ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ޑްރަގާއެކު ފަސް މީހަކު ހައްޔަރުކޮށްފި

ފުލުހުން މާލޭގައި ހިންގި ޑްރަގް އޮޕަރޭޝަނެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ ސިޓީ ހިތަދޫއާއި ޅ. ހިންނަވަރުގައި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއް ހިންގައި ފަސް މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ހިތަދޫ ފަޅު ގޯއްޗެއްގައި ބަނގުރާ ކައްކާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 11 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ބަނގުރާ ކެއްކުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނުތަކަކާއެކު ތިން މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެއީ 24 އަހަރާއި 40 އަހަރާއި އަދި 41 އަހަރުގެ ދިވެހި ތިން ފިރިހެނުންނެވެ.

އޭގެ އިތުރުން ހިތަދޫގައި މަސްތުވާތަކެތި ގެންގުޅޭކަމުގެ މައުލޫމާތު މި މަހުގެ 10 ވަނަ ދުވަހު، ލިބިގެން ހިންގި އޮޕަރޭޝަންގައި އުމުރުން 21 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން ބުނީ އެރަށު މަގުމަތިން އެ މީހާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 34 ސެލޯފިންކޮޅު ފެނިފައިވާ ކަމަށެވެ.

ހިތަދޫ ކޯޓުން ވަނީ އެ މީހާ 15 ދުވަހު ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

ފުލުހުން ހިންނަވަރުގައި ހިންގި އޮޕަރޭޝަނަކީ ޅ. އަތޮޅަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަނުގައި، އެ ރަށު ފަޅުގައި އޮތް ދޯންޏަކުން 36 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކުރުމަށްފަހު، އެ ދޯނި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށެވެ.

ހިންނަވަރު ކޯޓުން ވަނީ އެމީހާ 10 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައެވެ.

comment ކޮމެންޓް