"ކީރިތި ގުރުއާނަކީ ހިތުގެ ޝިފާއެކެވެ. ގިނަގިނައިން ގުރުއާން ކިޔެވުމުން ހިތާއި ސިކުނޑިއަށް ބަޔާންނުކުރެވޭފަދަ ހަމަޖެހުމާއި އުފާވެރިކަން ލިބޭނެއެވެ."

***

އަލްވާގެ ތުންފަތް މަތިން ހިނިތުންވުމެއް ފެނުނެވެ. އަދި ލޮލުން އުފާވެރިކަމުގެ ކަރުނަ ތިއްކެއް ވެއްޓުމުން މެހެކްވެސް ހައިރާންވިއެވެ.

"އަލްވާގެ ހިތުގައިއޮތްހާ އިހުސާސްތައް މިހުރިހާ ދުވަހު ހުރީ ފޮރުވައިގެންނޭ ނުބުނާތި."މެހެކް ހަޅޭއްލަވައިގެންފާ އަލްވާގެ ގައިގާ ބައްދައިލިއެވެ. "އަވަހަށް ހިނގާ އަލްވާގެ ބައްޕައާއި ވާހަކަދައްކާލަން........."

***

ޖެހިގެން އައި ދުވަހު ހާމިދު ނަވޫދުއާއި ވާހަކަދައްކައިލަން އެގެއަށް ދިޔައެވެ. ހާމިދު އެނބުރި އައީ ހަލާކުވެފައިވާ ހިތަކާއިގެންނެވެ. އަމީރާ ޝުކުރުވެރިވީ ދަރިފުޅަށް އޭޭނަގެ ބައްޕަގެ މޫނު ނުފެނުނުކަމަށްޓަކައެވެ. އަލްވާގެވެސް ހިތް ހަލާކުވީހެވެ.

ހާމިދުގެ މޫނުގައިވި ހިތްދަތިކުލަތަކުގެ ދިމާ އިދިކޮޅަށް އަލްވާގެ މޫނުމަތި ދިއްލިފައިވިއެވެ. ހިނިތުންވުން ފުޅާކަމުން ލޮލުގެ ކަނުން ކުދި ރޫތަކެއް ފައުޅުވިއެވެ. ކަންބޮޑުވުމާއި ނުތަނަވަސްކަމާއެކުވެސް ބައްޕަގެ ފަރާތުން ޚަބަރު އަހާހިތުން ފޯރިއައިސްފައެވެ. ކައިވެނީގެ ހުށަހެޅުމަށް ނަވޫދު ދިނީ ކޮން ޖަވާބެއްބާވައެވެ. އޭނަ އެ ހުށަހެޅުން ނެގީ ކިހިނެއްހެއްޔެވެ؟ އުފަލުންގޮސް މޫނު އުޖާލާވިހެއްޔެވެ؟ހުރިހާ ކަމެއް އެނގެން ބޭނުންވިނަމަވެސް އޭނަގެ ބައްޕަ ހުރިހާކަމެއް ބަޔާންކޮށްނުދޭނެކަން އަލްވާއަށް އެނގުނެވެ.

"އަލްވާ، އަލްވާގެ ޝައުގު ނަވޫދުއަށް ދެވުނު ސަބަބަކީ އޭނަ އަލްވާ ސަލާމަތްކޮށްދިނީމަތަ؟ އޭޭނައަށްވުރެ އަލްވާއާއި ގުޅޭ ބައިވެރިން ބައްޕަގެ އެކުވެރިންގެ ދަރިންގެ ތެރޭވެސް އެބަތިބި......" ހާމިދުގެ ޖުމްލައާއެކު އަލްވާގެ ހިނިތުންވުން ކޮންމެވެސް ވަރަކަށް ފަނޑުވިއެވެ.

"ބައްޕާ. ތިހެން ބުނީ އޭނަ ރަގަޅަށް ނޭގޭތީ. ހަމައެކަނި އަޅުގަނޑު އެމަރުކަޒުން ސަލާމަތްކޮށްދިނީއެއް ނޫން އެކަމަކު......"

