އަނެއްކާވެސް ގިނައަދަދެއްގެ ކުޑަކުދިން ގަޔަށް މުއްދަތު ހަމަވެފައިވާ ވެކްސިން ޖެހި މައްސަލައެއް

ވިލިމާލެ ހޮސްޕިޓަލް: އެ ހޮސްޕިޓަލްގައި ކުޑަކުދިންތަކަކަށް މުއްދަތު ހަމަވެފައިވާ ވެކްސިންތަކެއް ޖެހި މައްސަލައެއް ވަނީ ފެންމަތިވެފައި -- ފޮޓޯ/ ވިލިމާލެ ހޮސްޕިޓަލް

ވިލިމާލެ ހޮސްޕިޓަލުން އަނެއްކާވެސް މުއްދަތު ހަމަވެފައިވާ ވެކްސިންތަކެއް ކުޑަކުދިންގެ ގަޔަށް ޖެހި ކަމަށް ވެކްސިން ޖެހި ކުއްޖެއެއްގެ އާއިލާއިން ބުނެފިއެވެ،

އެ ހޮސްޕިޓަލުން މުއްދަތު ހަމަވެފައިވާ ވެކްސިން ދީފައިވާ ކުޑަކުއްޖެއްގެ އާއިލާއިން "ސަން"އާ ވާހަކަ ދައްކަމުން މިރޭ ބުނީ، ކުއްޖާއަށް މިހާރު އަށް މަސް ވެފައިވާ ކަމަށެވެ. އަދި ކުއްޖާއަށް ހަތަރު މަހުގައި ދިން ވެކްސިނަކީ މުއްދަތު ހަމަވެފައިވާ ވެކްސިނެއްކަން ހޮސްޕިޓަލުން އާއިލާއަށް އެންގީ މިއަދު ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ ހޮސްޕިޓަލުން ގުޅައި އެކަން އާއިލާއާ ހިއްސާކުރުމާއެކު އެކަން ހިނގިގޮތުގެ ތަފްސީލު ހޯދަން ހޮސްޕިޓަލަށް ދިޔުމުން އިތުރު މައުލޫމާތުތަކެއް ލިބުނު ކަމަށެވެ.

"އެމީހުންނާ ވާހަކަ ދައްކަމުން ގޮސް އެމީހުންނަށް ބުނެވުނީ އަހަރުމެނަށް އެނގުނޭ ދެވުނީ އެކްސްޕަޔާ ވެފައިހުރި ވެކްސިނެއްކަން އެކަމަކު އެވާހަކަ އެޗްޕީއޭއަށް އެންގުމުން އެޗްޕީއޭއިން ބުންޏޭ ތިވާހަކަ އަދި އެއްވެސް ގޮތަކަށް ނުދައްކާ މަޑުކުރަން،" އޭނާ ކިޔައިދިނެވެ.

މުއްދަތު ހަމަވެފައިވާ ވެކްސިން ދެވުނު 20ވަރަކަށް ކުޑަކުދިން އެބަ ތިބިކަމަށް ވިލިމާލެ ހޮސްޕިޓަލުން ބުނިކަމަށް ވެސް އޭނާ ބުންޏެވެ.

މިކަމުގެ ކަންބޮޑުވުން ހިއްސާކުރަމުން އޭނާ ބުނީ ވިލިމާލެ ހޮސްޕިޓަލަށް ކުރާ އިތުބާރު މިހާރު ގެއްލިފައިވާކަމަށެވެ. އެކަމާ ގުޅިގެން އެ ހޮސްޕިޓަލުން ޚިދުމަތް ނުހޯދަން އެ އާއިލާއިން ވަނީ ނިންމައިފައެވެ.

"މިއީ ސިލްސިލާކޮށް ވާ ކަމެއް. އަލަކަށް ނޫން އެކްސްޕަޔާވެފަ ހުރި ވެކްސިން ކުޑަކުދިންނަށް މި ދިނީކީ ވިލިމާލެ ހޮސްޕިޓަލުން،" އޭނާ ބުންޏެވެ.

މުއްދަތު ހަމަވެފައިވާ ވެކްސިންތަކެއް ކުޑަކުދިން ގަޔަށް ޖަހައިގެން މީގެ ކުރިން ވެސް ވިލިމާލެ ހޮސްޕިޓަލުން މުވައްޒަފުންތަކެއް ވަނީ ސަސްޕެންޑުކޮށްފައެވެ.

އައިޖީއެމްއެޗުން އެ މައްސަލައިގައި މީގެ ކުރިން ނެރުނު ބަޔާނެއްގައި ވަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އެ ހޮސްޕިޓަލާއި އެޗްޕީއޭއިން އެ މައްސަލަ ބަލަމުން ދާކަމަށެވެ.

އެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް އެންމެ ފުރަތަމަ ގެނައީ ވިލިމާލޭ ދާއިރާގެ މެންބަރު އަޙުމަދު އުޝާމެވެ.

އުޝާމް އޭރު ކުރެއްވި ޓުވީޓެއްގައި ވަނީ ވިލިމާލޭ ހޮސްޕިޓަލުގައި ދުވަސް ހަމަވެފައިވާ ވެކްސިނެއް ކުޑަކުދިންތަކަކަށް ދީފައިވާ ކަމުގެ ޝަކުވާ ވިލިމާލޭގެ ގިނަ ރައްޔިތުންގެ ފަރާތުން އޭނާއަށް ލިބިފައިވާ ކަމަށެވެ.

އުޝާމް ހިއްސާކުރެއްވި ފޮޓޯއިން ފެންނަ ފުޅީގައި ވެކްސިން އުފެއްދި ތާރީޚުގެ ގޮތުގައި އޮތީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހެވެ. މުއްދަތު ހަމަވާ ތާރީޚަކަށް އޮތީ މި އަހަރުގެ ޖެނުއަރީ މަހެވެ. ނަމަވެސް އެއީ ކޮން ބާވަތެއްގެ ވެކްސިނެއްކަން އެ ފޮޓޯއިން ސާފެއް ނުވެއެވެ.

މިކަމާ ބެހޭގޮތުން ހެލްތު މިނިސްޓަރު އަހްމަދު ނަސީމަށް "ސަން"އިން ގުޅާލުމުން އައިޖީއެމްއެޗް މެދުވެރިކޮށް އެ މައުލޫމާތު ހޯދުމަށް އެދިވަޑައިގަތެވެ. ނަމަވެސް އައިޖީއެމްއެޗްގެ ސީއީއޯ ބަންދު އިބްރާހީމް ސަލީމަށާއި އެ ހޮސްޕިޓަލްގެ މީޑިއާ ޑިޕާޓްމަންޓަށް ގުޅުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ.

comment ކޮމެންޓް