ޕީޖީ އޮފީހުން މިދިޔަ މަހު އެންމެ ގިނައިން އުފުލީ ޑްރަގު ދައުވާ

-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ އޯގަސްޓް މަހު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން 189 މީހަކަށް 235 ދައުވާއެއް އުފުލާފައިވާ ކަމަށް އެ އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުން އާންމުކޮށްފައިވާ ތަފާސްހިސާބުގައިވާ ގޮތުން މިދިޔަ މަހު ޕީޖީއަށް 271 މައްސަލައެއް ހުށަހަޅާފައިވާ އިރު އޭގެ ތެރޭގައި އެންމެ ގިނައީ މަސްތުވާތަކެތި ބޭނުން ކުރުމާއި އެ ތަކެތި ޓްރެފިކް ކުރުމާއި މާރާމާރީ ހިންގުމުގެ މައްސަލަތަކެވެ. އެއީ ޑްރަގު ބޭނުންކުރުމުގެ 82 މައްސަލައާއި އެ ތަކެތި ޓްރެފިކް ކުރުމުގެ 47 މައްސަލައިގެ އިތުރުން ވައްކަން ކުރުމުގެ 58 މައްސަލައެވެ.

މީގެ އިތުރުން ޕީޖީ އޮފީހުން 235 ދައުވާއެއް ކޮށްފައިވާ އިރު އޭގެ ތެރޭގައި ވެސް އެންމެ ގިނައީ މަސްތުވާތަކެއްޗާ ގުޅުން ހުރި ދެ ދައުވާއެކެވެ. އެއީ ޑްރަގު ޓްރެފިކް ކުރުމުގެ 32 ދައުވާއާއި އެ ތަކެތި ބޭނުންކުރުމުގެ 73 ދައުވާއެވެ.

ހަމައެއާއެކު ވައްކަމުގެ 21 މައްސަލައަކާއި އެެއްޖިންސުން ގުޅުން ހިންގި ފަސް މީހެއްގެ މައްސަލަ ވެސް މިދިޔަ މަހު ކޯޓަށް ފޮނުވާފައިވާ ކަމަށް ޕީޖީގެ ތަފާސްހިސާބުން ދައްކައެވެ.

މިދިޔަ މަހު ނިސްބަތުން ކޯޓުތަކަށް އެންމެ ގިނައިން ހުށަހެޅި މައްސަލައިގެ ބާވަތަށް ބަލާއިރު، މައްސަލަތަކުގެ 53 ޕަސެންޓަކީ މަސްތުވާތަކެތީގެ މައްސަލަތައް ކަމަށްވާއިރު 28 ޕަސެންޓަކީ ވައްކަމުގެ މައްސަލަތަކެވެ. އަދި އޭގެ ތެރެއިން ފަސް ޕަސެންޓް މައްސަލައަކީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަކަން ފާހަގަ ކުރެވެއެވެ.

comment ކޮމެންޓް