"ހަމަހޭޖެހޭ ކޮންމެ ފިރިހެނަކުވެސް އެހީތެރިކަމަށް ބޭނުންވެފައި ހުރި މީހަކަށް އެހީތެރިވާނެ އަލްވާ. ނަވޫދުގެ ކޮއްކޮ ނަމްރާއަށްވެސް އެތަނުން ޓާގެޓްކުރި ދޯ. އެކުއްޖާވެސް އުފަންވިއިރު ކަޅީގައި ދެކުލަ ހުރުމުން ތަހުލީލުކުރާ ސަބްޖެކްޓްއަކަށް ބޭނުންކުރަން އުޅުނީ. އެކަމަކު އެމީހުނަށް ފިލަން އުޅުމުގެ ތެރޭ ފައި ގެއްލުނީ..."

"ނަވޫދު ބައްޕަ ކައިރީ އެހެން ބުނީތަ؟"

"އާނ....އަލްވާ ނެގުމުގެ ކުރިންވެސް އޭނަ ދިޔައީ އެމަރުކަޒު ތަހުގީގުކުރަމުން. ޔަތީމުކުދިންގެ މަރުގެެ ހަގީގަތް ހޯދަން އޭނައާއި ކޮއްކޮވެސް މަސައްކަތްކުރަމުން ދިޔައީ....." އަލްވާގެ މޫނަށް ވެރިވި ހިތްދަތިކަން ފެނި ހާމިދުއަށް އަސަރުކުރިއެވެ.

"ނަވޫދު ގަބޫލުނުވީތަ؟" އަލްވާ ސީދާ އެ ސުވާލަށް ދިޔައެވެ.

ހާމިދު ހިންދިރުވައިލިއެވެ. އަލްވާއަށް އިތުރު ތަދެއް ދޭން ހާމިދު ބޭނުމެއްނޫނެވެ. އެކަމަކުވެސް އެވަގުތުކޮޅު އެންމެ ރަގަޅުވާނީ އަލްވާއަށް ހަގީގަތް އެނގުން ކަމުގައި ދެކުނެވެ.

"ނަވޫދު ނަމްރާ ގޮވައިގެން ގައުމު ދޫކޮށް ދާން އުޅެނީ. ނަމްރާގެ ފަޔަށް އިތުރު ފަރުވާ ބޭނުންވާތީ. އޭނަ ކައިވެނި ކުރަން ބޭނުމެއްނުވޭ އަދި. ފުރަތަމަ ބޭނުންވަނީ ކޮއްކޮ ބަލަހައްޓާށޯ........" އަލްވާއަށް އަސަރުުނުކުރާފަދަ ގޮތަކަށް އެވާހަކަ ބުނަން ހާމިދު މަސައްކަތްކުރިއެވެ.

"ވީއިރު އޭނަ ބުނީ ނޫނެކޭ...." އަލްވާގެ މޫނުމަތިން އެއްކޮށް ހިނިތުންވުން ފިލައިގެން ހިގައްޖެއެވެ. އޭނަ ސޯފާއަށް ހަށިގަނޑު ދޫކޮށްލީ ކުޑަވީވަރުންނެވެ. އަދި ލަދުވެތިކަންވެސް އިހުސާސްވިއެވެ. ނަވޫދުގެ އެ އޯގާތެރި އަމަލުތަކުން އެހެން މާނައެއް ނެގުނީ ކީއްވެބާވައެވެ. އޭނައާއި ރުހޭކަމުގައި ހީކުރެވުނީ ކީއްވެހެއްޔެވެ؟

ނަވޫދު އެކައިވެނި ބޮލާލާ ޖެހުމުން އެކަން ނަގައިގަންނަން ހީކުރިވަރަށްވުރެވެސް ބޮޑަށް އަލްވާއަށް އުދަގޫވިއެވެ.

އަލްވާއަށް ގޮސް ހުރެވުނީ ނަވޫދުއާއި ނަމްރާގެ އެކުޑަ ކުޑަގޭގެ ބޭރުގައި ހުއްޓިލައިގެންނެވެ. އެގެ ހުރީ ފަޅަށެވެ. ނަވޫދު އެހެން ކަންތައްކުރީ ކީއްވެހެއްޔެވެ؟ އެމީހުން އެތަން ދޫކޮށް ހިނގައްޖެއެވެ.އޭނަ އަލްވާ ސަލާމަތްކުރުމަށްފަހު އެންމެ ފަހަރަކުވެސް އަލްވާ ދެކެން ނާދެއެވެ. އެންމެ ފަހަރަކުވެސްމެއެވެ. އެންމެ ފަހަރަކުވެސް ނަވޫދުގެ އަޑު ކަންފަތުގައި ޖެހުމުގެ ނަސީބެއްވެސް ނުލިބުނެވެ. ނަވޫދު އެހެން ހެދިޔަސް ހަގީގަތުގައި އެކަމުގެ ގޯހެއްނެތެވެ. އެކަމަކުވެސް އޭނައަށް އިހުސާސްކުރެވުނީ ކަނޑުގެ އެންމެ ފުން ހިސާބަށް އޭނަގެ ހިތް އެއްލައިލެވުނުހެންނެވެ. ލޮލަށް ނުފެންނާތީ އޭނަގެ ދުނިޔެވަނީ މިހާރުވެސް އަނދިރިވެފައެވެ. ނަވޫދުގެ ފަރާތުން އެ ޚަބަރު އިވުމުން އިތުރަށް އެ ދުނިޔެ އަނދިރިވީ ތަފާތު ގޮތަކަށެވެ. މާ ބޮޑަށް ތަދުވާފަދަ ގޮތަކަށެވެ.

"އަލްވާ. ގެއަށް ދަމާ..."މެހެކް އަލްވާގެ އަތުގައި ހިފެހެއްޓިއެވެ.

ބަހުގައި ގެއަށް ދިޔަ މަގުމަތީގައި އަލްވާގެ ހިމޭން ކަރުނަތައް ނުފެންނަކަމަށް މެހެކް ހެދުނެވެ. އެގޮތަށް ކަރުނަ އޮއްސުމުން ހިތަށް ލުއިވާނެއެވެ. މެހެކްއަށް އެކަން އެނގޭތީ އަލްވާ އޭނަގެ ފުރަތަމަ ލޯތްބަށްޓަކާ ކަރުނަ އޮއްސަން ތަން ދިނީއެވެ.

ގެއާއި ހަމަޔަށް ފޯރުމުން އަލްވާގެ ގޭގެ ދޮރުމަތީގައި ފޮށްޓެއް ހުރިކަމުގައި މެހެކް ބުނެލިއެވެ.

"ކޮންމެވެސް އެއްޗެއްގެ އަޑު އެބައިވޭ...." އަލްވާ ފަރުވާތެރިކަމާއެކު އަޑުއަހަމުން އެ ފޮށްޓާއި ކައިރިއަށް ހިނގައިގަތެވެ. ބުޅަލެއްގެ ގޮވުމުގެ އަޑާއެކު އެ ފޮށިން ބޯ ދިއްކޮށްލީ ބުޅަލެކެވެ. އަލްވާ ގުދުވެފައި އަތްދިއްކޮށްލިއެވެ. އޭގެ ސާހިބާކަން އެނގިގެންފަދަ ގޮތަކަށް އޭގެ ބޮޑު ކެހެރިގަނޑަކުން ފޮރުވިފައިވާ ބޮލުން އަލްވާގެ އަތުގައި ކާއްތައިލިއެވެ.

"މިއީ ބުޅަލެއް. އެކަމަކު އަލްވާމެންގެ ގޭގެ ދޮރުމަތީގައި ފޮށްޓަކަށް ބުޅަލެއް ލާފައި ބާއްވަންވީ ކީއްވެތަ؟"މެހެކް ބުމަ އަރުވައިލިއެވެ.

ގޭތެރޭގައި ހުރި އެލީސާގެ ކަންފަތުގައި ބުޅަލެއްގެ އަޑު ޖެހުމުން ދުވެފައިއައިލެއް ބާރުކަމުން ބަންޑުން ވެއްޓުނެވެ.

"އަލްވާ. މިސޮރުގެ ކަރުގައި ނޯޓެއް އަޅުވާފައި އެބައޮތް....." މެހެކް ގުދުވެ އެ ނޯޓްނެގިއެވެ.

"ތީގައި އޮތީ ކީކޭތަ؟" އަލްވާ ބުޅާ އުރައިލަމުން އެހިއެވެ.

"އަޖައިބުވާފަދަ ލަފުޒުތަކެއް.. މީގަ ލިޔެފައި މިއޮތީ 'ބުޅަލެއް ސަލާމަތްކުރަން ކަނޑަށް ފުންމައިލަންވެސް ޖެހިލުންނުވާނެ ކުއްޖާއަށް...ޕީއެސް ފަތަން ދަސްކުރާތި'.."

"އެއީ އަހަންނަށް..." އެލީސާ އުފަލުން ތޫނުކޮށް ހަޅޭއްލަވައިގަތުމުން ކަށިގަނޑެއް ފުމެލިހެން ހީވިއެވެ. "އަހަރެން ކޮންމެ ދުވަހެއްގައި ކޮންމެ ވަގުތެއްގައިވެސް ބުޅަލެއް ސަލާމަތްކުރަން ކަނޑަށް ފުންމައިލަފާނަން..."

"އެކަމަކު ފަތަން ދަސްކުރާކަށް އެލީސާއަކަށް ނުޖެހޭނެ. ފެތުމުގެ މުބާރާތުން އެލީސާ އެއްވަނަ ހޯދީމެއްނު...." މެހެކް އެލީސާއަށް ހަނދާންކޮށްދިނެވެ. މެހެކްއާއި އެލީސާވެސް ހައިރާން ކުރުވާފައި އަލްވާ ރޯންފެށިއެވެ. އަދި އެއްފަހަރު އަލްވާ ރޮނީކަން ނޫނީ ހެނީކަންވެސް މެހެކްއަށް ނޭގުނެވެ.

"މިއީ މުޅިން ހުދުކުލައިގެ ބުޅަލެއްތަ؟"

"އަލްވާއަށް އެނގުނީ ކިހިނެއްތަ؟"

"މިއީ ނަވޫދުގެ ބުޅާ..." އަލްވާ އޭނަގެ ކޯތާފަތް ފޮހެލަމުން ހިނިތުންވެލިއެވެ. "އޭނަ އަހަންނަށް މި ބުޅާ ހަދިޔާކުރީ މާފަށް އެދުމުގެ ގޮތުން ކަންނޭނގޭ..." އަލްވާގެ ހިތަށް ކިތަންމެ ތަދުވިޔަސް އޭނަ ނަވޫދު ކައިވެންޏަށް ދެކޮޅުހެދުމާއި މެދު ޖޯކެއްޖެހިއެވެ. ނިމުނުއިރު ހަދިޔާއަކަށް ބުޅަލެއް ދޭހާ އޯގާތެރި އިންސާނެކެވެ.

"އަހަރެން ނަމެއް ދޭނަން އިނގޭ...." އަލްވާ ބުޅަލާއި މުޚާތަބުކުރިއެވެ. އޭނަގެ ޚިޔާލަށް އައީ ނަވޫދު އިސްކުރު ކަށިގަނޑެއް ހިފަހައްޓައިގެން ހުރިތަނެވެ.

"ސްކްރޫ....."އަލްވާ ހީލިއެވެ.

"ތިއީ ކޮންފަދަ ނަމެއްތަ؟ އެނަން ހިތަށްވެސް އައީ ކިހިނެއް؟" މެހެކް ހީގަތެވެ. އަލްވާ ޖަވާބެއް ނުދިނެވެ. ބުޅަލަށް ދިން ނަމުގެ ފަހަތުގައިވި ޚިޔާލު ސިއްރު ކުރަން އަލްވާ ނިންމިއެވެ.

***

ފަސް އަހަރު ފަހުން

ޔަމަނުގައިވި ނާކިއާގެ ބައްޕަގެ ކުޑަ އަވަށަށް ދިރިއުޅުން އޭނަ ބަދަލުކުރިއިރު އަލްވާވެސް އޭނައާއެކު ދިޔައެވެ. އޭނަ އެތަނެއް ދެކެ ލޯބިވި ތަންތަން ލޮލުން ނުދެކި ހުންނަންވުމުން އަލްވާގެ ހިތަށް ތަދުވީ އޭނަ ޚިޔާލުކުރިވަރަށް ވުރެވެސް ބޮޑުކޮށެވެ. އެތަނުގައި ހުރުމުން އަލްވާ ހަނދާން ނައްތައިލަން ބޭނުންވި ކަންތައްވެސް ހަނދާން ނައްތައިލުން ފަސޭހަކަމަކަށް ނުވިއެވެ. ހާމިދުއާއި އަމީރާ އަލްވާގެ އެ ނިންމުމާއިމެދު ހިތާމަކުރިއެވެ. ނާކިއާ ވައުދުވީ އަލްވާއަށް ޒިޔާރަތްކުރަން ޓިކެޓް ފޮނުވާނެކަމުގައެވެ. އެހެން ތަނަކަށް ދިރިއުޅުން ބަދަލުކުރުމަކީ އަލްވާއަށް އެވަގުތު އޮތް އެންމެ ރަގަޅުގޮތްކަމުގައި ނާކިއާވެސް ދެކުނެވެ. ނަފްސާނީގޮތުން ލިބިފައިވާ ގެއްލުންތަކުން އަރައިގަންނަންވެސް ފަސޭހަވާނެއެވެ.

ނެދަރލެންޑުގެ ޒަމާނީ ކުރިއަރާފައިވާ ޝަހަރުތަކާއި ބަލާއިރު ޔަމަން ވަރަށް ތަފާތެވެ. ޔަމަންއަކީ ސަހަރާގެ ހިލަ ބިމެކެވެ. ހުރިހާ ކުދި ކުދި އަވަށްތަކަށް ސަހަރާގެ ވެލިކުލައިގެ ޕެއިންޓް އޮއްސާފައިވާފަދަ ގޮތަކަށް އަވަށްތައް ފެނެއެވެ. މަގުމަތިން ފެންނަނީ ކަޅުކުލައިގެ ހެދުންތަކުގައި ތިބި އަންހެންވެރިންނާއި ހުދު ޖުއްބާތަކުގައި ތިބި ފިރިހެނުންނެވެ. ނިވާކަން ކުޑަ ގޮތަކަށް ހެދުން އަޅައިގެން ތިބި ބަޔަކު ފެންނާކަށް ނެތެވެ. މަގުމަތި އެހާ އަމާނެވެ. މެދުނުކެނޑި އިވެމުންދާ އުޅަދުފަހަރުތަކުގެ އަޑެއް ބަޑެއް ނީވެއެވެ. އެތަން މިތާގައި ކާނާ ވިއްކާ ގާޑިޔާތަކެވެ. މަގުމަތީގައި ހިފާފައިވީ ތާޒާ ޕާނުގެ މީރުވަހާއި ހަވާދުގެ ސާމާނުގެ ވަހެވެ.

ނާކިއާ އިސްލާމީ ޝަރީއަތާއި ސައިކޮލޮޖީއިން ތައުލީމު އުނގެނިފައިވުމުން ދައުވާ ދޭނެ ތަނެއް ހުޅުވިއެވެ. ހިދާޔަތަށް ބޭނުންވެފައި ތިބި މީހުންނަށްޓަކައެވެ.

ސަޔާރާ ބޮޑުވަމުން ދިޔަވަރަށް ނާކިއާގެ އިސްތަށިގަނޑުގެ ރަތްކަމާއި ސުފިޔާންގެ ލޮލުގެ ކުލަ ލިބެމުން ދިޔައެވެ.އަލްވާ ލޯ ފަންކުއްޖެއްކަމުގައި ވިޔަސް ސަޔާރާ އަލްވާއާއި ނިކަން ދޯޅުވިއެވެ. އަލްވާ ސަޔާރާއަށް ވާހަކަތައް ކިޔާދީ އަދި ކުޅެހަދައެވެ.

އަލްވާގެ އެންމެ ފުރަތަމަ ވާހަކަފޮތުގެ އެންމެ ފަހު ލަފުޒުތައް އޭނަގެ ދުވަސްވީ ޓައިޕްރައިޓަރުން ލިޔެ ނިންމައިލުމަށްފަހު އޭނަ ﷲއަށް ދުޢާކުރީ އޭނަގެ މަސައްކަތުގައި ބަރަކާތް ލައްވައި އެއީ ސަދަގާ ޖާރިޔާއެއްކަމުގައި ލައްވާ މުސްލިމުންނަށް އިބުރަތަކަށްވެ އަދި މުސްލިމުން ނޫން މީހުންނަށް ހިދާޔަތް ދެއްވުމުގެ ސަބަބެއްކަމުގައި ލެއްވުމަށެވެ. ޓައިޕްރައިޓަރ އަކީ ބްރެއިލް އެއްޗަކަށްވުމުން ޓައިޕްކުރަން އޭނައަށް ފަސޭހަވިއެވެ. އަދި ނާކިއާ އެވާހަކައިގެ ކުށްތައް ރަަގަޅުކޮށްދިނެވެ. އެވަގުތު ސްކްރޫ ފުންމައިގެން އައިސް އޭނަގެ އުނގަށްއަރާ ނިދަންވެގެން ހަމަޖެހިލައިފިއެވެ. ވާހަކަ ލިޔާއިރު ސްކްރޫ އަބަދުވެސް އޭނަގެ އެކަނިވެރިކަން ފިލުވައިދޭ ބައިވެރިއެއްކަމުގައިވިއެވެ.

އަލްވާ މޯޅިއަކަށް ދެމިލާފައި ހިނިތުންވެލީ މާޒީގެ ދުވަސްތައް ހަނދާންވެފައެވެ. އެއް އިރެއްގައި އޭނަ ކިޔުންތެރިންގެ ހިތްތައް އަތުލައިގަންނަ ފަދަ ވާހަކައެއް ލިޔުމުގެ ހުވަފެން ދެކުނެވެ. އަންހެންކުއްޖަކާއި އޭނަގެ ފުރަތަމަ ލޯތްބާއި އެކުއްޖާ ދަތުރުކުރަން ހުރި ލޯތްބާއި ފުރަތަމަ ހިތްހަލާކު އަދިވެސް ކިޔުންތެރިން ދެންވަނީ ކިހިނެއްތޯ ބަލަން ކެތްތެރިކަމެއްނެތި އިންތިޒާރުކުރާފަދަ ވާހަކައެއް ލިޔަން އޭނަ ބޭނުންވިއެވެ. އެކަމަކު ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް އޭނަގެ ޚިޔާލުވެސް ތަފާތުވިއެވެ. އޭނަ ލިޔަންޏާ ލިޔާނީ ކިޔުންތެރިންގެ ސަމާލުކަން ލިބޭފަދަ ގޮތަކަށް އިސްލާމް ދީނުގެ މެސެޖް ފޯރުވާފަދަ ގޮތަކަށެވެ. އޭރުން ވާހަކަ ލިޔުމުގައި އެ ހޭދަކުރާ ވަގުތު ބޭކާރު ނުވެ ދީނާއި ބެހޭގޮތުން ލިޔެވި ﷲއަށްޓަކާ ލޯބިވާން ހިތްވަރުދެވޭނެއެވެ. ދީނީ ފިލާވަޅެއް އިބުރަތެއް ނުލިބޭފަދަ އެއްޗަކަށްވުރެ އެފަދަ ފޮތެއް މުހިއްމުކަމުގައި އޭނަ ދެކުނެވެ.

އޭނަ އެ ވާހަކައިގާ އޭނަގެ ހަޔާތުން ލިބުނު އިބުރަތްތައް ހިމަނައިލިއެވެ. މީހާގެ ބޭރުފުށުގެ ސިފަތަކުގެ ރީތިކަމަށް ބެލުމުގެ އެއްވެސް މާނައެއްނެތެވެ. ސަބަބަކީ މުހިއްމީ މީހާގެ ހިތްކަމުގައިވާތީއެވެ. އެމީހާގެ ހިތުގައި ﷲއާއި ދީނަށް ލޯތްބެއްނެތިއްޔާ އެހިތް އަނދިރިވާނެކަމާއިމެދު ޝައްކެއްނެތެވެ. އަދި އެފަދަ މީހަކާއި އެކު ހަޔާތުގެ ދަތުރުގެ ނިމުން ރަގަޅެއްނުވާނެއެވެ. އަލްވާގެ މަސައްކަތް ދިގުވެފައި ހަތަރުސަތޭކަ ސަފުހާ ހިމެނުނެވެ. އެލިޔުންގަނޑު ފަށުވިވެފައި ކިޔުންތެރިން ޖަޒުބާތުގައި ޖައްސާލާ އަދި ﷲގެ ކުޅަދުންވަންތަކަމާއި ބޮޑުކަން ދޭހަކޮށްދޭފަދަ ގޮތެއް ހުއްޓެވެ.

އޭނަގެ ފޮތުގެ އެންމެ ބޮޑު "ސަޕްރައިޒް" އަކީ ޝަހްނާޒް އާދަމްގެ ސަފުހާއެކެވެ. ޝަހްނާޒުގެ ލިޔުން އޭނަގެ ވާހަކައިގާ ހިމެނުނީ ހަމަ ހައިރާންކުރުވަނިވި ގޮތަކަށެވެ.

***

ޝަހްނާޒު ހޭއެރުމާއެކު ފުރަތަމަ ކަމަކަށް ޕްރެސް ކޮންފެރެންސެއް ބޭއްވިއެވެ. އޭނަ ރޮއިފާ މުޅި ދުނިޔެއަށް ކިޔައިދިނީ އެހުރިހާ ޔަތީމްކުދިންގެ ގަތުލުގެ ފަހަތުގައިވީ އޭނަގެ ފިރިމިހާ ޑޮކްޓަރ އުސްމާނުކަމަށެވެ. ބައްޕަގެ ސަބަބުން ސިކުނޑި ދޮވެލާފައި އޭނަގެ ދަރިފުޅު ސުފިޔާންއަށްޓަކާވެސް ޝަހްނާޒް ރުޔެވެ. އޭނަ ފުލުހުންނަށް އާދޭސްކުރީ ދަރިފުޅު މަރުގެ ހުކުމް އުވާލާ ދޫކޮށް ދިނުމަށެވެ. ދަރިފުޅު ގަތުލުކޮށްފިއްޔާ އެންމެ ދުވަހަކަށްވެސް އޭނައަށް ދުނިޔެއަކު ނުހުރެވޭނެއެވެ.

ޝަހްނާޒް އޭނަގެ ފިރިމީހާގެ ފަރާތުން އެނގުނުހާ ސިއްރެއް ހާމަކޮށްދިނެވެ. މަރުކަޒުގެ ސިއްރުތައް އޭނައަށް އެނގުނު ދުވަހު ކުއްލި އެކްސިޑެންޓެއްގައި އޭނަ ޒަޚަމްވިއެވެ. އެކްސިޑެންޓްގެ ފަހަތުގައިވި މޭސްތިރިއަކީވެސް އުސްމާނެވެ. އަދި އޭނަ ކޯމާއަކަށް ފޮނުވައިލީ ޚުދު އުސްމާންގެ އަތުންނެވެ. ޝަހްނާޒް ދުވަހެއްގެ ކޮޅުންވެސް ހޭލަފާނެކަމަށް އޭނަ ހިޔެއްނުކުރެއެވެ. އެކަމަކު އުސްމާންގެ މަރަށް ތިން އަހަރު ފަހުން އޭނަ ހޭލާ އުސްމާނުގެ ނުބައި އަމަލުތަކުގެ ޝިކާރައަކަށް އޭނަ ވި ވާހަކަ ބުނެވުނެވެ. އުސްމާނު މަރައިލެވުނު ހާދިސާއާއި ގާތިލު ޖަލަށް ލިކަން އަލްވާއަށް އެނގުނީވެސް ރޭޑިއޯގެ ޒަރީއާއިންނެވެ. އުސްމާން ފަސްއަހަރު ކުރިން މަރުވިކަމެއް އޭނަ ނުދެނެހުއްޓެވެ.

ސަދަފްގެ "ގްލެމަރަސް" ހަޔާތްވެސް އެހިސާބުން ނިމުމަކަށް އައެވެ. އަދި އޭނަގެ ސޫރައަށް ބަދުބަސްބުނެ މަލާމާތްކުރަންފެށިއެވެ. އެދުވަހު ސަދަފްއަށް ވިސްނުނީ މީހުންގެ ތައުރީފުތަކަކީ ބޭކާރު މާނައެއް ނެތް އެއްޗެއްކަމެވެ. އެއް ދުވަހެއްގައި އެންމެންގެ 'އައިޑަލް' ކަމުގައިވި ކުއްޖާގެ ކަރަށް ފައިން އަރަން އަނެއް ދުވަހު އެތިބީ ތައްޔާރަށެވެ. އޭނަގެ ބައްޕައާއި ބޭބެގެ ކުށުގައި އެއްވެސް ބައިވެރިވުމެއްނެތް އިރުގައިވެސް މެއެވެ. ހަޔާތަކީ އެފަދަ އެއްޗެކެވެ. މި ދުނިޔޭގައި ދާއިމީ އެއްވެސް އެއްޗެއް ނުވެއެވެ.

ރޯޒްކްލިފްގެ ސިއްރުތައް ހާމަވުމުން މުޅި ދުނިޔެއަށް ސިހުމެއްލިބުނެވެ. އެއީ އެހާ ކާމިޔާބު ލޯބި އާއިލާއެއްކަމުގައި މީޑިއާގައި މަޝްހޫރުވި ބަޔެކެވެ. އެކަމަކު ފަރުދާގެ ފަހަތުގައި ކުޅެމުން ދިޔައީ އެހެން ތަމްސީލެކެވެ.

ޝަހްނާޒްއަށް ހިދާޔަތް ލިބި އޭނަ ހެއްދެވި ފަރާތަށް ހަޔާތް ވަގުފުކުރިއެވެ. އަދި ހެޔޮ އަމަލުތައް ކުރުމާއިގެން މަޝްޣޫލުވިއެވެ. ހަޔާތުން އެތައް އަހަރެއް ބޭކާރުކުރެވިއްޖެކަމުގެ އިހުސާސްވީއެވެ. ސަދަފްވެސް ހިނގީ އޭނަގެ މަންމަގެ ފިޔަވަޅު މަތިންނެވެ. ދެމައިންވެސް އެމްސްޓަޑަމްގެ އަންހެނުންނަށް އިސްލާމްދީން އުގަންނާދޭ ދީނީ ޝަޚުސްތަކަށްވިއެވެ.

ފިނި މޫސުމް ފެށުމާއެކު ގަނޑުވާފަދަ ފިނިކަމެއް ފަޒާގައި ވިއެވެ. ބައެއް ހިސާބުތަކަށް ސްނޯވެހެން ފެށިއެވެ. ނާކިއާއާއި އަލްވާ ސަޔާރާ ގޮވައިގެން ޔަމަނުން ބޭރުގައި ތިބި ދުވަސްކޮޅުގައި އެމީހުންނަށް ތިބެވުނީ ސްނޯވެހޭ ސަރަހައްދެއްގައެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު