ގައުމު ދިފާއު ކުރުމުގައި އަބަދުވެސް ކޮންޓްރޯލް އޮންނަންވާނީ ސިފައިންގެ އަތުގައި: ރައީސް

ސިފައިންގެ 130 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ/ ރައީސް އޮފީސް

ދިވެހިންގެ ކުރިމަތީގައި އެންމެ އަގު ބޮޑު ރައުސްމާލަކީ ރާއްޖޭގެ މިނިވަންކަން ކަމަށާއި، ޤައުމު ދިފާޢުކުރުމުގައި، އަބަދުވެސް 'ކޮމާންޑް އެންޑް ކޮންޓްރޯލް' އޮންނަންވާނީ ދިވެހި ސިފައިންގެ އަތްމަތީގައިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ދިވެހި ސިފައިންގެ 130 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކަޅުތުއްކަލާ ކޮށީގައި މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް، އެތެރެއިންނާއި ބޭރުން ކުރިމަތިވާ ކޮންމެ ނުރައްކަލަކާ ކުރިމަތިލައި ޤައުމު ދިފާޢުކުރުމުގައި، އަބަދުވެސް 'ކޮމާންޑް އެންޑް ކޮންޓްރޯލް' އޮންނަންވާނީ ދިވެހި ސިފައިންގެ އަތްމަތީގައިކަމަށާއި، އެކަން، ދިވެހި ޢަސްކަރިއްޔާގެ ހަމަ ކޮންމެ ފަރުދަކު އަބަދުމެ ހަނދާނުގައި ބަހައްޓަންވާނޭ ކަމަށެވެ.

ރައީސް ވިދާޅުވީ ބަވަނަވަމުން މިދާ ދުނިޔޭގައި، ނިރުބަވެރި އުދަބާނިތައް ދަނީ މުޅި ދުނިޔެއަށް ފެތުރެމުން ކަމަށާއި ރާއްޖެއަށް ވެސް އެ ނުރައްކާ އެބައޮތް ކަމަށެވެ. އެފަދަ ކަންކަމަށް އަޅުގަނޑުމެން ސަމާލުވާންޖެހޭ މިންވަރުވެސް، މިއަދު ވަނީ ކުރިއަށްވުރެ މާ ބޮޑުވެފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ޒަމާނީ ޓެކްނޮލޮޖީ އާއި މުވާޞަލާތީ ލުއިފަސޭހަތަކާއެކު، ޓެރަރިޒަމްގެ ނުރައްކާތައް ދަނީ ދުވަހުން ދުވަހަށް ފުޅާވެ އިތުރުވަމުން ކަމަށެވެ. ޓެރަރިޒަމްގެ އުކުޅުތައްވެސް ދަނީ ބަދަލުވަމުން، ނުރައްކާތެރިކަން އިތުރުވަމުން ކަމަށާއި އެތެރެއާއި ބޭރުންވެސް އެ ނުރައްކާތައް އަޅުގަނޑުމެންނާ ކުރިމަތިވަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެފަދަ ކޮންމެ ނުރައްކަލަކުން ދިވެހިންނާއި ދިވެހިރާއްޖެ ސަލާމަތްކޮށްދިނުމަށް ތައްޔާރުވެ ތިބެނީ، ތިޔަ ހިތްވަރުގަދަ ސިފައިން. އެކަމަށްޓަކައި، ދިވެހި ޢަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރުމަށް އަޅުގަނޑުމެން އަބަދުވެސް ޚާއްޞަ ސަމާލުކަމެއް ދެން،" ރައީސް ވިދާޅުވިއެވެ.

ދިވެހި ސިފައިންނަށް އިތުރު ތަމްރީނުދީ ގާބިލުކަން އިތުރުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެގޮތުން އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަންގައި ޚިދުމަތް ކުރުމަށް މިވަގުތު ސަޢޫދީ ޢަރަބިއްޔާގައި ދިވެހި ސިފައިންގެ ބަޔަކު ތިބިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެ ކޯލިޝަންގައި ރާއްޖެ ބައިވެރިވެ، ދިވެހި ސިފައިން ކުރަމުން އެ އަންނަނީ، ބައިނަލްއަޤްވާމީ ޞުލްޙައިގެ ދާއިރާއިން ވަރަށް މުހިންމު މަސައްކަތްތަކެއް. މި ދެންނެވި ސިފައިން ޤައުމުން ބޭރުގައި ޚިދުމަތް ކުރަމުން އަންނައިރު، އެ ބޭކަލުންގެ ޢާއިލާތަކުން ވަމުން އެ އަންނަނީ ވަރަށް މަތިވެރި ޤުރުބާނީއެއް،" ރައީސް ވިދާޅުވިއެވެ.

ބައިނަލްއަޤްވާމީ ޓެރަރިޒަމާ ދެކޮޅު މަސައްކަތްތަކުގަޔާއި، ދިވެހި ރައްޔިތުންނަށް މަދަނީ ޚިދުމަތްތައް ދިނުމުގައި ދިވެހި ސިފައިން ބައިވެރިވަމުން އަންނަނީ، އަސްކަރިއްޔާއެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބުތަކާއި، އުފުލަންޖެހޭ ޒިންމާތައްވެސް އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަންފީޒު ކުރަމުން ކަމަށް ރައީސް ވިދާޅުވިއެވެ.

"އޭގެ ތެރެއިންވެސް އެންމެ މުހިންމު ކަމަކީ، ޤައުމުގެ އިސްތިޤްލާލާއި ސިޔާދަތީ މިނިވަންކަން ރައްކާތެރިކުރުން،" ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ މިނިވަންކަމުގެ މަރުކާއަކީ، ފަޚުރުވެރި ދިވެހި ސިފައިންގެ ޢަސްކަރީ ޤާބިލުކަން ކަމަށާއި އެހެންކަމުން އަސްކަރިއްޔާގެ އޮޕަރޭޝަނަލް ޤާބިލުކަން އިތުރުކުރުމަށް ފާއިތުވި ދެ އަހަރުގެ ތެރޭގައި މުހިންމު މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ޒަމާނީ ވަސީލަތްތައް ހޯދައި، ޓެރަރިޒަމްގެ ހާދިސާތަކާ ކުރިމަތިލުމުގެ ޤާބިލުކަން އެތައް ގުނައެއް އިތުރުކުރެވިއްޖެ،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ޤައުމުގެ ދިފާޢުގެ އެންމެ ކުރީ ސަފުގައި ޙަރަކާތްތެރިވާ ސިފައިންނަށް ބޭނުންވާ އެންމެ ޒަމާނީ ހަތިޔާރާއި އާލާތްތައް މިހާރުވަނީ ހޯދިފައި ކަމަށެވެ. ހަމައެހެންމެ، ސިފައިންގެ ސިފަވަންތަކަން ދަމަހައްޓައިދޭ ޢިލްމީ އަދި ފަންނީ ތަމްރީނުތައް ދަނީ ސިފައިންނަށް ބަރާބަރަށް ދެމުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ދިވެހި ސިފައިންގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށް ރަޙްމަތްތެރި ހެޔޮއެދޭ ޤައުމުތަކުން ވެދޭ އެހީތެރިކަން އަބަދުވެސް ހަނދާންކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ޚާރިޖީ ސިޔާސަތަށް ގެނައި ހެޔޮ ބަދަލުގެ ސަބަބުން، ރާއްޖޭގެ ޢަސްކަރީ ޤާބިލުކަން އިތުރުވެ، ރާއްޖޭގެ ސިޔާދަތީ މިނިވަންކަމަށް މިވަނީ ވަރަށް ބޮޑު ރައްކާތެރިކަމަކާއި ޔަޤީންކަމެއް ލިބިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތަކީ ރަޙްމަތްތެރިކަމުގެ މައްޗަށް ބިނާވެފައިވާ ސިޔާސަތެއް. އެ ރަޙްމަތްތެރިކަމުގެ ތަރަހައަކީ އިޙްތިރާމާއި އިތުބާރާއި ޔަޤީންކަން. ސިޔާސީ ގުޅުންތަކުން ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ރާއްޖެއަށް ލިބެނީ އިޙްތިރާމާއި ޤަދަރު. އިތުރަށް ކަށަވަރުވަމުން ދަނީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށްދިނުމުގައި، އެ ޤައުމުތަކުންވެސް ފުރިހަމަ އެއްބާރުލުން ދޭނެކަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވޭނީ، ސަރަޙައްދީ ޞުލްހަޔާއި ހަމަޖެހުން ދެމިއޮތް މިންވަރެއްގެ މައްޗަށް ކަމަށެވެ. އެހެންކަމުން، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި، ދިވެހީންވެސް އަދާކުރަންޖެހޭ ދައުރެއް އެބަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިއަދުގެ ދިވެހި ޢަސްކަރިއްޔާއިން އެ ޒިންމާ ވަރަށް ފުރިހަމައަށް އަދާކުރަމުން އަންނަކަން އަޅުގަނޑު ޤަބޫލުކުރަން،" ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް