެވޭނެ ކަމަށެވެ.

މި އަހަރުގެ ފެބްރުއަރީ މަހު ރެޕް ލަވަކިޔުންތެރިޔާ ޕޮޕް ސްމޯކް ވެސް މަރުވީ ވަައްކަަމެއްގެ ތެރެއިންނެވެ. ރިޕޯޓުތައް ބުނާ ގޮތުން ހޮލީވުޑް ހިލްސްގައި އޭނާ ދިރިއުޅޭގެ ހާމަވީ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކުންނެވެ.

ޕީއެންބީ ރެޕް އިންޑަސްޓްރީގައި މަގުބޫލުވީ 2016 ވަނަ އަހަރުގެ ހިޓް ލަވަ "ސެލްފިޝް" އިންނެވެ. އޭނާ މި މަހު 2 ގައި ވަނީ 'ލަވް މީ އަގައިން' ކިޔާ ލަވައެއްވެސް ނެރެފައެވެ.

comment ކޮމެންޓް