ތަހުގީގަށް އަދީބު އޭސީސީއަށް ހާޒިރުކޮށްފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އެ ކޮމިޝަނަށް އިއްޔެ ހާޒިރުކޮށްފިއެވެ.

އޭސީސީގެ ސީނިއާ ކޮމިއުނިކޭޝަން އޮފިސަރު ނިޝާން މުހައްމަދު ދީދީ މިއަދު "ސަން"އަށް ވިދާޅުވީ ބަލަމުންދާ މައްސަލައަކާ ގުޅިގެން އިއްޔެ އަދީބު އެ ކޮމިޝަނަށް ހާޒިރުކޮށްފައިވާކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލާގައި އެންމެ ބޮޑަށް ޝަމިލުވާ ކަމަށް ތުހުމަތު ކުރެވޭ ބޭފުޅުންގެ ތެރޭގައި އަދީބު ހިނެނިވަޑައިގަންނަވައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އަދީބުގެ މައްޗަށް ވަނީ އެމްއެމްޕީއާރްސީން ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރަން ދޫކުރި ރަށެއްގެ މައްސަލާގައި ޚިޔާނާތުގެ ދައުވާ އުފުލައިފައެވެ. އެއީ ޅ. މާބިންހުރާގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރަން ކުރެއްދޫ ހޯލްޑިންގްސްއަށް ކުއްޔަށް ދޫކޮށްގެން އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ދައުލަތަށް ލިބުނު ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި އުފުލި ދައުވާއެކެވެ.

އެ މައްސަލަ ސާބިތުވެ އަދީބުގެ މައްޗަށް އަށް އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވިއެވެ. ނަމަވެސް 2018 ވަނަ އަހަރުގެ ފެބްރުއަކީ އެއް ވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރާއެކު އެ ހުކުމުގެ ބާރު ވަނީ ކެނޑިފައެވެ. އެއަށްފަހު އަދީބު މިނިވަންވިއެވެ.

އޭގެފަހުން މި ސަރުކާރު އައިފަހުން ވަނީ އަދީބުގެ މައްޗަށްް އުފުލާފައިވާ ހުރިހާ ދައުވާތައް އަނބުރާ ގެނެސް އިއުތިރާފުގެ އެއްބަސްވުމެއް ހަދައި ހަތް ދައުވާއެއް އޭނާގެ މައްޗަށް އުފުލައިފައެވެ. އެ ދައުވާތަކަށް ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފުވުމުން އަދީބު 20 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. ނަމަވެސް އަދީބު ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ.

އޭގެފަހުން ރައީސް ޔާމީންގެ މައްޗަށް އުފުލާ ދައުވާތައް ސާބިތުކުރަން ދައުލަތުގެ ހެއްކެއްގެ ގޮތުގައި އަދީބުގެ ނަން އަންނަނީ ހުށަހަޅަމުންނެވެ.

comment ކޮމެންޓް